ސްޕެނިޝް ލަލީގާގެ އެތުލެޓިކޯ މެޑްރިޑަށް ކުޅެމުން އަންނަ އިންގްލެންޑްގެ ފުލްބެކް ކިއެރަން ޓްރިޕިއާ ނިއުކާސަލްއަށް ބަދަލުވާން ނިންމައިފިއެވެ.
އުމުރުން 31 އަހަރުގެ ޓްރިޕިއާ ނިއުކާސަލްއާއި ގުޅެން ނިންމާފައި މި ވަނީ ބާރަ މިލިއަން ޕައުންޓްގެ ޓްރާންސްފާ ފީއެއްގެ ދަށުންނެވެ.
ޓްރިޕިއާ ވެގެން ގޮސްފައި މި ވަނީ ސައުދީ އަރަބިއްޔާ ވަލީއަޙުދު މުޙައްމަދު ބިން ސަލްމާން އަލް ސައުދުގެ ހިއްސާ އޮންނަ ސައުދީގެ ޕަބްލިކް އިންވެސްޓްމަންޓުން އެ ކުލަބް ގަތްފަހުން އެ ކުލަބާއި ގުޅުނު ފުރަތަމަ ކުޅުންތެރިޔާއަށެވެ. މީގެ އިތުރުން ޓްރިޕިއާ ވެފައި ވަނީ ނިއުކާސަލްގެ ކޯޗުގެ މަޤާމުގައި މިވަގުތު ހުރި އެޑީ ހޯވް ހަވާލުވީ ފަހުން އެ ޓީމާއި ގުޅުނު ފުރަތަމަ ކުޅުންތެރިޔާއަށެވެ.
ޕްރިމިއާ ލީގުގެ ކުލަބެއް ކަމަށްވާ ޓޮޓެންހަމްގައި ހުރެފައި ޓްރިޕިއާ ލަލީގާގެ އެތުލެޓިކޯ މެޑްރިޑަށް ބަދަލުވެފައި ވަނީ 2019 ވަނަ އަހަރު 20 މިލިއަން ޕައުންޑްގެ ޓްރާންސްފާ ފީއެއްގެ ދަށުންނެވެ.
ޓްރިޕިއާ ވަނީ އެތުލެޓިކޯ މެޑްރިޑަސް 83 މެޗު ކުޅެދީފައެވެ. އަދި އޭނާ ވަނީ އެ ކުލަބާއިއެކު ނިމިދިޔަ ސީޒަންގެ ސްޕެނިޝް ލަލީގާ ޓައިޓަލް ކާމިޔާބު ކޮށްފައެވެ.
އިންގްލެންޑްގެ ޤައުމީ ޓީމަށް ވެސް ކުޅެފައިވާ ޓްރިޕިއާއަކީ 2020 ވަނަ އަހަރުގެ ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ފައިނަލްގައި ކުޅުނު އިންގްލެންޑް ޓީމުގައި ވެސް ހިމެނުނު ކުޅުންތެރިއެކެވެ.
މިވަގުތު ނިއުކާސަލް އޮތީ ޕްރިމިއާ ލީގުގެ ޕޮއިންޓް ތާވަލުގެ 19 ވަނާގައެވެ. މިހާތަނަށް ލީގުގައި 19 މެޗު އެ ޓީމުން ކުޅެފައިވާއިރު، އެ ޓީމު މޮޅުވެފައި ވަނީ އެންމެ މެޗަކުންނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!