ރައްޔިތުންގެ މަޖިލީހުގެ ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަން އަށް ވޯޓުދިނުމުގެ ޙައްޤު ލިބިފައިވާ މީހުންގެ ލިސްޓު ޢާންމުކޮށް، ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ.
އިލެކްޝަން ކޮމިޝަން (އީސީ) އިން މިއަދު ނެރެފައިވާ އިއުލާާނެއްގައި ބުނެފައިވަނީ މިއަންނަ އަހަރުގެ ފެބުރުއަރީ މަހުގެ 5 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ރައްޔިތުންގެ މަޖިލީހުގެ ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަން އަށް ވޯޓުދިނުމުގެ ޙައްޤު ލިބިފައިވާ މީހުންގެ ލިސްޓު މިއަދު އާއްމު ކޮށްފައިވާ ކަމަށެވެ.
މިގޮތުންމި މި ލިސްޓް ސަރުކާރުގެ ގެޒެޓްގައި މިއަދު ޝާޢިއުކޮށްފައިވާއިރު، އެ ކޮމިޝަނުގެ ވެބްސައިޓް (www.elections.gov.mv) ގެ އިތުރުން ކޮމަންޑޫ ދާއިރާގެ ރަށްތަށް ކަމަށްވާ ށ. ކޮމަންޑޫ، ށ.ފޯކައިދޫ އަދި ށ. މަރޮށިގެ ކައުންސިލުގެ އިދާރާއިން ޢާންމުކޮށް ފެންނަން ހުންނާނެ ކަމަށް އީސީން ވިދާޅުވެއެވެ.
ރަޖިސްޓަރީއަށް ޝަކުވާ ހުށަހެޅުވުމުގެ 2021 ޑިސެމްބަރު 22 އިން 2022 ޖަނަވަރީ 02 ވާ އާދިއްތަ ދުވަހުގެ މެންދުރުފަހު 02:00 ގެ ނިޔަލަށް ހުޅުވާލާފައިވާއިރު، ޝަކުވާ ބަލައިގަތުމަށް ހަމަޖެހިފައިވަނީ އެކޮމިޝަންގެ އީމެއިލް registration@elections.gov.mv މެދުވެެރިކޮށެވެ. އަދި ޝަކުވާ ފޯމު ކޮމިޝަންގެ ވެބްސައިޓުންނާއި ކައުންސިލުގެ އިދާރާތަކުން ލިބެން ހުންނާނެ ކަމަށް އެ ކޮމިޝަންއިން ވަނީ ބުނެފައެވެ.
ރައްޔިތުންގެ މަޖިލީހުގެ ކޮމަންޑޫ ދާއިރާގެ ގޮނޑީ ހުސްވެފައި މިވަނީ އެ ދާއިރާގެ މެންބަރުކަމުގައި ކުރިން ހުންނެވި އެމްޑީޕީގެ މެންބަރު ހުސައިން ވަހީދު އަވަހާރަވުމާ ގުޅިގެންނެވެ.
މި ބައި އިލެކްޝަންގައި ވާދަކުރާ ކެންޑިޑޭޓު ވެރިކަންކުރާ ކޯލިޝަންގެ މައި ޕާޓީ އެމްޑީޕީއިން މިހާރު ޢިއުލާންކޮށްފައިވާއިރު، އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަނުގައި ހިމެނޭ ޕީޕީއެމާއި، ޕީއެންސީގެ އިތުރުން އެމްއެންޕީން މިހާރު ވަނީ އެ ޕާޓީތަކުގެ ޓިކެޓްގައި މި އިންތިޚާބުގައި ވާދަކުރާ ކެންޑިޑޭޓުން ހޮވުމަށް ޕްރައިމަރީއަށް ހުޅުވާލާފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!