ނޫސްވެރިންނަށް ހާއްސަ ދިވެހި ބަހުގެ ވޯރކްޝޮޕެއް ހިންގަން މޯލްޑިވްސް މީޑިއާކައުންސިލުން ނިންމައިފިއެވެ.

މިއީ ނޫސްވެރިންނަށާއި ނޫސްވެރިކަމަށް ޝައުގުވެރިވާ ފަރާތްތަކަށް އަމާޒުކޮށްގެން މީޑިއާކައުންސިލާއި ދިވެހި ބަހުގެ އެކަޑަމީ ގުޅިގެން ކުރިއަށް ގެންދަން ނިންމާފައިވާ، ދިވެހި ބަހުގެ ހާއްސަ ވޯރކްޝޮޕެކެވެ.

Ad
rt

މި ވޯރކްޝޮޕް ފެށުމަށް ނިންމާފައިވަނީ މި ހިނގާ ޑިސެންބަރު މަހުގެ 26 ވަނަ ދުވަހުއެވެ.

ފަސް ދުވަހުގެ މުއްދަތައް ހިންގާ މި ވޯރކްޝޮޕްއަކީ ދިވެހިރާއްޖޭގައި މަސައްކަތް ކުރާ ނޫސްވެރިންނަށާއި ނޫސްވެރިކަމަށް ޝައުގުހުރި ފަރާތްތަކަށް ދިވެހިބަހުގެ ހަމަތަކާ ގަވާއިދުތަކާއި އުސޫލުތަކާ އެއްގޮތަށް މުއާމަލާތުކޮށް ލިޔަން ދަސްކޮށްދިނުމަށް ހިންގާ ވޯރކްޝޮޕެއް ކަމަށް މޯލްޑިވްސް މީޑިއާ ކައުންސިލުން ބުނެއެވެ.

މި ވޯރކްޝޮޕްގައި ބައިވެރިވުމުގެ ފުރުސަތު މިހާރު މީޑިއާ ކައުންސިލްގެ ހުރިހާ މީސްމީޑިއާ ޕްލެޓްފޯމް ތަކެއްގައި އިއުލާނުކޮށް ހުޅުވާލާފައިވާއިރު، މި ވޯރކްޝޮޕްގައި އޮންލައިންކޮށް އަދި ކުލާހަށް ގޮސް ގެން ބައިވެރި ވެވޭނެއެވެ.

މި ވޯރކްޝޮޕްގެ މަގުސަދަކީ ނޫސްވެރިން ލިޔާ ލިޔުން ތަކަކީ ދިވެހި ބަހުގެ އިލްމީ ހަމަތަކުގެ މަތީން ލިޔެ ޝާއިއު ކުރާ ލިޔުންތަކަކަށް ހެދުމާ، ދިވެހި ބަހުގެ ކުށުގެ ވެށިން ނޫސްވެރިކަން ސަލާމަތްކުރުމާ، އަދި އަދަބު އިހުތިރާމާއިއެކު ނޫސްވެރިންނަށް މުއާމަލާތްކުރަން ދަސްކޮށްދިނުންކަމަށް މީޑިއާ ކައުންސިލުން ވަނީ ހާމަކޮށްފައެވެ.

މި ވޯރކްޝޮޕް ޕްރޮގްރާމުގައި ބައިވެރިވުމަށް ފުރަންޖެހޭ ފޯމުގެ ލިންކު އެ ކައުންސިލްގެ ސޯޝަލް މީޑިއާގައި ވަނީ މިހާރު އާންމު ކޮށްފައެވެ.