ހއ. އިހަވަންދޫގައި ރަޖިސްޓްރީ ކޮށްގެން ހިންގަމުން އަންނަ ޖަމްޢިއްޔާއެއް ކަމުގައިވާ ކުލަބް ޕޯލްސްޓަރގެ ފަރާތުން ހއ އަދި ހދ ގެ ހުރިހާ ރަށަކަށް ހުޅުވާލައިގެން ކުރިއަށް ގެންދާ އިހަވަން ކަޕް ފުޓްބޯޅަ މުބާރާތް 2021 ފަށައިފިއެވެ.
މި މުބާރާތް ފަށާފައި ވަނީ 24 ޑިސެމްބަރ 2021 ވީ ހުކުރު ދުވަހުގެ ރޭ އިހަވަންދޫ ހުރަވީ ފުޓްބޯޅަ ދަނޑުގައެވެ. ފުރަތަމަ މެޗުގައި ބައްދަލު ކޮށްފައި ވަނީ ދިއްދޫ ހީވެސްނުވޭ ސްޕޯޓްސް ކުލަބާއި އިހަވަންދޫ ސެންސިޓީއެވެ. މި މެޗު 1-0 ގެ ނަތީޖާއިން ކާމިޔާބު ކޮށްފައި ވަނީ ހީވެސްނުވޭ ސްޕޯޓްސް ކުލަބުންނެވެ.
މި މުބާރާތުގައި ޖުމްލަ އެގާރަ ޓީމަކުން ވަނީ ބައިވެރި ވެފައެވެ. އެ ޓީމް ތަކަކީ ހީވެސްނުވޭ ސްޕޯޓްސް ކުލަބް، ސެންސިޓީ، ނޮޅިވަރަން، ކުޅިމަގު، މުރައިދޫ، ބަނޑޭރި ސްޕޯޓސް، އަރާދުވާ، އެންވީކޭ، މާރަންދޫ، ހޯރަފުށި އަދި ސެންސިޓީ ޖޭއާރެވެ.
މި މުބާރާތުގެ މިއަދު ދެ މެޗު ކުޅެން ތާވަލު ކޮށްފައިވާއިރު ފުރަތަމަ މެޗުގައި މިއަދު ހަވީރު 16:00 ގައި ބައްދަލު ކުރާނީ ނޮޅިވަރަމާއި ކުޅިމަގެވެ. ދެވަނަ މެޗުގައި މިރޭ 20:00 ގައި ބައްދަލުކުރާނީ މުރައިދޫއާއި ބަނޑޭރި ސްޕޯޓްސްއެވެ.
މި މުބާރާތަކީ އިހަވަންދޫގެ އެންމެހާ ޒުވާނުންނަށާއި، އިހަވަންދޫ ފިޔަވައި، ހއ. ހދ އަތޮޅުގައި ހުރި ސަރުކާރު މުއައްސަސާތަކާއި، ހއ. ހދ އަތޮޅުގައި ހުރި ހިލޭސާބަހަށް މަސައްކަތްކުރާ ކުލަބު ޖަމާޢަތްތަކާއި، ހއ. ހދ އަތޮޅުގައި ހުރި ކުންފުނިތަކާ އަދި ހއ. ހދ އަތޮޅުގައި ހުރި ރިސޯޓުތަކަށް ހުޅުވާލައިގެން އިހަވަންދޫ ކުލަބް ޕޯލްސްޓާއިން ކުރިއަށް ގެންދާ މުބާރާތެކެވެ.
މިއީ ކުލަބް ޕޯލްސްޓަރއިން މި މުބާރާތް ބާއްވާ ދެވަނަ އަހަރެވެ. ފުރަތަމަ މި މުބާރާތް ބާއްވާފައި ވަނީ 2020 ވަނަ އަހަރުއެވެ. އެ މުބާރާތުގެ ޗެމްޕިއަންކަން ހޯދާފައި ވަނީ ހދ.ނޮޅިވަރަމުންނެވެ.
މިއީ ތިލަދުންމަތީގެ ޖަމްޢިއްޔާއަކުން ހއ އަދި ހދ އަތޮޅަށް ހުޅުވާލައިގެން ބާއްވާ އެންމެ އަގުބޮޑު ފުޓްބޯޅަ މުބާރާތެވެ. މި މުބާރާތުގެ ޗެމްޕިއަން ޓީމަށް 50000 (ފަންސާސް ހާސް ރުފިޔާ) ދިނުމަށް ހަމަޖެހިފައިވާ އިރު، ރަނަރަޕް ޓީމަށް ދިނުމަށް ހަމަޖެހިފައިވަނީ 25000 (ފަންސަވީސްހާސް ރުފިޔާ) އެވެ.
ކުލަބް ޕޯލްސްޓަރ ޖަމްޢިއްޔާއަކީ 1999 ވަނަ އަހަރުން ފެށިގެން ރަޖިސްޓަރީ ކުރެވިގެން އިހަވަންދޫގެ ކުރިއެރުމަށް މަސައްކަތް ކުރަމުން އަންނަ ޖަމްޢިއްޔާއެކެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!