ގައުމީ އެއާލައިން، މޯލްޑިވިއަންއާ ގައުމީ ޔުނިވާސިޓީ ގުޅިގެން އުފެއްދި މޯލްޑިވިއަން އޭވިއޭޝަން އެކަޑަމީ ހުޅުވައިފިއެވެ.
މި ފްލަައިން ސްކޫލް ހުޅުއްވައިދެއްވީ މިއަދު ގައުމީ ޔުނިވާސިޓީގައި ބޭއްވި ރަސްމިއްޔާތެއްގައި ނައިބު ރައީސް ފައިސަލް ނަސީމެވެ. އެކަޑަމީ ހުޅުވުމުގެ ރަސްމިއްޔާތުގައި ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާ އާއި އައިލެންޑް އޭވިއޭޝަންގެ އިސްވެރިންނާއި ގައުމީ ޔުނިވާސިޓީގެ އިސްވެރިންގެ އިތުރުން ސަރުކާރުގެ އިސް އޮފިޝަލުން ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.
ނައިބު ރައީސް ފައިސަލް ނަސީމު ވިދާޅުވީ މި ފްލައިން ސްކޫލަކީ ސަރުކާރުން ވަރަށް ގިނަ ދުވަސްތަކެއް ވަންދެން ކުރި މަސައްކަތްތަކުގެ ނަތީޖާ ކަމަށާއި މިއީ ޕައިލެޓްކަން ކިޔަވަމުންދާ ދިވެހި ދަރިވަރުންނަށް ދިމާވި ގިނަ ދުވަސްވީ މައްސަލަތަކަށް ދާއިމީ ހައްލެއް ހޯދުމުގެ ބޭނުމުގައި ހުޅުވި ސްކޫލެއް ކަމަށެވެ. އަދި ސަރުކާރުން އެންމެ އިސްކަމެއް ދެއްވާ އެއް ސިޔާސަތަކީ އެކި ސިނާއާތްތަކުން މީހުން ބިނާކުރުންކަން ކަމަށް ވެސް ފައިސަލް ވިދާޅުވިއެވެ.
މި ފްލައިން ސްކޫލުން ކޮންމެ އަހަރަކު 80 ކުދިންނަށް ޖާގަ ދޭން ނިންމައިފައިވާއިރު، ފުރަތަމަ ބެޗުން 30 ކުދިންނަށް ޖާގަ ދިނުމަށް ވަނީ ނިންމާފައެވެ. މި ބެޗުން ޖާގަ ދިނުމުގައި ފުރަތަމަ އިސްކަން ދޭނީ އެކި ސަބަބުތަކާ ހުރެ ކޯސް މެދުކެނޑިފައިވާ ދަރިވަރުންނަށެވެ.
ފްލައިން އެކަޑެމީގެ ދަށުން އެންމެ ފުރަތަމަ ގެންދަން ހަމަޖެހިފައިވަނީ ދެ މަސް ދުވަހުގެ ރިފްރެޝާ ޕްރޮގްރާމެކެވެ. އެ ޕްރޮގްރާމްގައި 50 ގަޑިއިރުގެ ތިއަރީ އާއި ފްލައިން ކުރިއަށް ދާނެއެވެ.
މޯލްޑިވިއަން އޭވިއޭޝަން އެކެޑަމީ އަކީ އައިލެންޑް އޭވިއޭޝަނާއި ގައުމީ ޔުނިވާސިޓީ ގުޅިގެން އުފައްދާފައިވާ ޖޮއިންޓް ވެންޗާ ކުންފުންޏެއްގެ ދަށުން ހިންގާ ސްކޫލެކެވެ. މި ސްކޫލް ހިންގާނީ ޗެކް ރިޕަބްލިކްގެ ފްލައިން އެކެޑަމީއާ ގުޅިގެންނެވެ.
މި ސްކޫލް ހިންގާނީ އައްޑޫގައެވެ. އެގޮތުން ގަން އިންޓަނޭޝަނަލް އެއާޕޯޓާއެކު ފްލައިން ސްކޫލުގެ އެއްބަސަވުމެއްގައި ވެސް ވަނީ ސޮއި ކޮށްފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!