ހދ. ފިނޭ ކަނބަލުންނަށް ހާއްސަކޮށް އެރަށު އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީން ކަސްރަތު ޕްރޮގްރާމެއް ކުރިއަށް ގެންގޮސްފިއެވެ.
"ތިލަދުން" އަށް މައުލޫމާތު ދެއްވަމުން އެކޮމިޓީގެ ނައިބު ރައީސް ޝަކީބާ އަލީ ވިދާޅުވީ މި ޕްރޮގްރާމަކީ "ހަށިހެޔޮ ދުޅަހެޔޮ" ހަރަކާތުގެ ތެރެއިން 30 ދުވަހުގެ މުއްދަތަށް ކުރިއަށް ގެންގޮސްފައިވާ ޕްރޮގްރާމެއް ކަމަށެވެ. ޕްރޮގްރާމް ފަށާފައިވަނީ މިދިޔަ ޑިސެމްބަރ މަހުގެ 10 ވަނަ ދުވަހުއެވެ.

ގާތްގަނޑަކަށް 60 ބައިވެރިންނާއި އެކު ފަށާފައިވާ މި ޕްރޮގްރާމް ކުރިއަށް ގެންގޮސްފައިވަނީ 2 އުމުރު ފުރައަކަށް ބަހަލައިގެންނެވެ. އެއީ 20 އަހަރާއި 60 އަހަރާއި ދެމެދުގެ ބޭފުޅުންނާއި 60 އަހަރުން މަތީގެ ބޭފުޅުންނެވެ. އެ ކޮމިޓީއިން ބުނެފައިވަނީ އުމުރުން ދުވަސްވީ ފަރާތްތަކަށް ކުރިއަށް ގެންގޮސްފައިވަނީ މޫދު ކަސްރަތުތައް ކަމަށެވެ. އަދި 60 އަހަރުން ދަށުގެ ބޭފުޅުންނަށް އެއްގަމުގައިވެސް ކަސްރަތު ތަކެއް ވަނީ ކުރިއަށް ގެންގޮއްސައެވެ.
މިޕްރޮގްރާމްގައި ޓްރެއިނަރުންގެ ގޮތުގައި ހަރަކާތްތެރިވެފައިވަނީ ކުޅުދުއްފުށި ޕޮލިސް ސްޓޭޝަންގެ ސަބްއިންސްޕެކްޓަރ އަމްޖަދު އަލީ އަދި ޕޮލިސް ސާޖެންޓް މުހައްމަދު އަހުމަދެވެ.

މި ކަސްރަތު ޕްރޮގްރާމްގެ ތެރެއިން އެންމެ ބޮޑަށް ބަރުދަން ލުއި ކުރެވުނު 10 ފަރާތުގެ އިތުރުން މި ހަރަކާތުގައި ބައިވެރިވި އެންމެ ދުވަސްވީ ފަރާތް ވެސް ވަނީ ހޮވާފައެވެ. އެ ކޮމިޓީއިން ބުނެފައިވާ ގޮތުން މި ހަރަކާތުގައި 80 އަހަރުން މަތީގެ ބޭފުޅުންވެސް ވަނީ ބައިވެރިވެފައެވެ.
މިފަދަ ހަރަކާތެއް ކުރިއަށް ގެންދިއުމުގެ އެންމެ ބޮޑު މަގުސަދެއްގެ ގޮތުގައި އެ ކޮމިޓީއިން ފާހަގަ ކޮށްފައިވަނީ ރައްޔިތުން ދުޅަހެޔޮ ސިއްހަތެއްގައި ތިބުމަށް އެހީތެރިވުމާއިއެކު ރަށުގެ އަންހެން ބޭފުޅުންގެ މެދުގައި އެކުވެރިކަމާއި އެއްބައިވަންތަކަން އާލާކުރުންކަމަށެވެ.
އެ ކޮމިޓީއިން ފާހަގަ ކުރައްވާ ގޮތުގައި މި ޕްރޮގްރާމް ކުރިއަށް ގެންދިއުމަށް ދިމާވި އެންމެ ބޮޑު ދަތިކަމަކީ ބަޖެޓްގެ ދަތިކަމެވެ. ނަމަވެސް މިކަމަށް ރައްޔިތުންގެ ފުރިހަމަ ތާއީދު ލިބިފައިވާ ކަމަށާއި މި ހަރަކާތް ކާމިޔާބު ކަމާއިއެކު ނިންމާލެވުނީ ފިނޭގެ ރައްޔިތުންނާއި ކުޅުދުއްފުށި ޕޮލިސްގެ އިތުރުން ރަށު ކައުންސިލްގެ އެއްބާރުލުން ލިބިގެން ކަން ވަނީ ފާހަގަ ކުރައްވާފައެވެ. އަދި ހަނިމާދޫ ދާއިރާގެ މަޖިލިސް މެމްބަރ އަބްދުލް ގަފޫރު މޫސާ އަށާއި މި ހަރަކާތް ކުރިއަށް ގެންދިއުމަށް އެހީތެރިވެދިން ހުރިހާ ފަރާތްތަކަށް އެކޮމިޓީގެ ނަމުގައި ވަނީ ވަރަށް ހާއްސަ ޝުކުރެއްް ދަންނަވާފައެވެ.

މީގެ އިތުރުން ކުރިއަށް އޮތް ތަނުގައި މިފަދަ އިތުރު ހަރާކާތްތަކެއް ރޭވިފައިވާ ކަމަށް އެކޮމިޓީއިން ވަނީ ފާހަގަ ކުރައްވާފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!