ށ. ކަނޑިތީމު ފުޓްބޯޅަދަނޑުގެ ބައެއް މަސައްކަތްތައް ކޮށްދޭނެ ފަރާތެއް ހޯދުމަށް އެރަށު ކައުންސިލުން އިއުލާން ކޮށްފިއެވެ.

ކަނޑިތީމު ކައުންސިލުން މިއަދު ނެރެފައިވާ އިއުލާނުގައި ބުނެފައިވަނީ އެރަށު ފުޓްބޯޅަދަނޑުގެ ވަށާފާރު ރާނާ، ފެންސްޖަހާ އަދި ގޯލް ފެންސްޖަހާނެ ފަރާތެއް ހޯދަން ބޭނުންވާ ކަމަށެވެ.

Ad
rt

އެ ކައުންސިލުން ވަނީ މިމަސައްކަތަށް ޝައުޤުވެރިވާ ފަރާތްތަކަށް ބީލަމަށް ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލާފައެވެ.

އެގޮތުން މި ބީލަމުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކުން 04 ޖެނުއަރީ 2022 (އަންގާރަ) ދުވަހުގެ 10:00 އިން ފެށިގެން 12 ޖެނުއަރީ 2022 (ބުދަ) ދުވަހުގެ 14:00 އާއި ދެމެދު ރަޖިސްޓްރީ ވުމަށް އެ ކައުންސިލުން ވަނީ އެދިފައެވެ.

ބީލަންވެރިންނަށް މަޢުލޫމާތު ދިނުން އޮންނާނީ 13 ޖެނުއަރީ 2022ވާ (ބުރާސްފަތި) ދުވަހުގެ 12:00ގައި އެއިދާރާގެ ކޮންފަރެންސް ހޯލްގައެވެ. އަދި ބީލަން ހުޅުވުމަށް ހަމަޖެހިފައި ވަނީ 18 ޖެނުއަރީ 2022ވާ (އަންގާރަ) ދުވަހުގެ 12:00ގައެވެ.

މީގެ އިތުރުން ބީލަމާއި ބެހޭގޮތުން އެއްވެސް މަޢުލޫމާތެއް ސާފުކުރަން ބޭނުންވާނަމަ މި މަހުގެ 12 ވާ ބުދަ ދުވަހުގެ 14:00ގެ ކުރިން އެކައުންސިލްގެ އީމެއިލް އެޑްރެސް (info@kanditheemu.gov.mv) އަށް މެއިލް ކުރުމަށް ވަނީ އެދިފައެވެ.

މި ބީލަމުގައި ބައިވެރިވެވޭނީ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވަލޮޕްމަންޓްގެ ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނުގެ ދަށުން ރަޖިސްޓްރީވެފައިވާ ކުންފުނިތަކަށާއި، އަމިއްލަފަރުދުންގެ ވިޔަފާރި ޤާނޫނުގެ ދަށުން ރަޖިސްޓްރީވެފައިވާ ފަރާތްތަކަށް އެކަންޏެވެ.