ށ. ކަނޑިތީމުގައި ހުންނަ ށ. އަތޮޅު މަދަރުސާ ގައި މަލްޓިޕަރޕަސް ހޯލް އިމާރާތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ފިނޭންސް މިނިސްޓްރީއިން ދެވަނަފަހަރަށް އިއުލާން ކޮށްފިއެވެ.

އެމިނިސްޓްރީއިން މިއަދު ނެރެފައިވާ އިއުލާނެއްގައި ބުނެފައިވަނީ މިނިސްޓްރީ އޮފް އެޑިއުކޭޝަންގެ އެދިލެއްވުމުގެ މަތިން ކުރިން ހުށަހަޅާފައިވާ ބީލަންތައް ބާތިލުކޮށް، މިމަސައްކަތަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު ޝަރުޠުހަމަވާ ފަރާތްތަކަށް އަލުން ހުޅުވާލާފައިވާ ކަމަށެވެ.

Ad
rt

އެގޮތުން މި ބީލަމުގައި ބައިވެރިވެލައްވަން ބޭނުންވާ ފަރާތްތަކުން -/500 ރުފިޔާ (ފަސްސަތޭކަ ރުފިޔާ) ގެ ނޮން-ރިފަންޑަބަލް ރަޖިސްޓްރޭޝަން ފީއެއް ދައްކަވަންޖެހޭނެއެވެ. އަދި މި ޕްރޮޖެކްޓުގެ ބިޑްސެކިޔުރިޓީގެ ގޮތުގައި -/40,000ރ(ސާޅީސް ހާސް ރުފިޔާ) ހުށަހަޅަން ޖެހޭނެއެވެ. ބިޑް ސެކިޔުރިޓީގެ މުއްދަތަކީ ބިޑް ހުޅުވާ ތާރީޚުންފެށިގެން 148 ދުވަހެވެ.

މީގެ އިތުރުން ފައިސާ ބަލައިގަތުން މި މަހުގެ 9 ވަނަ ދުވަހުން ފެށިގެން 20 ގެ ނިޔަލަށް ، ބަންދު ނޫން ކޮންމެ ދުވަހެއްގެ 8:00 އިން 14:00 އަށް އެމިނިސްޓްރީގެ އޮންލައިން ޕޭމަންޓް ޕޯޓަލް - ބަނޑޭރި ޕޭ  (https://bandeyripay.finance.gov.mv) މެދުވެރި ކޮށް ކުރިއަށް ދާނެ ކަމަށް އެމިނިސްޓްރީއިން ވަނީ ބުނެފައެވެ. ފައިސާ ދެއްކުމަށްފަހު، ބީލަމަށް ރަޖިސްޓްރީވުމަށް އެދޭ ފަރާތުގެ ނަމާއި އެޑްރެސް، ގުޅޭނެ ނަންބަރާއި އީ-މެއިލް އެޑްރެސް އަދި ފައިސާ ދެއްކި ރަސީދުގެ ކޮޕީ ahmed.jinah@finance.gov.mv މި އެޑްރެހަށް އީމެއިލް ކުރެއްވުމަށް އެމިނިސްޓްރީއިން ވަނީ އެދިލައްވާފައެވެ.

މިބިޑު ހުޅުވުމަށް ހަމަޖެހިފައިވަނީ މިމަހުގެ 24 ވާ ހޯމަ ދުވަހުގެ 11:00 ގައި އެމިނިސްޓްރީގެ ނެޝަނަލް ޓެންޑަރގެ ޖަލްސާކުރާ މާލަމުގައެވެ.

އެމިނިސްޓްރީއިން އިތުރަށް ބުނެފައިވަނީ މިމަސައްކަތާއި ބެހޭ އެންމެހައި ލިޔެކިޔުންތައް މިމަހުގެ 10 ވަނަ ދުވަހުން ފެށިގެން ސޮފްޓްކޮޕީ ފޯރމެޓުގައި އެމިނިސްޓްރީގެ ވެބްސައިޓް www.finance.gov.mv އިން ޑައުންލޯޑް ކުރެވެން ހުންނާނެ ކަމަށާއި މިކަމާއި ގުޅޭގޮތުން އެއްވެސް ސުވާލެއްވާނަމަ މިމަހުގެ 16 ވާ އާދީއްތަ ދުވަހުގެ 13:00ގެ ކުރިން ، ahmed.jinah@finance.gov.mv މި އެޑްރެހަށް މެއިލް ކުރެއްވުމަށެވެ.

މި ބީލަންތަކުގައި ބައިވެރިވެވޭނީ މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ "ޢިމާރާތްކުރުމުގެ ޢަމަލީ މަސައްކަތްކުރާފަރާތްތަކުގެ ގަވާއިދު" ގައިވާ ގޮތުގެމަތީން ރަޖިސްޓަރީވެފައިވާ ފަރާތްތަކަށް އެކަންޏެވެ.