ކޯވިޑް-19އާ ގުޅިގެން ޗައިނާއިން އަޅާފައިވާ ރައްކާތެރިކަމުގެ ފިޔަވަޅުތައް އުވާލުމުން ދިވެހިންނަށް ޗައިނާއަށް ދިޔުމުން 30 ދުވަހުގެ އޮން އެރައިވަލް ވިސާ ލިބޭ އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.
އެއްބަސްވުމުގައި ސޮއިކުރީ ޗައިނާގެ ސްޓޭޓް ކައުންސިލަރ އަދި ފޮރިން މިނިސްޓަރު ވަންގް ޔީ ރާއްޖެއަށް މިހާރު ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގެ ތެރެއިންނެވެ.
ފޮރިން މިނިސްޓްރީން ވިދާޅުވީ، ވިސާއަށް ލުއި ދިނުމުގެ އެއްބަސްވުމުގެ ދަށުން ޗައިނާއަށް ދަތުރުކުރާ ދިވެހިންނަށް 30 ދުވަހުގެ އޮން އެރައިވަލް ވިސާ ލިބޭނެ ކަމަށެވެ. އަދި ރާއްޖެއަށް އަންނަ ޗައިނާ ރައްޔިތުންނަށް ވެސް އެ އެއްބަސްވުމުގެ ދަށުން އޮންއެރައިވަލް ވިސާ ލިބޭނެ ކަމަށް ފޮރިން މިނިސްޓްރީން ވިދާޅުވެއެވެ.
މިހާތަނަށް ޗައިނާއަށް ދަތުރުކުރާ ދިވެހިން އެގައުމަށް އެތެރެވާން ވިސާ ހޯދަން ޖެހެއެވެ.
ޗައިނާއަކީ ރާއްޖޭގެ ތަރައްޤީގެ މުހިއްމު ދައުރެއް އަދާކުރާ ޤައުމެކެވެ. އެކި ދާއިރާތަކުން ޗައިނާގެ އެހީތެރިކަން ރާއްޖެއަށް ފޯރުކޮށްދެމުން އަންނައިރު ކޯވިޑްގެ ހާލަތުގައި ވެސް ޗައިނާއިން ވަނީ ރާއްޖެއަށް އެކި ގޮތްގޮތުން އެހީތެރިކަން ފޯރުކޮށްދީފައެވެ.
މިއަހަރަކީ ރާއްޖެއާއި ޗައިނާއާއި ދެމެދު ޚާރިޖީ ގުޅުން ޤާއިމުކުރިތާ 50 އަހަރު ފުރޭ އަހަރެވެ. ރާއްޖެއާއި ޗައިނާއާއި ދެމެދު ސިޔާސީ ގުޅުން ޤާއިމުކޮށްފައިވަނީ 1972 ވަނަ އަހަރުއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!