ހއ.އުލިގަމުގައި ބާއްވާ "ދަ ގްރޭޓް މޯލްޑިވިއަން ބާބެކިއު" 01 ޖަނަވަރީ 2022 ވާ ހޮނިހިރު ދުވަހު ބޭއްވުމަށް އެ ރަށު ކައުންސިލުން ނިންމައިފިއެވެ.
އުލިގަމުގެ ކުދިބޮޑު އެންމެން ޖަމާވެ ކޮންމެ އަހަރަކު ބާއްވަމުން އަންނަ މަސްފިހުމުގެ މި ހަރަކާތަކީ އެ ރަށުގެ ސަޤާފަތާއި ގުޅިފައިވާ ޚަރަކާތެކެވެ. މި ހަރަކާތް ހިންގޭ ދުވަސްވަރު ބައެއް އަހަރުތަކުގައި ތަފާތުވީ ނަމަވެސް، މި ހަރަކާތް އާންމުގޮތެއްގައި ބާއްވަމުން އައިސްފައިވަނީ ސައްވާލު މަހުގެ ހަ ރޯދަ ނިންމުމާއި ގުޅިގެންނެވެ.
މި ހަރަކާތާއި ގުޅޭގޮތުން "ތިލަދުން" އާއި ވާހަކަފުޅު ދައްކަވަމުން އުލިގަމު ކައުންސިލުގެ ރައީސް އަޙްމަދު މުއާޒް މުޙައްމަދު ވިދާޅުވެފައި ވަނީ ރަށުގެ ކުދިބޮޑު އެންމެން ޖަމާވެ ބޭއްވޭ މަސްފިހުމުގެ މި ހަރަކާތް ކުރިއަށް ގެންދިޔުމުގެ މަޤުޞަދުތަކުގެ ތެރޭގައި ހިމެނެނީ މި ކަމަކީ ކާބަފައިން ކޮށްއުޅުނު ކަމަކަށް ވުމާއިއެކު އެކަން ދިރުވައި އާލާކުރުމުގެ އިތުރުން ރަށުގެ ކުދިބޮޑު އެންމެންގެ މެދުގައި ގުޅުން ބަދަހިކުރުމެވެ.
މުއާޒް އިތުރަށް ވިދާޅުވެފައި ވަނީ މަސްފިހުމުގެ މި ހަރަކާތް ކުރިއަށް ގެންދިޔުމަށް އެކި ޓާސްކްތައް ރައްޔިތުންގެ މެދުގައި މިހާރު ގްރޫޕްތަކަށް ބަހާލެވިފައިވާ ކަމަށެވެ. މިގޮތުން މަސްބާނަންދާނެ ގްރޫޕްތަކާއި މަސްފިހުމަށް ދަރުއެއްކޮށް ބެޑް ތައްޔާރުކުރާ ގްރޫޕްތައް ވެސް މިހާރު ކަނޑައެޅި ތައްޔާރީގެ މަސައްކަތް ފެށިފައިވާ ކަމަށެވެ.
މަސްފިހުމުގެ މި ހަރަކާތުގައި ކެއުމަށް ބޭނުންކުރާ ބޮނޑިބަތްފަދަ ފޮނި ކާތަކެތި ތައްޔާރު ކުރަނީ އެ ރަށުގެ ކަނބަލުންނެވެ. އެކަންވެސް ކުރިއަށް ގެންދަނީ މަސްފިހާ ސަރަހައްދުގައެވެ.
މި ހަރަކާތް އިތުރަށް ފުރިހަމަ ކުރުމަށް ޓަކައި، ހަރަކާތުގައި ބޭނުން ކުރުމަށް ހަމަޖެހިފައިވާ ޓީޝާޓާއި ލޯގޯ ފަރުމާކުރަން އުލިގަމް ކައުންސިލުން ވަނީ މި މަހުގެ 12 ވަނަ ދުވަހު ހުޅުވާލާފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!