އާދެ! އިހަވަންދޫ މަސްވެރިނެގެ ގުޅުން (އިމަގު) އެވެ. ޖަމްޢިއްޔާގެ ނަން ބުނެލުމުން ވެސް ޖަމްޢިއްޔާއާއި މަސްވެރިކަމާއި އޮތް ގުޅުމާއި މެދު އިތުރު ސުވާލެއް ނުއުފެދޭނެކަން ޔަޤީނެވެ. ވުމާއެކު މަސްވެރިކަމުގެ ދުވަހެއް އަންނަނަމަ، އެ ދުވަހެއް ވެގެންދާނީ އެ ޖަމްޢިއްޔާއަށް ވަރަށް ވެސް ހާއްސަ ދުވަހަކަށެވެ.

އެ ހާއްސަކަން އިމަގު ޖަމްޢިއްޔާއިން ވަނީ މި އަހަރުގެ މަސްވެރިންގެ ދުވަހު ވެސް އަމަލާއި ބަހުން ދައްކުވައިދީފައެވެ. ދިވެހިރާއްޖޭގައި މަސްވެރިންގެ ދުވަހުގެ ގޮތުގައި ކޮންމެ އަހަރެއްގެ ޑިސެމްބަރ މަހުގެ 10 ވަނަ ދުވަސް ފާހަގަ ކުރަމުން އަންނައިރު، އެ ދުވަހުން ފެށިގެން މި މަހުގެ 18 ވަނަ ދުވަހުގެ ނިޔަލަށް އިމަގު ޖަމްޢިއްޔާއިން ވަނީ އިހަވަންދޫގައި ފާހަގަކޮށްލެވޭ ކާމިޔާބު ހަރަކާތްތަކެއް ހިންގާފައެވެ.

Ad
rt

މަސްވެރިންނަށް ހާއްސަ ފަރިވަޅު

މަސްވެރިންގެ ދުވަހުގެ ހަރަކާތްތައް، ޑިސެމްބަރ 10 ވަނަ ދުވަހު ފެށިއިރު ފުރަތަމަ ހަރަކާތެއްގެ ގޮތުގައި އިމަގުގެ ކަނބަލުންގެ ފަރާތުން ކުރިއަށް ގެންގޮސްފައި ވަނީ ފަރިވަޅު އެރުވުމެވެ. މިގޮތުން އެ ދުވަހު އިހަވަންދޫގެ ބަނދަރުގައްޔާއި ރަށުގެ ބޭރުމަތީގައި އޮތް ހުރިހާ ދޯންޏަކަށް އެ ކަނބަލުން އިސްވެ ވަނީ ފަރިވަޅު އަރުވާފައެވެ. ޖުމްލަ 18 ފަރިވަޅު އެރުވިއިރު، ފަރިވަޅު އެރުވުމަށް ކަނބަލުން ގޮސްފައިވަނީ ދިވެހި ލިބާސް ތުރު ކުރައްވައިގެންނެވެ. ބޮޑުބެރާއި ރައިވަރު ކިޔުމާއިއެކު ވަރަށް ފޯރީގައި ކުރިއަށް ދިޔަ މި ހަރަކާތުގައި ގިނައަދަދެއްގެ ކަނބަލުން ވަނީ ބައިވެރިވެފައެވެ.

މަސްވެރި ކަނބަލުންގެ ރޯނުވެށުން/ ފަންގިވިނުމުގެ މުބާރާތާއި މަސްވެރިކަމުގެ ވަސީލަތްތަކުގެ ހަވީރު

ދެ ދުވަހަކަށް ތާވަލު ކުރެވުނު ނަމަވެސް ޝެޑިއުލަށް ގެންނަން ޖެހުނު ބަދަލާއި ގުޅިގެން މަސްވެރި ކަނބަލުންގެ ރޯނުވެށުމާއި ފަންގެ ވިނުމުގެ މުބާރާތާއި މަސްވެރިކަމުގެ ވަސީލަތްތަކުގެ ހަވީރު ކުރިއަށް ގެންގޮސްފައި ވަނީ އެއް ހަރަކާތެއްގެ ގޮތުގައި 17 ޑިސެމްބަރ 2021 ވީ ހުކުރު ދުވަހު ހަވީރުއެވެ.

ގިނަ އަދަދެއްގެ ކަނބަލުން ބައިވެރިވި ރޯނުވެށުމުގެ މުބާރާތާއި ފަންގެ ވިނުމުގެ މުބާރާތް އެ ދުވަހު ކުރިއަށް ގެންދިޔައިރު މި ދެ މުބާރާތުން ވަނަވަނައަށް ހޮވުނު ފަރާތްތަކަށް ވަނީ އެ ހަވީރުގައި އިނާމް ހަވާލުކޮށްފައިވެ.

މި ހަވީރުގައި ތަފާތު ސްޓޯލްތައް މެދުވެރިކޮށް މަސްވެރިކަމާއި ގުޅުންހުރި ގިނަ ކަންތައްތަކެއް ވަނީ ދައްކުވައިދީފައެވެ. މިގޮތުން މަސްވެރިން ފަތިހު މަހަށް ފުރުމާއި، އެންދަމަން ދައު ތައްޔާރު ކުރުމާއި މަސްބޭނުމަށް ދޮއްޓާއި ބުޅި ފަދަތަކެތި ތައްޔާރު ކުރާނެ ގޮތްތައް ވަނީ އަމަލީ ގޮތުން ދައްކުވައިދީފައެވެ. މީގެ އިތުރުން މަސް ބާނައިގެން އޮޑި ރަށަށް ލެފުމުން މަސް ކެނޑުމުގެ ހަރަކާތް ކުރިއަށްދާ ގޮތާއި އެ ކައްކާ ގޮތުގެ އިތުރުން ރިހާކުރު ހަދާގޮތް ވެސް ސްޓޯލް ތައް މެދުވެރިކޮށް ވަނީ ދައްކުވައިދީފައެވެ. މީގެއިތުރުން މަހުން އުފައްދާ ގިނަ ބާވަތްތައް ދައްކުވައިދޭ ސްޓޯލެއް ވެސް ވަނީ ތައްޔާރު ކުރެވިފައެވެ. މި ހަރަކާތަކީ ވެސް އިހަވަންދޫގެ ގިނަ ބަޔަކު ބައިވެރިވީ ހަރަކާތެކެވެ.

ކަނޑުގެ ދިރުން/ ކުރެހުމުގެ މުބާރާތް

މަސްވެރިންގެ ދުވަހުގެ ހާއްސަ ހަރަކާތެއްގެ ގޮތުގައި އިމަގު ޖަމްޢިއްޔާއިން އިންތިޒާމް ކޮށްގެން އިހަވަންދޫ ސްކޫލްގެ ގްރޭޑް 1 ފެށިގެން ގްރޭޑް 7 ގެ ކުދިންނަށް ހާއްސަ ކޮށްގެން ކަނޑުގެ ދިރުމުގެ ނަމުގައި ކުރެހުމުގެ މުބާރާތެއް ވެސް ވަނީ ބާއްވާފައެވެ. މި މުބާރާތުގެ އެންމެ ރީތި ތިން ކުރެހުން ހޮވައި، ވަނަވަނައަށް ދިޔަ ދަރިވަރުންނަށް 17 ޑިސެމްބަރ 2021 ވީ ހުކުރު ދުވަހު ބޭއްވި ހަވީރުގައި އިމަގުގެ ފަރާތުން ވަނީ އިނާމް ހަވާލުކޮށްފައެވެ.

މަސް ރޭސް

އިމަގު ޖަމްޢިއްޔާއިން މަސްވެރިންގެ ދުވަހާއި ގުޅުވާލައިގެން ކުރިއަށް ގެންދިޔަ ހަރަކާތްތަކުގެ ތެރެއިން އެންމެ ފަހު ހަރަކާތެއް ގޮތުގައި ކުރިއަށް ގެންގޮސްފައި ވަނީ މަސްރޭހެވެ. އިމަގުން މަޢުލޫމާތު ދީފައިވާ ގޮތުގައި މި މަސްރޭހަކީ މިހާތަނަށް އިހަވަންދޫގައި ބޭއްވުނު އެންމެ ގިނަ ޓީމްތައް ބައިވެރި ވީ މަސް ރޭހެވެ. 18 ޑިސެމްބަރ 2021 ވީ ހޮނިހިރު ދުވަހު ކުރިއަށް ގެންދިޔަ މަސްރޭހުގައި 15 ޓީމަކުން ވަނީ ބައިވެރިވެފައެވެ. މި މުބާރާތުގެ އެއްވަނަ ޓީމަށް ހޮވިފައި ވަނީ ޓީމް ތިޔަފެންއެވެ.

މަސްވެރިންގެ ދުވަހުގެ ހަރަކާތްތައް ކާމިޔާބު ކަމާއިއެކު ކުރިއަށް ގެންދިޔުމުގައި އިހަވަންދޫގެ ކެޔޮޅުންނާއި އޮޑިވެރިންގެ އިތުރުން އިހަވަންދޫގެ ހީވާގި ކަނބަލުން ދެއްވި އެއްބާރުލުމާއި އެހީތެރިކަން ފާހަގަކޮށް އިމަގުގެ ރައީސް މޫސާ އަލީ ވަނީ އެ ފަރާތްތައަށް ޝުކުރު އަދާކޮށްފައެވެ. މީގެއިތުރުން މަސް ރޭސް ސްޕޮންސަރ ކޮށްދެއްވި އޮމެގަ ފައިބަރ އެންޑް ކެމިކަލްސް، އމިފްކޯ، އިހަވަންދޫ އައިސްޕްލާންޓް މުވައްޒަފުންގެ އިތުރުން އިމަގު ޖަމްޢިއްޔާގެ މެމްބަރުންނާއި ރަށުގެ މުއައްސަސާތަކުން ދެއްވި އެހީތެރިކަން ފާހަގަކޮށް އެ ފަރާތްތަކަށް ވެސް ހައްޤު ޝުކުރު މޫސަ ވަނީ އަދާކޮށްފައެވެ.

އިމަގު ޖަމްޢިއްޔާއަކީ ވޭތުވިދިޔަ 25 އަހަރު ދުވަހު އިހަވަންދޫގެ ތަރައްގީއަށާއި، ކުރިއެރުމަށާއި ރަށުގެ އިޖުތިމާއީ ހާލަތު ރަނގަޅު ކުރުމަށް ރަށުގެ ރައްޔިތުންނާއި ގުޅިގެން ގިނަ މަސައްކަތްތަކެއް ކޮށްފައިވާ އަދި ކުރަމުންދާ ޖަމްޢިއްޔާއެކެވެ.

އިމަގު ޖަމިއްޔާއަކީ މުޅި އުތުރުން ވެސް ފާހަގަކޮށްލެވޭ ވަރަށް ހަރަކާތްތެރި، ވަރަށް ޚިދުމަތްތެރި ޖަމްޢިއްޔާއެކެވެ. އެ ޖަމްޢިއްޔާ އުފެދިފައި ވަނީ 1996 ވަނަ އަހަރުއެވެ. އިމަގު ޖަމްޢިއްޔާއަކީ އިޖުތިމާޢީ ޚިދުމަތުގެ ދާއިރާއިން ޖަމާޢަތަށް ފައިދާހުރި މަސައްކަތްތައް ކުރުމުގެ ރޮނގުން ޤައުމީ އިނާމް ވެސް ހާސިލް ކޮށްފައިވާ ޖަމްޢިއްޔާއެކެވެ.