ބަރމިންގހަމް ކޮމަންވެލްތް ގޭމްސްގައި ބޭނުންކުރާ ދަންމަރު (ބަރމިންގހަމް 2022- ކްއީންސް ބެޓްން) މިއަދު ހދ. ނޮޅިވަރަންފަރަށް ގެންދެވިފައިވާއިރު އެރަށުން ހޫނު މަރުޙަބާއެއްކިޔައިފިއެވެ.
ނޮޅިވަރަންފަރަކީ މި ދަންމަރު ގެންދެވުމުގެ ޝަރަފްލިބުނު އަތޮޅުތަކުގެ ފުރަތަމަ ރަށެވެ. ރާއްޖެއަށް މި ދަންމަރު ގެނެސް، ރަސްމީކޮށް މަރުޙަބާ ކިޔާފައިވަނީ މިދިޔަ ޑިސެމްބަރު 29 ވަނަ ދުވަހުއެވެ.
ކޮމަންވެލްތު ގޭމްސްގެ ދަންމަރު ނޮޅިވަރަންފަރަށް ގެންދިޔައީ މިއަދު ހެނދުނު 10 ޖަހާކަށްހާއިރުއެވެ. އެ ހަރަކާތަށް ނޮޅިވަރަންފަރު ރައްޔިތުންގެ ކިބައިން ވަރަށް ބޮޑު ތަރުހީބެއް ލިބިގެންދިޔަކަން މޯލްޑިވްސް އޮލިމްޕިކް ކޮމެޓީން ވަނީ ފާހަގަ ކުރަށްވާފައެވެ.
ނޮޅިވަރަންފަރު ކައުންސިލްގެ ނައިބު ރައީސް އަބުދުލްކަރީމް "ތިލަދުން"އަށް ވިދާޅުވީ، ދަންމަރާއެކު ނޮޅިވަރަންފަރުގެ ރައްޔިތުންނަށް ބޮޑު އުފަލެއް ލިބިގެން ދިޔަކަމަށެވެ.
ފޮޓޯ: މޯލްޑިވްސް އޮޕިމްޕިކް ކޮމެޓީ
ދަންމަރަށް މަރުޙަބާ ކިޔުމަށް ރަށުގެ މަގުތައް ޒީނަތްތެރިކޮށްފައިވާއިރު، އެކަމަށް ރަށުގެ މުއައްސަސާތަކުގެ ވަރަށް ބޮޑު އެއްބާރުލުމެއް ލިބިގެންދިޔަކަން ކަރީމް ވަނީ ފާހަގަ ކުރަށްވާފައެވެ.
ކޮމަންވެލްތު ގޭމްސްގެ ދަންމަރު ނޮޅިވަރަންފަރަށް ގެންދެވުމާއެކު ދަންމަރާއެކު އެރަށުގެ ރައްޔިތުން ވަނީ އެކަމަށް ޚާއްޞަ ކުރެވުނު މަގުތަކުގައި ދުވެފައެވެ. މިގޮތުން ރަށުގެ ބަނދަރުން ފެށި މި ދުވުން ނިންމާލާފައި ވަނީ އެރަށުގެ ރުއްގަނޑު ބީޗަށެވެ.
ފޮޓޯ: މޯލްޑިވްސް އޮޕިމްޕިކް ކޮމެޓީ
ރުއްގަނޑު ބީޗްގައި މަރުޙަބާ ކިޔުމުގެ އިތުރު ހަރަކާތްތައް ވެސް ކުރިއަށް ގެންގޮސްފައިވާއިރު، މޯލްޑިވްސް އޮލިމްޕިކް ކޮމެޓީގެ ފަރާތުން އެރަށަށް ވަނީ ޑަސްބިން ވެސް ހަދިޔާ ކޮށްފައެވެ.
ކޮމަންވެލްތު ގޭމްސްގެ ދަންމަރު ހިފައިގެން ދަތުރުކުރާ އޮލިމްޕިކްސް ކޮމެޓީގެ ޓީމް ނޮޅިވަރަންފަރުން ފުރީ ހަވީރުގެ ވަގުތެއްގައެވެ. އެރަށަށްފަހު މި ދަންމަރު ވަނީ ނޮޅިވަރަމަށް ގެންގޮސްފައެވެ. އަދި މާދަމާ މި ދަންމަންމަރު ހއ. ދިއްދޫއަށް ގެންދާނެއެވެ.
ފޮޓޯ: މޯލްޑިވްސް އޮޕިމްޕިކް ކޮމެޓީ
ކޮމަންވެލްތް ގޭމްސްގެ ކްއީންސް ބެޓަން ރިލޭ ފަށާފައި ވަނީ މި އަހަރުގެ އޮކްޓޫބަރު މަހުގެ 7 ވަނަ ދުވަހު އިނގިރޭސި ވިލާތުންނެވެ. އެއަށްފަހު، ކްއީންސް ބެޓަންގެ ތާރީޚީ ދަތުރުގައި، 294 ދުވަހުގެ ތެރޭގައި ކޮމަންވެލްތްގެ 72 ޤައުމަށް ގެންދިޔުމަށް ވަނީ ހަމަޖެހިފައެވެ. މި ދަތުރުން ރަމްޒުކޮށްދެނީ އުންމީދާއި، އެއްބައިވަންތަކަމާއި، ކޮމަންވެލްތްގެ އެއްޤައުމު އަނެއް ޤައުމާއިއެކު އޮންނަ ގުޅުމެވެ.
މި ގޭމްސް 28 ޖުލައި 2022 އިން 08 އޯގަސްޓް 2022 ގެ ނިޔަލަށް އިނގިރޭސި ވިލާތުގެ ބަރމިންގހަމްގައި ބޭއްވުމަށް ހަމަޖެހިފައިވާއިރު، ކްއީންސް ބެޓަންގެ ތާރީޚީ މުޅި ދުނިޔެ ވަށާ ޖެހުމަށް ފަހު ނިންމާލުމަށް ހަމަޖެހިފައި ވަނީ ޖުލައި 28 ވަނަ ދުވަހުއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!