ދީނީ ގިނަ ޢަދަދެއްގެ ޢިލްމުވެރިންނާއި ތަފާތު ދާއިރާތަކުގެ ޢިލްމީ ފުންނާބު އުސް ބޭފުޅުން ހިމެނޭހެން އުފައްދާފައިވާ އިސްލާމިކް އޮގަނައިޒޭޝަން ފޯ ކަލްޗަރ އެންޑް ސިވިލައިޒޭޝަން( އައިއޯސީސީ)އިން އިސްލާމީ ޙަޟާރަތާ ގުޅޭ ފުރިހަމަ މަޢުލޫމާތު ހިމެނޭ ގޮތައް 30 އެޕިސޯޑްގެ މައްޗަށް އެކުލެވިގެންވާ ޚާއްޞަ ޕްރޮގްރާމެއް އުފައްދަން ނިންމައިފިއެވެ.
އައިއޯސީސީން ބުނީ އެ ޖަމާއަތުގެ އިސްލާމިކް އެޑްވައިޒަރީ ކައުންސިލްގެ ކޮމިޓީގައި އިއްޔެ މިކަަމަށް މަޝްވަރާ ހިންގާފައިވާ ކަމަށެވެ.
މިގޮތުން އިސްލާމީ ޙަޟާރަތު އެ އަސާސެއްގެ މައްޗަށް ބިނާވެގެންވާ ﷲ ގެ އެއްކައުވަންތަކަމުގެ ޢަޤީދާއާއި، އިސްލާމީ ޙަޟާރަތުގައި އަޚުލާޤާއި މުޢާމަލާތާއި އިޤުތިޞާދީ ކުރިއެރުމާއި އިޖުތިމާޢީ، މަދަނީ ތަރައްޤީއާއި ޢިލްމީ ކުރިއެރުމާއި އިންސާނީ ގުޅުމާއި ޞުލްޙަ މަސަލަަސްކަމާއި ދައުލަތް ހިންގުމުގެ އުޞޫލުތަކާއި ޤަޟާއީ ނިޒާމާއި، މަސައްކަތްތެރިކަމާއި ފަންނާއި ހުނަރުވެރިކަމާއި އިސްލާމީ ޙަޟާރަތު ގެނެސްދީފައިވާ މުއިންމު މަބްދައުތަކުގެ މައްޗަށް ސިލްސިލާގައި އަލިއަޅުވާލެވޭނެކަމަށް އައިއޯސީސީން ބުނެއެވެ.
މި ސިލްސިލާ ހުށަހަޅައި ދެއްވާނީ އައިއޯސީސީގެ އިސްލާމިކް އެޑްވައިޒަރީ ކައުންސިލްގައި ހިމެނިވަޑައިގަންނަވާ ފުންނާބު އުސް ޢިލްމުވެރިންނެވެ. މި ސިލްސިލާ ދައްކާ ގޮތައް ހަމަޖެހިފައިވަނީ އަންނަ ރޯދަ މަހުގައެވެ.
މި ސިލްސިލާ ސްޕޮންސަރ ކުރުމުގެ ފުރުޞަތު ރާއްޖޭގެ ޓީވީ ޗެނަލްތަކަށް މިހާރު ވަނީ ހުޅުވާލާފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!