ޑައިވިނަށް ފޭބި ފަތުރުވެރިއަކު ގެއްލިގެން ހޯދުމުގެ މަސައްކަތް، ދިވެހި ސިފައިން ފަށައިފިއެވެ.

ގެއްލިގެން ހޯދަމުން ދަނީ އދ. މަންދޫ ކައިރި ފަރަކަށް ޑައިވުކުރަންދިޔަ "ގޮމަ" ނަމަކަށް ކިޔާ ދޯނިން ޑައިވިނަށް ފޭބި ފަތުރުވެރިންތަކެއްގެ ތެރެއިން ފަތުރުވެރިއެކެވެ.

Ad
rt

އެމްއެންޑީއެފުން ވިދާޅުވީ، ގެއްލުނު ފަތުރުވެރިޔާ ހޯދުމުގެ މަސައްކަތް އެމްއެންޑީއެފް ކޯސްޓްގާޑް ސެކަންޑް ސްކޮޑްރަންއިން މިހާރު ކުރައްވަމުން ގެންދަވާ ކަމަށެވެ. އަދި މި ފަތުރުވެރިޔާ ގެއްލުނުކަމުގެ މަޢުލޫމާތު އެމްއެންޑީއެފް ކޯސްޓްގާޑަށް ލިބިފައިވަނީ މިއަދުގެ 15:55 ގައިކަމަށް އެ އިދާރާއިން ވިދާޅުވެއެވެ.

މި ޙާދިސާގައި ގެއްލިގެން ހޯދަމުން ދަނީ އުމުރުން 69 އަހަރުގެ އިނގިރޭސިވިލާތުގެ އަންހެނެކެވެ. ގެއްލުނު މީހާ ހޯދުމަށް އެ ސަރަޙައްދުގައި އެމްއެންޑީއެފް ކޯސްޓްގާޑުގެ ކަނޑުގެ އުޅަނދުފަހަރު މިހާރު ދަނީ ހަރަކާތްތެރިވަމުންނެވެ.

މިއަދު އެ ސަރަޙައްދުން ދަތުރުކުރި ސީޕްލޭންތައް މެދުވެރިކޮށް އެ ސަރަޙައްދު މިހާރު ބަލާފައިވާއިރު، ކުރިއަށް އޮތް ދުވަސްތަކުގައި ކަނޑާއި ވައިގެ އުޅަނދުފަހަރު މެދުވެރިކޮށް އެމްއެންޑީއެފް ކޯސްޓްގާޑް ސެކަންޑް ސްކޮޑްރަންއިން ހިންގަމުންދާ މި ސަރޗް އެންޑް ރެސްކިއު އޮޕަރޭޝަން ކުރިއަށް ގެންދިއުމަށް ހަމަޖެހިފަވާކަމަށް އެމްއެންޑީއެފުން ވިދާޅުވެއެވެ.