ރައްޔިތުންނަށް ދަތިނުވާ ގޮތަށް ވީހާވެސް ލުއިފަސޭހަ ގޮތަކަށް ޕީސީއާރު ޓެސްޓް ހެދޭނެގޮތް ހަމަޖައްސައިދިނުމަށް މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ)ގެ ރައީސް އަދި ދަނގެތި ދާއިރާގެ މެންބަރު ކާނަލް މުޙައްމަދު ނާޒިމް ގޮވާލައްވައިފިއެވެ.

ސްކޫލް ބަންދާ ދިމާކޮށް އަތޮޅުތަކުގެ ގިނަ ބަޔަކު އެކި ބޭނުންތަކުގައި މާލޭ އައިސް އަނބުރާ ރަށަށް ފުރަން ތައްޔާރުވަމުން ދަނިކޮށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ވަނީ، މާލޭގެ ޕޮޒިޓިވިޓީ ރޭޓް ފަސް ޕަސެންޓަށް ވުރެ މަތިވެފައި ވުމުން ފިޔަވުތައް ހަރުކަށިކޮށް ޕީސީއާރު ޓެސްޓާއިއެކު ރަށްރަށަށް ދަތުރުކުރެވޭ ގޮތަށް ކަނޑައަޅާފައެވެ.

Ad
rt

އެޗްޕީއޭގެ މި ނިންމުމާއެކު ގިނަ ބަޔަކު ވަނީ ޕީސީއާރު ހެދުމަށް އެ ހިދުމަތް ފޯރުކޮށްދޭ ތަންތަނަށް ޖަމާވެ، ދިގު ކިއުތައް ހަދާފައެވެ.

ގިނަ މީހުން އެއްވާފަދަ ނައިޓް މާކެޓްތަކާއި، މި ނޫންވެސް މިފަދަ ކަންކަމަށް ދޫދީފައި އޮތުމަށްފަހު އެޗްޕީއޭގެ މި ކުއްލި ނިންމުމާއެކު ގިނަ ބަޔަކު ފާޑުކިޔަމުން ދަނިކޮށް، މިއަދު ނާޒިމް ކުރެއްވި ޓްވީޓެއްގައި ވަނީ، ‏ރައްޔިތުންނަށް ދަތިނުވާ ގޮތަށް ވީހާވެސް ލުއިފަސޭހަ ގޮތަކަށް ޕީސީއާރު ހެދޭނެ އިންތިޒާމް ގާއިމްކޮށްދިނުމަށް ސަރުކާރަށް ގޮވާލާކަމަށް ވިދާޅުވެފައެވެ.

''ޓެކްނޮލޮޖީގެ ގޮތުން ކުރިއަރާފައިވާ މިފަދަ ޒަމާނެއްގައި އެތައްގަޑިއިރުތަކެއް ވަންދެން ރައްޔިތުން ކިއޫގައި ތިބެން ޖެހުމަކީ ބަލައިގަންނަން އުނދަގޫ ކަމެއް'' ނާޒިމް ވިދާޅުވެފަވެއެވެ.

ރައްޔިތުންގެ ނުރުހުމާއި، ފާޑުކިޔުން ބަންޑުންކުރަމުން ދަނިކޮށް އެޗްޕީއޭއިން ރޭ ވަނީ މިއަދާއި، މާދަމާ ރަށްރަށަށް ދިއުމަށް ލުއި ގޮތްތަކެއް ހަމަޖައްސާފައެވެ. މިގޮތުން ރަށްރަށަށް ދަތުރުކުރާއިރު، މާލެއިން ސާމްޕަލް ނެގުމަށްފަހު ދަތުރުކޮށް ނަތީޖާ ލިބެންދެން ގޭގައި ކަރަންޓީންގައި ހުންނަން ގޮތަށް ރަށަށް ދެވޭ ގޮތަށާއި، އަދި ރަށުން ސާމްޕަލް ނަގައި ޓެސްޓުކުރުމަށްފަހު، ޓެސްޓުގެ ނަތީޖާ ލިބެންދެން ކަރަންޓީނުގައި ހުންނަ ގޮތަށް ވެސް ރަށަށް ދެވޭނެ ކަމަށް އެޗްޕީއޭއިން ވަނީ ކަނޑައަޅާފައެވެ.