ށ. ފުނަދޫގައި ގާއިމް ކޮށްފައިވާ ށ. އަމާންވެށީގެ އަހަރީ ދުވަހާއި ގުޅިގެން ހަރަކާތްތަކެއް ކުރިއަށް ގެންގޮސްފިއެވެ.
މިނިސްޓްރީ އޮފް ޖެންޑަރ ފެމިލީ އެންޑް ސޯޝަލް ސަރވިސަސް އިން މައުލޫމާތު ދީފައިވާ ގޮތުގައި ށ. އަމާންވެށީގެ އަހަރީ ދުވަސް ކަމަށްވާ މި މަހުގެ 6 ވަނަ ވީ ބުރާސްފަތި ދުވަސް ފެށިގެން ދިޔައީ އެތަނުގެ ކުދީންނާއިއެކު ފަތިސްނަމާދުންނެވެ. އަދި ނަމާދަށްފަހު ޤުރުއާން ހަތިމު ކުރުން ވެސް ކުރިއަށް ގެންގޮސްފައިވެއެވެ.
މީގެ އިތުރުން އެދުވަސް ފާހަގަ ކުރުމުގެ ގޮތުން އެކުދިން ބައިވެރިކޮށްގެން ގޮނޑުދޮށް ސާފުކުރުމުގެ ހަރަކާތެއްގެ އިތުރުން ވެސް ބައެއް ހަރަކާތްތައް ވަނީ ކުރިއަށް ގެންގޮއްސައެވެ.
ފުނަދޫ އަމާންވެއްޓަށް އެންމެ ފުރަތަމަ ކުދިން ގެންގިސްގޮސްފައި ވަނީ މިދިޔަ އަހަރުގެ ޖެނުއަރީ މަހުގެ 6 ވަނަ ދުވަހުއެވެ.
ފޮޓޯ: ޖެންޑާ މިނިސްޓްރީ
16 ކުއްޖަކާއި އެކު އަމާންވެށި ހުޅުވިގެން ދިޔައިރު އެކުދިން އެރަށަށް ގެންގޮސްފައި ވަނީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ސްޕެޝަލް އެޑްވައިޒަރ އޮން ސޯޝަލް ޕޮލިސީ ޑޮކްޓަރ މުޞްޠަފާ ލުޠުފީއާއި މިނިސްޓަރ އޮފް ސްޓޭޓް ފޮރ ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސް ޢާއިޝަތު ރަޝީދެވެ.
ޖެންޑާ މިނިސްޓްރީއިން ފާހަގަ ކުރައްވާ ގޮތުގައި ފުނަދޫ އަމާން ވެއްޓަކީ ކަމާބެހޭ އިދާރާތަކާއި، މުޖުތަމަޢުގެ ފުރިހަމަ އެއްބާރުލުމާއި ބައިވެރިވުމާއެކު ތަރައްޤީކުރެވިފައިވާ ތަނެކެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!