2022 ވަނަ އަހަރުގެ "ރެހެންދި އެވޯޑު" އަށް ނަން ހުށަހެޅުމުގެ ފުރުޞަތު މިނިސްޓްރީ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސް އިން ހުޅުވާލައިފިއެވެ.
ރެހެންދި އެވޯޑަކީ ޤައުމީ ޚިދުމަތުގައި އެކިއެކި ދާއިރާއިން އަންހެނުން ކުރާ މަސައްކަތްތަކާއި، މުޖުތަމަޢު ބިނާ ކުރުމަށް އަންހެނުން އަދާކުރާ ދައުރުގެ އަގު، ޤައުމީ ފެންވަރެއްގައި ވަޒަންކުރުމުގެ ގޮތުންނާއި މުޖުތަމަޢުގައި އަންހެނުންގެ ޙައްޤުތައް ރައްކާތެރިކުރުމަށާއި ކުރިއެރުވުމަށް ވަކި ފަރުދުންނާއި ޖަމުޢިއްޔާތަކާއި ޖަމާޢަތްތަކުން ކުރަމުންދާ މަސައްކަތްތަކުގެ އަގުވަޒަން ކުރުމަށާއި، ދިވެހިރާއްޖޭގެ ޤައުމީ ތަރައްޤީއަށާއި އަންހެނުންގެ ކުރިއެރުމަށް އަގުހުރި ޚިދުމަތްތައް ކޮށްދީފައިވާ ފަރާތްތަކަށް، މިނިސްޓްރީ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސް އިން ކޮންމެ އަހަރަކު ދެމުން ގެންދާ ޚާއްޞަ އެވޯޑެކެވެ.
ދިވެހިރާއްޖޭގެ ތަރައްޤީއާއި، ކުރިއެރުމަށް ކުރާ މަސައްކަތްތަކުގައި އަންހެނުންގެ ބައިވެރިވުމާއި، އެ ކަނބަލުން ކުރާ އަގުހުރި މަސައްކަތްތަކާއި، އަންހެނުން ޙާޞިލުކޮށްފައިވާ ކާމިޔާބީތައް ފާހަގަކޮށް އަގުވަޒަންކުރުމާއި، ޤައުމީ ޚިދުމަތުގައި އަދި އަންހެނުންގެ ބައިވެރިވުން މަދު ދާއިރާތަކުގައި އަންހެނުންގެ ޙިއްޞާ އިތުރުކުރުމާއި، އާ ދާއިރާތަކަށް އަންހެނުން ނެރުމަށް ބާރުއެޅުމާއި، މިންތީގެ ހަމަހަމަކަން ޤާއިމުކުރުމަށް މަސައްކަތް ކުރާ ވަކި ފަރުދުންނާއި އަދި މުއައްސަސާތަކުގެ މަސައްކަތްތައް ބަލައިގަނެ އަގުވަޒަންކުރުންވެސް މި އެވޯޑު ދިނުމުގެ މަޤްޞަދުތަކުގެ ތެރޭގައި ހިމެނެއެވެ.
އެވޯޑަށް މި އަހަރު ކުރިމަތިލެވޭ ދާއިރާތަކަކީ:
- ހަމައެކަނި އަންހެނުންނަށް އެވޯޑަށް ކުރިމަތިލެވޭ 14 ދާއިރާ
- ވަޒީފާ ދޭ ފަރާތްތައް/ މުއައްސަސާތަކުން އެވޯޑަށް ހުށަހެޅޭ ދާއިރާ
- އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ދާއިރާ
- ކުލަބު ޖަމުޢިއްޔާ ޖަމާޢަތްތަކުގެ ދާއިރާ
ޢާންމު ފަރުދުންގެ ތެރެއިން އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ފިރިހެނުންނާއި އަންހެނުންނަށް އެވޯޑަށް ހުށަހެޅޭ ދާއިރާ
މި އެވޯޑަށް ކުރިމަތިލާނެ ގޮތުގެ އިތުރު މަޢުލޫމާތު ޖެންޑާ ނިސްޓްރީގެ ވެބްސައިޓު www.gender.gov.mv މެދުވެރިކޮށް، . އަދި ދިވެހި ސަރުކާރުގެ ގެޒެޓުގު މެދުވެރިކޮށް މިއެވޯޑަށް ކުރިމަތިލުމަށް ހުށަހަޅާ ފޯމު އަދި އުސޫލު ލިބޭގޮތަށް ވަނީ ހަމަޖައްސާފައެވެ.
މި އެވޯޑަށް ނަން ހުށަހެޅުމަށް ކަނޑައަޅައިފައިވާ ސުންގަޑިއަކީ 10 ފެބުރުވަރީ 2022ވާ ބުދަ ދުވަހުގެ 14:00އެވެ.
ރެހެންދި އެވޯޑަށް ބޭފުޅުން ހޮއްވަވަނީ، އެކަމަށްޓަކައި މިނިސްޓްރީން އެކުލަވާލާފައިވާ ރެހެންދި އެވޯޑު ކޮމިޓީންނެވެ. 2020 ވަނަ އަހަރުގެ މި އެވޯޑު ޖުމްލަ 2 ދާއިރާއަކުން 7 ބޭފުޅުންނަށް ދީފަވެއެވެ.
މި އެ ވޯޑަކީ 2014 ވަނަ އަހަރުން ފެށިގެން މިނިސްޓްރީ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސްއިން ކޮންމެ އަހަރަކު ދެމުން އަންނަ އެވޯޑެކެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!