ށ. ގޮއިދޫ ކައިރިން ރިސޯޓެއް ތަރައްޤީކޮށްދެއްވުން އެދި މިލަދުންމަޑުލު އުތުރުބުރީ ގޮއިދޫ ކައުންސިލުން ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް އަށް ދަންނަވައިފި އެވެ.

އެކައުންސިލުން މިގޮތައް އެދިފައިވަނީ މިއަދު މެންދުރުފަހު ރައިސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި ބައްދަލުކުރެއްވުމުގައެވެ.

Ad
rt

މި ބައްދަލުކުރެއްވުމުގައި ގޮއިދޫ ކައުންސިލަރުން ވަނީ ރަށުގެ ރައްޔިތުންގެ ހުރި ކަންބޮޑުވުންތަކާއި ރަށުގެ ތަރައްޤީއަށްޓަކައި ބޭނުންވާ ކަންތައްތައް ރައީސް އާއި ޙިއްޞާކުރައްވާފައެވެ.

އެގޮތުން ރަށުގެ ޒުވާނުންގެ 70 އިންސައްތައަކީ ރިސޯޓުތަކުގައި މަސައްކަތް ކުރާ ފަރާތްތައްކަމަށްވާތީ ރަށާ ކައިރިން ރިސޯޓެއް ތަރައްޤީކުރުމަށް ބޭނުންވާކަމަށް އެކައުންސިލުން ވަނީ ވިދާޅުވެފައެވެ.

މި ބައްދަލުކުރެއްވުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވަނީ ގޮއިދޫ ކައުންސިލުން ފާހަގަކުރެއްވި މަޝްރޫޢުތަކާއި ކަންކަމުގެ އެންމެފަހުގެ މަޢުލޫމާތުތައް ކައުންސިލަރުންނާއި ޙިއްޞާކުރައްވާފައެވެ. އަދި އެމަނިކުފާނު ވަނީ ކައުންސިލުން ފާހަގަކުރެއްވި ކަންކަމުގައި ކަމާގުޅޭ ސަރުކާރުގެ އިދާރާތަކާއި މަޝްވަރާ ކުރައްވާ އެކަންކަން ބައްލަވައިދެއްވާނެކަމުގައި ވިދާޅުވެފައެވެ.

މި ބައްދަލުވުން ނިންމަވާލައްވަމުން ކައުންސިލުން ވަނީ މި ބައްދަލުވުމުގައި ރައީސް ދެއްވި އުންމީދީ ޖަވާބުތަކެއްކަން ފާހަގަކުރައްވާ އެކަމަށްޓަކައި ޝުކުރުއަދާކުރައްވާފައެވެ.

ށ އަތޮޅުގައި މިވަގުތު އޮޕަރޭޝަން އަށް ގެނެވިފައިވަނީ 2 ރިސޯޓެކެވެ. އެއީ ފެއަރ މައުންޓް ސިއްރު ފެންފުށި އަދި ޖޭޑަބްލިއު މެރިއޮޓް އެވެ.