އޭސިއާ ފައުންޑޭޝަން މޯލްޑިވްސްގެ އެހީތެރިކަމާއިއެކު ކުރިއަށް ގެންދާ ހަނިމާދޫ ޒުވާނުންގެ ޖަމިއްޔާގެ ހިންގުން ހަރުދަނާ ކުރުމުގެ ޕްރޮޖެކްޓްގައި ހިމެނޭ ތަޖުރިބާގެ ދަތުރުގައި އެ ޖަމިއްޔާގެ މެމްބަރުން އެ އަތޮޅު ނޭކުރެންދޫއަށް ޒިޔާރަތް ކޮށްފިއެވެ.

އެ ޖަމިއްޔާއިން 15 ޖަނަވަރީ 2022 ވީ ހޮނިހިރު ދުވަހު ނޭކުރެންދޫއަށް ކުރި ދަތުރުގައި ޖުމްލަ ނުވަ މެމްބަރުން ވަނީ ބައިވެރި ވެފައެވެ. އޭގެ ތެރޭގައި ހިމެނެނީ ފިރިހެން ހަ މެމްބަރުންނާއި އަންހެން ތިން މެމްބަރުންނެވެ.

Ad
rt

ނޭކުރެންދޫގައި ރަޖިސްޓަރީ ކޮށްގެން ހިންގަމުން އަންނަ ޖަމިއްޔާތަކާއި ބައެއް މުއައްސަސާތަކުގެ ހިންގުމުގެ ކަންކަން ކުރިއަށް ގެންދާ ގޮތުގެ މަޢުލޫމާތު ހޯދައި ތަޖުރިބާ ހާސިލް ކުރުމުގެ މަޤުޞަދުގައި ކޮށްފައިވާ މި ދަތުރުގައި އެ ޖަމިއްޔާގެ މެމްބަރުން ވަނީ އެސޯސިއޭޝަން ފޯރ ނޭކުރެންދޫ ޑިވެލޮޕްމަންޓް (އެންޑް) ޖަމިއްޔާއާއި ބައްދަލުކޮށް އެ ޖަމިއްޔާއިން ހިންގާ ޕްރޮގްރާމްތަކާއި އަދި އެ ޖަމިއްޔާގެ އެތެރޭގެ ހިންގުމުގެ ކަންކަމާއި ގުޅޭ މަޢުލޫމާތު ހޯދާފައެވެ. މީގެ އިތުރުން ހަނިމާދޫ ޒުވާނުންގެ ޖަމިއްޔާއިން ވަނީ އެ ޖަމިއްޔާގެ ހިންގުމުގެ ކަންކަމާއި ގުޅޭ މަޢުލޫމާތު އެންޑް ޖަމިއްޔާއާއި ހިއްސާ ކޮށްފައެވެ.

މީގެއިތުރުން ޖަމިއްޔާގެ މެމްބަރުން ވަނީ މި ދަތުރުގެ ތެރެއިން ނޭކުރެންދޫ ޕްރީސްކޫލަށް ވެސް ޒިޔާރަތް ކޮށްފައެވެ. އަދި އެ ރަށުގައި ހިންގާ ޒާހިރު ސްޕޯޓްސް އެކަޑަމީއަށް ޒިޔާރަތްކޮށް އެ އެކަޑަމީގެ ހިންގުމުގެ ކަންކަމާއި ގުޅޭގޮތުން ގޮތުން ވެސް ވަނީ މަޢުލޫމާތު އޮޅުން ފިލުވާފައެވެ.

މިއީ އޭސިއާ ފައުންޑޭޝަން މޯލްޑިވްސްގެ ފަރާތުން ރާއްޖޭގައި ހިންގަމުން އަންނަ މަދަނީ ޖަމިއްޔާތައް ބާރުވެރި ކުރުވައި އެ ޖަމިއްޔާތަކުގެ ހިންގުން ހަރުދަނާ ކުރުމުގެ ގޮތުން އެހީތެރިކަން ފޯރުކޮށްދިނުމަށް ހިންގާ ސަޕޯޓިން ރީޖަނަލް ސިވިލް ސޮސައިޓީ އޯގަނައިޒޭޝަން އިން ދަ މޯލްޑިވްސް ޕްރޮޖެކްޓުގެ ދަށުން ކުރިއަށް ގެންދާ ޕްރޮޖެކްޓެކެވެ.

ފާއިތުވި އަހަރުގެ އޭޕްރިލް މަހުގެ ތެރޭގައި ރާއްޖޭގެ ހުރިހާ ކުލަބް ޖަމިއްޔާތަކަށް މި ޕްރޮޖެކްޓްތަކަށް ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުޞަތު އޭސިއާ ފައުންޑޭޝަން މޯލްޑިވެސްގެ ފަރާތުން ހުޅުވާލިއިރު، އެކަމަށްއެދި ރާއްޖޭގެ ގިނަ ކުލަބް ޖަމިއްޔާތަކުން ވަނީ ކުރިމަތިލާފައެވެ. ނަމަވެސް ސޯޓްލިސްޓްކޮށް އެންމެ ރަނގަޅު ހުށަހެޅުން ހުށަހެޅި ހަތް ޖަމިއްޔާއަކަށް އެ ފައުންޑޭޝަނުން ވަނީ މި ޕްރޮޖެކްޓް ހިންގުމުގެ ފުރުޞަތު ދީފައެވެ.

އެ ޖަމިއްޔާތަކަކީ ރ. މީދޫއަށް ނިސްބަތްވާ ޖަމިއްޔަތުއްޞަލާހް، ހދ. ހަނިމާދޫއަށް ނިސްބަތްވާ ހަނިމާދޫ ޒުވާނުންގެ ޖަމިއްޔާ، މ. މަޑުއްވަރީއަށް ނިސްބަތްވާ ޒުވާން ޖީލް، މ. ކޮޅުފުއްޓަށް ނިސްބަތްވާ ކޮޅުފުށީ އެކުވެރިންގެ ކުލަބް، މ. މުލަކަށް ނިސްބަތްވާ ކޮމިއުނިޓީ އެމްޕަވަމެންޓް ލިންކޭޖްގެ އިތުރުން ފުވައްމުލަށް ސިޓީއަށް ނިސްބަތްވާ އެވެއާ ސޮސައިޓީގެ އިތުރުން ޔޫތު އިނިޓިއޭޓެވެ.

ހަނިމާދޫ ޒުވާނުންގެ ޖަމިއްޔާއިން ކުރިއަށް ގެންދިޔަ ތަޖުރިބާގެ ދަތުރުގެ އެންމެހާ ކަންކަން ހަމަޖައްސަވައި ދެއްވުމުގައި ނޭކުރެންދޫ އެންޑް ޖަމިއިއްޔާގެ ފަރާތުން ދެއްވި އެއްބާރުލުމާއި އެހީތެރިކަން ފާހަގަކޮށް ހަނިމާދޫ ޒުވާނުންގެ ޖަމިއްޔާއިން ވަނީ ޝުކުރު އަދާކޮށްފައެވެ.

ހަނިމާދޫ ޒުވާނުންގެ ޖަމިއްޔާއަކީ 1993 ވަނަ އަހަރު ރަޖިސްޓަރީ ކުރެވި ފާއިތުވި 28 އަހަރު ދުވަހު ހުއްޓުމެއްނެތި ރަށުގެ ކުރިއެރުމަށް މަސައްކަތް ކުރަމުން އަންނަ ޖަމިއްޔާއެކެވެ. ހަނިމާދޫ ޒުވާނުންގެ ޖަމިއްޔާއިން ވަނީ 2015 ވަނަ އަހަރު ހދ. އަތޮޅު ކައުންސިލުން، އަތޮޅަށް ފާހަގަ ކޮށްލެވޭ ފަދަ ޚިދުމަތް ކޮށްދެއްވާފައިވާ ފަރާތްތަކުގެ އަގުވަޒަން ކުރުމުގެ ގޮތުން ދީފައިވާ ތިލަދެކުނު ޝަރަފްވެރިކަމުގެ އިނާމް ދެ ދާއިރާއަކުން ހާސިލް ކޮށްފައެވެ. އެއީ އިޖްތިމާޢީ ދާއިރާއާއި ތަޢުލީމީ ދާއިރާއެވެ. މީގެއިތުރުން ހަނިމާދޫ ޒުވާނުންގެ ޖަމިއްޔާއިން ވަނީ 2016 ވަނަ އަހަރު ޤައުމީ އިނާމް ވެސް ހާޞިލް ކޮށްފައެވެ.