އިނގިރޭސި ޕްރިމިއާ ލީގުގައި އަންގާރަ ދުވަހުގެ ރޭ ލެސްޓާ ސިޓީއާއި ލިވަޕޫލް ބައްދަލުކުރި މެޗު ލެސްޓާއިން ކާމިޔާބު ކޮށްފިއެވެ. ލެސްޓާގެ ދަނޑުގައި ކުޅުނު މި މެޗު އެ ޓީމުން ކާމިޔާބު ކޮށްފައި ވަނީ 1-0 ގެ ނަތީޖާއަކުންނެވެ.

މެޗުގެ ލިވަޕޫލުން ގިނަ ހަމަލާތަކެއް އުފެއްދިއެވެ. ފުރަތަމަ ހާފުގެ 14 ވަނަ މިނެޓުގައި ލިވަޕޫލަށް ޕެނަލްޓީއެއް ލިބުނު ނަމަވެސް އެ ޓީމްގެ އިތުބާރު ފޯވާޑް މުޙައްމަދު ޞަލާހް ފޮނުވާލި ޕެނަލްޓީ ލެސްޓާގެ ކީޕަރ ޝްމައިކަލް ވަނީ މަތަކޮށްފައެވެ. ޝްމައިކަލްގެ އަތުގައި ޖެހިފައި ނުކުތްވަގުތު އެ ބޯޅަ ދެވަނަ ފަހަރަށް ޞަލާހް ފޮނުވާލި ނަމަވެސް އެ ބޯޅަ އަމާޒުވެފައި ވަނީ ގޯލުގެ ހުރަސް ދަނޑިއަށެވެ. މީގެ އިތުރުން ވެސް މެޗުގައި ލިވަޕޫލުގެ ފޯވާޑް ސަޑިއޯ މަނޭއަށް ވެސް ވަނީ ލަނޑު ޖަހާނެ ރަނގަޅު ފުރުޞަތު ލިބި ބޭނުން ނުކުރެވިފައެވެ.

Ad
rt

މެޗުގައި ފެނިގެންދިޔަ ހަމައެކަނި ލަނޑު 56 ވަނަ މިނެޓުގައި ކާމިޔާބު ކޮށްދީފައި ވަނީ ދެވަނަ ހާފުގައި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނުކުތް ލޫކްމަންއެވެ. މި ހަމަލާ ފިޔަވައި އިތުރު އެއްވެސް ހަމަލާއެއް ލެސްޓާއަށް ލިވަޕޫލުގެ ގޯލާއި އަމާޒުކޮށް ފޮނުވާލެވިފައިނުވެއެވެ.

އަންގާރަ ދުވަހުގެ ރޭ ކުޅުނު އިތުރު މެޗުތަކަށް ބަލައިލާއިރު ޓޮޓެންހަމްއާއި ސައުތެމްޓަން ބައްދަލުކުރި މެޗު ނިމިގެން ގޮސްފައި ވަނީ 1-1 ގެ ނަތީޖާއަކުން ދެ ޓީމް އެއްވަރު ވެގެންނެވެ. ވެސްޓްހޭމް ވަނީ 4-1 ގެ ނަތީޖާއަކުން ވޮޓަފޯޑް ބަލިކޮށްފައެވެ.

މި ނަތީޖާތަކާއިއެކު މިވަގުތު ލިވަޕޫލް އޮތީ ތާވަލުގެ ދެވަނާގައެވެ. އެ ޓީމަށް 19 މެޗުން ލިބިފައި ވަނީ 41 ޕޮއިންޓެވެ. މެޗުން މޮޅުވިލ ލެސްޓާ ސިޓީ މިވަގުތު އޮތީ ތާވަލުގެ ނުވަވަނާގައެވެ. އެ ޓީމަށް 18 މެޗުން ލިބިފައި ވަނީ 25 ޕޮއިންޓެވެ. މިވަގުތު ޕޮއިންޓް ތާވަލުގެ އެއްވަނާގައި މެންޗެސްޓާ ސިޓީ އޮތީ 19 މެޗުން 47 ޕޮއިންޓް ހޯދައިގެންނެވެ.