ރައްޔިތުންގެ މަޖިލީހުގެ ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަނަށް ކުރިމަތިލާފައިވާ ކެންޑިޑޭޓުންގެ ގުރުއަތުނެގުމާއި ނަން ތަރުތީބުކުރުން މި އަންނަ ބުރާސްފަތި ދުވަހުގެ ރޭ ބާއްވަން އިލެކްޝަން ކޮމިޝަން (އީސީ) އިން ނިންމައިފިއެވެ.

އީސީން ބުނީ ރައްޔިތުންގެ މަޖިލީހުގެ ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަނަށް ކުރިމަތިލާފައިވާ ކެންޑިޑޭޓުންގެ ގުރުއަތުނެގުމާއި ނަން ތަރުތީބުކުރުމަށް ހަމަޖެހިފައިވައި ވަނީ މި މަހުގެ 30 ވަނަ ދުވަހުގެ ރޭ 21:00 ގައިކަމަށެވެ.

Ad
rt

އެކަން ކުރިއަށް ގެންދިޔުމަށް ނިންމާފައި ވަނީ އިންތިޚާބާބެހޭ ޤައުމީ މަރުކަޒު، ބާ ޖަމާލުއްދީނުގައެވެ.

މީގެއިތުރުން އީސީން ވަނީ އެ އިންތިޚާބުގެ އޮބްޒާވަރުންނަށާއި، މޮނިޓަރިންނަށް ވުމުގެ ފުރުޞަތު މިއަދު ހުޅުވާލާފައެވެ. އަދި އެ އިންތިޚާބުގައި ވޯޓު ފޮށި ބަހައްޓާ ތަންތަން ވެސް މިއަދު ވަނީ ޢިއުލާންކޮށްފައެވެ.

އެ އިންތިޚާބުގައި ވާދަކުރާނެ ކަމަށް މިހާތަނަށް ޢިއުލާންކޮށްފައި ވަނީ ތިން ސިޔާސީ ޕާޓީއަކުންނެވެ.

މިގޮތުން ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަންގައި އެމްއެންޕީގެ ފަރާތުން ވާދަކުރާ ކެންޑިޑޭޓް، ކޮމަންޑޫއަށް އުފަން ޢަބްދުލް ޙަންނާން އިދުރީސްގެ ކެނޑިޑެންސީ ފޯމު މިއަދު އިލެކްޝަންސް ކޮމިޝަން (އީސީ)އަށް ހުށަހަޅާފައިވާއިރު، ސަރުކާރު ހިންގާ މައި ޕާޓީ އެމްޑީޕީއިން ވަނީ ފޯކައިދޫ ކައުންސިލްގެ ސެކްރެޓަރީ ޖެނެރަލް އަދި ފޯކައިދޫ ކައުންސިލްގެ ކުރީގެ ނައިބު ރައީސް މުހައްމަދު ރާޝިދަށް ޓިކެޓް ދީފައެވެ. ރާޝިދަކީ ފޯކައިދޫއަށް ނިސްބަތްވާ ބޭފުޅެކެވެ.

ޕީޕީއެމުން ޓިކެޓް ދީފައި ވަނީ ރައީސް ޔާމީން ސަރުކާރުގައި ހޯމް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރެއްގެ މަގާމް ފުރުއްވި، ގާނޫނީ ވަކީލު މޫސާ ފަތުހީ އާދަމަށެވެ. ފަތުހީ އަކީ ކޮމަންޑޫއަށް ނިސްބަތްވާ ބޭފުޅެކެވެ.

ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަންގައި ވާދަކުރުމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ހުޅުވާލީ، އެ ދާއިރާގެ މެންބަރު ހުސައިން ވަހީދު މި މަހުގެ 13 ވީ ހޯމަދުވަހުގެ ރޭ އަވަހާރަވުމާ ގުޅިގެންނެވެ.

ބައި އިލެކްޝަންގައި ވާދަކުރުމަށް އީސީން ފުރުސަތު ހުޅުވާލާފައި ވަނީ މިމަހުގެ 30 ވަނަ ދުވަހުގެ ނިޔަލަށެވެ.

އެ ގޮނޑިއަށް މެންބަރަކު އިންތިޚާބުކުރުމަށް ބާއްވާ ރައްޔިތުންގެ ބައި-އިލެކްޝަން ބާއްވަން އީސީއިން ނިންމާފައި ވަނީ، 2022 ފެބުރުވަރީ 05 ވާ ހޮނިހިރު ދުވަހު އެވެ.