ހދ. ނޮޅިވަރަންފަރު އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީން އެ ރަށުގައި ކުރިއަށް ގެންދިޔަ އެޑްވާންސް ލެވެލްގެ ފަހަން ދަސްކޮށްދޭ ކޯސް ކާމިޔާބު ކަމާއިއެކު ނިންމާލައިފިއެވެ.
މި ކޯހުގެ ނިންމުމުގެ ރަސްމިއަޔާތު 16 ޑިސެމްބަރ 2021 ވީ ބުރާސްފަތި ދުވަހުގެ ރޭ ނޮޅިވަރަންފަރު ސްކޫލުގައި ބާއްވާފައިވާއިރު، އެ ރަސްމިއްޔާތު ޝަރަފްވެރި ކޮށްދެއްވާފައި ވަނީ އެމްއެންޕީގެ ރައީސް ކާނަލް މުޙައްމަދު ނާޒިމްގެ ދެ ކަނބަލުންނެވެ.
20 ނޮވެމްބަރ 2021 އިން ފެށިގެން 15 ޑިސެމްބަރ 2021 ގެ ނިޔަލަށް ނޮޅިވަރަންފަރުގައި ކުރިއަށް ގެންދިޔަ މި ކޯހުގައި ޖުމްލަ 30 ބައިވެރިން ބައިވެރިވެ، 29 ބައިވެރިން ވަނީ ކޯސް ފުރިހަމަކޮށް ސެޓްފިކެޓް ހާސިލް ކޮށްފައެވެ.
މި ކޯހުގައި ހުރިހާ ގޮތަކުން އެންމެ މޮޅު ތިން ބައިވެރިން ވެސް ވަނީ ހޮވާފައެވެ. މިގޮތުން މުޅި ކޯހުން އެއްވަނައަށް ހޮވިފައިވަނީ އައިޝަތު އާދަމް/ ރޯސްލީންއެވެ. ދެވަނައަށް ފާތިމަތު އިބްރާހީމް/ ނޮޅިވަރަންފަރު ދަފްތަރު، ހޮވިފައިވާއިރު ތިންވަނައަށް ހޮވިފައި ވަނީ ހަދީޖާ ލީނާ/ ޝަބާބްއެވެ.
މި ކޯސް ކުރިއަށް ގެންދިއުމަށް އިންސްޓްރަކްޓަރ ހަމަޖައްސައި ދެއްވައި އެފަރާތަށް ދޭންޖެހޭ އުޖޫރައާއި ކޯހަށް ބޭނުންވާ ބައެއް ތަކެތި ހަމަޖައްސަވައި ދެއްވާފައި ވަނީ އެމްއެންޕީގެ ރައީސް ކާނަލް މުޙައްމަދު ނާޒިމެވެ. ކޯހުގެ އެހެނިހެން ޚަރަދުތައް ހަމަޖައްސައި، މީގެއިތުރުން ކޯހާއި ގުޅުންހުރި ހުރިހާކަމެއް ބަލަހައްޓާފައި ވަނީ ނޮޅިވަރަންފަރު އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމެޓީގެ ފަރާތުންނެވެ.
މި ކޯސް ކުރިއަށް ގެންދިޔުމުގައި ކާނަލް ނާޒިމްގެ ފަރާތުން ލިބިގެންދިޔަ އެއްބާރުލުމާއި، ރައްޔިތުންގެ މަޖިލީހުގެ ނޮޅިވަރަން ދާއިރާގެ މެމްބަރު މުޙައްމަދު ނަޝީދު (މޮސްޓާ) ގެ ފަރާތުން ލިބުނު އެއްބާރުލުން ފާހަގަކޮށް، ނޮޅިވަރަންފަރު ޑަބްލިއުޑީސީގެ ރައީސާ ނަޒްމީނާ ވަނީ އެ ފަރާތްތަކަށް ޝުކުރު އަދާކޮށްފައެވެ.
މީގެއިތުރުން ނަޒްމީނާ ވަނީ މި ކޯހުގެ ކަންތައްތަކުގައި ނޮޅިވަރަންފަރު ކައުންސިލްގެ ފަރާތުން ދެއްވި އެއްބާރުލުން ފާހަގަކޮށް އެ ފަރާތަށް ވެސް ޝުކުރު އަދާކޮށްފައެވެ. މީގެ އިތުރުން ކޯސް ކުރިއަށް ގެނަދިޔުމަށް ނޮޅިވަރަންފަރު ސްކޫލްގެ ފަރާތުން ލިބުނު އެހީތެރިކަން ފާހަގަކޮށް އެ ފަރާތަށް ވެސް ހައްޤު ޝުކުރު ނަޒްމީނާ ވަނީ އަދާކޮށްފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!