ށ. ބިލެއްފަހި ސްކޫލްގައި 4 ކުލާސްރޫމާއި މަލްޓިޕާރޕަސް ހޯލެއް އިމާރާތް ކުރުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ފިނޭންސް މިނިސްޓްރީން އިޢުލާން ކޮށްފިއެވެ.
މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ އެދިލެއްވުމުގެ މަތިން ކުރިއަށްގެން ޢިއުލާންކޮށްފައިވާ މި މަޝްރޫޢުގެ މަސައްކަތަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު 23 ޑިސެމްބަރ 2021 އިން ފެށިގެން 10 ޖަނަވަރީ 2021 ގެ ނިޔަލަށް މިހާރު ވަނީ ހުޅުވާލާފައެވެ.
މި ބީލަމުގައި ބައިވެރިވުމުގެ ފުރުޞަތު ދިނުމަށް ހަމަޖެހިފައި ވަނީ މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ "ޢިމާރާތްކުރުމުގެ ޢަމަލީ މަސައްކަތް ކުރާފަރާތްތަކުގެ ގަވާއިދު" ގައިވާ ގޮތުގެމަތީން ރަޖިސްޓަރީވެފައިވާ ފަރާތްތަކަށެވެ.
ބީލަމުގައި ބައިވެރިވުމަށް -/500 (ފަސްސަތޭކަ ރުފިޔާ) ގެ ނޮން-ރިފަންޑަބަލް ރަޖިސްޓްރޭޝަން ފީއެއް ދައްކަން ޖެހޭއިރު، އެ ފައިސާ ދައްކަން ޖެހެނީ ބަނޑޭރި ޕޭ (https://bandeyripay.finance.gov.mv) މެދުވެރި ކޮށެވެ. ފައިސާ ދެއްކުމަށްފަހު، ބީލަމަށް ރަޖިސްޓްރީވުމަށް އެދޭ ފަރާތުގެ ނަމާއި އެޑްރެސް، ގުޅޭނެ ނަންބަރާއި އީ-މެއިލް އެޑްރެސް އަދި ފައިސާ ދެއްކި ރަސީދުގެ ކޮޕީ hawwa.nazla@finance.gov.mv މި އީމެއިލް އެޑްރެހަށް ފޮނުއްވަން ޖެހެއެވެ. މީގެއިތުރުން މި ޕްރޮޖެކްޓާއި ގުޅޭގޮތުން އެއްވެސް ސުވާލެއްވާނަމަ 30 ޑިސެންބަރު 2021 ވާ ބުރާސްފަތި ދުވަހުގެ 13:00ގެ ކުރިން، ބަޔާންކުރެވިދިޔަ އީމެއިލް އެޑުރެހަށް ފޮނުވަން ޖެހެއެވެ.
މި ޕްރޮޖެކްޓްގެ ބިޑް ސެކިއުރިޓީގެ ގޮތުގައި 60،000 (ފަސްދޮޅަސް ހާސް ރުފިޔާ) ބަހައްޓަން ޖެހޭއިރު، ބިޑުތައް ހުޅުވުން ބޭއްވުމަށް ހަމަޖެހިފައި ވަނީ 12 ޖަނަވަރީ 2022 ވާ ބުދަ ދުވަހުގެ 11:00ގައި މިމިނިސްޓްރީގެ ނެޝަނަލް ޓެންޑަރގެ ޖަލްސާކުރާ މާލަމުގައެވެ.
މިކަމާއި ގުޅިގެން ކޮށްފައިވާ އިޢުލާނުގައި އިތުރަށް ބުނެފައިވަނީ ބިޑުތައް ހުށަހަޅާއިރު ހުންނަންވާނީ ސިޓީއުރައެއްގައި ބަންދުކޮށްފައި ކަމަށެވެ. އަދި ސިޓީއުރައިގެ ބޭރުގައި ބީލަމަށް ދީފައިވާ ނަން، ހުޅުވަން ކަނޑައަޅާފައިވާ ތާރީޚާއި ވަޤުތު އަދި ބިޑު ހުށަހަޅާ ފަރާތުގެ ނަން ލިޔެފައި އޮންނަންވާނެ ކަމުގައި އެ އިޢުލާނުގައި ވަނީ ބުނެފައެވެ.