މިއަހަރުގެ ޖެނުއަރީ މަހުގެ 3 ވަނަ ދުވަހު ވ. ފުއްސަރު ކައިރިން އަޑިއަށް ދިޔަ "އަލަމާ-5" ދޯނިން ގެއްލުނު މީހުންގެ ތެރެއިން 2 މީހުން ފެނިއްޖެއެވެ.
މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން މައުލޫމާތު ދީފައިވާ ގޮތުގައި މި 2 މީހުން ފެނިފައިވަނީ މިއަދު ހެނދުނު 06:50 ހާ އިރުއެވެ.
އަދި މި 2 މީހުން ފެނިފައިވަނީ ލަކްސް ސައުތު އަރި އެޓޯލް ރިސޯޓް ކައިރިން ، ކޯސްޓްގާޑް ސީއެމްބިއުލާންސް-34 އަށް ކަމަށް އެމްއެންޑީއެފްއިން ވަނީ ބުނެފައެވެ.
3 މީހުންނާއެކު ދަތުރުކުރި މި ދޯނިން މިއަދު ފެނިފައި މިވަނީ އެ ދޯނީގައި ފަޅުވެރިންގެ ގޮތުގައި އުޅޭ ބިދޭސީ 2 މީހުންނެވެ. އަދި ގެއްލިފައިވާ ދިވެހި މިހާ ހޯދުމުގެ މަސައްކަތް ކޯސްޓްގާޑް ޝިޕް ހުރަވީ، ކޯސްޓްގާޑް ސީއެމްބިއުލެންސް-34 ، މޯލްޑިވްސް ޕޮލިސް ސަރވިސް ގެ އިތުރުން ދޯނީގެ ވެރިފަރާތް ވެސް ކުރަމުން އެބަދެއެވެ.
މީގެއިތުރުން ވައިގެ މަގުން ޓީއޭއެމްއޭގެ 10 ގެ ސީޕްލޭނަކާއި ފްލައިމީގެ މަތިންދާބޯޓެއްް ވެސް އެ ސަރަހައްދުގައި ދަނީ ހަރަކާތްތެރި ވަމުންނެވެ.
ޖަނަވަރީ 3 ވަނަދުވަހުގެރޭ 23:22 ހާއިރު މި ހާދިސާ ފުލުހުންނަށް ރިޕޯޓް ކޮށްފައި ވާއިރު މިދޯނި ދަތުރު ކުރަމުން ދިޔައީ ފ. ފީއަލީ ކައިރިން ފާނަ މަސްވެރިކަމުގައި އުޅޭ ދޯނިފަހަރުން ފާނަ ގަނެގެން މާލެއަށް ކަމަށް މަޢުލޫމާތު ލިބިފައިވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!