ދިވެހިރާއްޖެއަށް 968.19 މިލިއަން ރުފިޔާގެ ހިލޭ އެހީ ހިމެނޭހެން ޖުމްލަ ފަސް އެއްބަސްވުމެއްގައި ރާއްޖެއާއި ޗައިނާއާ ދެމެދު ސޮއިކޮށްފިއެވެ.

މި އެއްބަސްވުމުންތަކުގައި ސޮއިކުރީ ޗައިނާގެ ސްޓޭޓް ކައުންސިލަރ އަދި ފޮރިން މިނިސްޓަރު ވަންގް ޔީ ރާއްޖެއަށް މިހާރު ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގެ ތެރެއިންނެވެ.

Ad
rt

އެއްބަސްވުންތަކުގައި ސޮއި ކުރުމަށް ރާއްޖޭގެ ފޮރިން މިނިސްޓްރީގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި މިހާރު ރާއްޖެ ޗައިނާގެ ފޮރިން މިނިސްޓަރު ވާންގް ޔީ އާއި ރާއްޖޭގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވެސް ބައިވެރިވެވަޑައިގެންނެވި އެެވެ.

މިގޮތުން ޗައިނާއަށް ދިޔުމުން 30 ދުވަހުގެ އޮން އެރައިވަލް ވިސާ ދިވެހިންނަށް ލިބޭ އެއްބަސްވުމުގެ އިތުރުން ދެވަނަ އެއްބަސްވުމަކަށް ސޮއިކުރީ އިގްތިސާދީ އަދި ފަންނީ ދާއިރާ އިން ރާއްޖެއަށް ހިލޭ އެހީ ދިނުމަށެވެ. މި އެއްބަސްވުމުގެ ދަށުން ޗައިނާ ސަރުކާރުން 968.19 މިލިއަން ރުފިޔާގެ ހިލޭ އެހީ ރާއްޖެއަށް ފޯރުކޮށްދޭނެ އެވެ. މި އެހީ އަކީ އިޖުތިމާއީ އަދި އުމްރާނީ ތަރައްގީއަށް ހޭދަކުރުމަށް ޗައިނާ ސަރުކާރުން ފޯރުކޮށްދޭ އެހީ އެވެ.

ދިވެހިންނަށް ޗައިނާއިން 30 ދުވަހުގެ އޮންއެރައިވަލް ވިސާ ދެނީ

ތިންވަނަ އެއްބަސްވުމެއްގެ ގޮތުގައި ސޮއި ކުރީ ޗައިނާގެ އެހީތެރިކަމާ އެކު ހަދާފައިވާ ސިނަމާލެ ބްރިޖު ބެލެހެއްޓުމާއި މަރާމާތުކުރުމުގެ މަސައްކަތް ކުރިއަށް ގެންދިއުމާ ގުޅޭ އެއްބަސްވުމެއްގަ އެވެ.

ހަތަރުވަނަ އެއްބަސްވުމަކީ ރައްކާތެރި ގޮތުގައި ފެން ފޯރުކޮށްދިނުމުގެ އެއްބަސްވުމެކެވެ. މި އެއްބަސްވުމުގެ ދަށުން ކ. ކާށިދޫ، ޅ. އޮޅުވެލިފުށި، ހއ. ކެލާ، ރ. އަލިފުށި އަދި ގއ. ދާންދޫގައި މައިކްރޯ-ގްރިޑް ސީވޯޓާ ޑީސެލިނޭޝަން ޕްލާންޓް ގާއިމުކުރުމަށް ހަމަޖެހިފައިވެ އެވެ. މިއީ 199 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.

ފަސްވަނަ އެއްބަސްވުމަކަށް ސޮއި ކޮށްފައިވަނީ ސިއްހީ ދާއިރާ އިން ގުޅުން ބަދަހިކުރުމާއި އެއްބާރުލުން ދިނުމާ ގުޅޭ އެއްބަސްވުމެއްގަ އެވެ. މި އެއްބަސްވުމުގެ ދަށުން ލޮލުގެ ބަލިތަކަށް ފަރުވާދޭ ޚާއްސަ ކްލިނިކެއް/ކޭމްޕެއް ޗައިނާއިން ހިންގާނެއެވެ. މި އެއްބަސްވުމުގައި ފުރަތަމަ ސޮއިކުރީ 2019 ވަނަ އަހަރުއެވެ. މިއަދު ސޮއިކުރި އެއްބަސްވުމަކީ އެ އެއްބަސްވުމުގެ މުއްދަތު ހަމަވުމާ ގުޅިގެން އަލުން ސޮއިކުރި އެއްބަސްވުމެކެވެ.

މިއަދު ދެގައުމުގެ މެދުގައި ބޭއްވި މަޝްވަރާތަކަށް ފަހު ބޭއްވި ރަސްމިއްޔާތުގައި ދެ ގައުމުގެ ގުޅުން ދައްކުވައިދޭ ވީޑިއޯއެއް ދައްކައިފާވާއިރު، ދެ ގައުމުގެ ގުޅުމަށް 50 އަހަރު ފުރުމާ ގުޅިގެން ބޭނުން ކުރުމަށް ހަމަޖެހިފައިވާ ލޯގޯ ވެސް ވަނީ ތައާރަފްކޮށްފައެވެ.