ރާއްޖެއަށް ކުރިމަތިވެފައިވާ ބޮޑެތި މައްސަލަތަކުގެ ހައްލު ހޯދަން އެހެން ޤައުމެއްގެ އެހީތެރިކަން ލިބުމަކީ ބައެއް ފަރާތްތަކަށް "އަސުރުމާ ދިޔަ ބޮއެގެންވެސް ހަޖަމުވާނެ ކަމެއްނޫން" ކަމަށް ކުޅުދުއްފުށީ އުތުރު ދާއިރާގެ މެންބަރު ޔާސިރު ޢަބްދުއްލަތީފް ވިދާޅުވެއްޖެއެވެ.
ޔާސިރު މިހެން ވިދާޅުވީ، މިއަދު ކުރެއްވި ޓްވީޓެއްގަ އެވެ.
އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަނުން އިސްވެއޮވެ އަންނަނީ، ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ބާލަން ގޮވާލާ "އިންޑިއާ މިލިޓަރީ އައުޓް" ނަމުގައި ކެމްޕޭނެއް ހިންގަމުންނެވެ. ބެލެވޭ ގޮތުގައި ޔާސިރު އެ ޓްވީޓްގައި އިޝާރާތްކުރަށްވާފައި ވަނީ އިދިކޮޅުން އިސްވެ ހިންގަމުންދާ މި ކެމްޕޭނަށެވެ.
އެ ޓްވީޓްގައި ޔާސިރު ވިދާޅުވެފައި ވަނީ އެހެން ޤައުމެއްގެ އެހީތެރިކަމާއި ނުލާ އުޅެވޭ ޤައުމެއް ނެތް ކަމަށެވެ.
"ރާއްޖޭގެ އެންމެ ބޮޑު އެއް މައްސަލައަކީ މަސްތުވާތަކެތީގެ މައްސަލަ، މިފަދަ ބޮޑެތި މައްސަލަތަކަށް ހައްލުހޯދަން އެހެން ޤައުމެއްގެ އެހީތެރިކަން ލިބުމަކީ ބައެއް ބޭފުޅުންނަށް އަސުރުމާ ދިޔަ ބޮއެގެންވެސް ހަޖަމުވާނެ ކަމެއްނޫން" ޔާސިރު ވިދާޅުވެފައެވެ.
އެހެން ޤައުމެއްގެ އެހީތެރިކަމާއި ނުލާ އުޅެވޭ ޤައުމެއް ނެތް. ރާއްޖޭގެ އެންމެ ބޮޑު އެއް މައްސަލައަކީ މަސްތުވާތަކެތީގެ މައްސަލަ، މިފަދަ ބޮޑެތި މައްސަލަތަކަށް ހައްލުހޯދަން އެހެން ޤައުމެއްގެ އެހީތެރިކަން ލިބުމަކީ ބައެއް ބޭފުޅުންނަށް އަސުރުމާ ދިޔަ ބޮއެގެންވެސް ހަޖަމުވާނެ ކަމެއްނޫން
— Yasir Abdul Latheef (@YasirLathyf) December 19, 2021
ޔާސިރު މިހެން ވިދާޅުވެފައިވާއިރު، އިދިކޮޅުން އިސްވެ ހިންގާ "އިންޑިއާ މިލިޓަރީ އައުޓް" ކެމްޕޭން ފުޅާކުރަން ނިންމައި އެކޯލިޝަންގެ އިސްވެރިން މިހާރު ވަނީ އަތޮޅު ތަކަށް ދަތުރު ފައްޓަވާފައެވެ. މިގޮތުން މި ހަފްތާ ބަންދުގައި ވަނީ އިދިކޮޅު ލީޑަރުޝިޕް މާލެ އަތޮޅުގެ ބައެއް ރަށްތަކަށް ޒިޔާރަތްކޮށް މި ކެމްޕޭން ހިންގާފައެވެ.
އިދިކޮޅު ލީޑަރ ޕީޕީއެމްގެ ރައީސް، ރައީސް ޔާމީނާއި، ޕީއެންސީގެ ރައީސް އަބުދުއްރަޙީމް އަބުދުﷲ (އަދުރޭ) އިސްކޮށް ތިއްބަވާ ކުރެއްވި މި ދަތުރުގައި ކ. ގުރައިދޫ އަދި ތުލުސްދޫއަށް ވަޑައިގެން "އިންޑިއާ މިލިޓަރީ އައުޓް" ކެމްޕޭން ހަރަކާތްތައް ހިންގަވާފަވެއެވެ.
މި ހަރަކާތުގެ ދަށުން އިދިކޮޅުން ވަނީ ހުކުރު ދުވަހު މާލޭގައި ސައިކަލު ބުރެއްވެސް ކުރިއަށް ގެންދަން މަސައްކަތް ކޮށްފައެވެ. އެ ސައިކަލް ބުރަށް ވަރަށް ބޮޑަށް ތައްޔާރުވެ، ގިނަ އަދަދެއްގެ މީހުންނާއެކު އެ ހަރަކާތް ފަށަން ތައްޔާރުވެފައި ވަނިކޮށް އެ އުޅަނދުބުރުގައި ހަމަނުޖެހުން ހިންގަން ރާވަމުންދާ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށާއި، އެފަދަ ހަމަނުޖެހުންތަކަކީ ގިނަ ބަޔަކަށް އޭގެ ނުރައްކާ އޮތް ކަމެއް ކަމުގައި އެ ހިދުމަތުން ދެކޭ ކަމަށް ވިދާޅު، ފުލުހުން ވަނީ އެ ހަރަކާތް ހުއްޓުވާފައެވެ.
އިދިކޮޅު ކޯލިޝަނުން ދަނީ "އިންޑިއާ މިލިޓަރީ އައުޓް" ކެމްޕޭން ރާއްޖޭގެ ބައެއް އެހެން ސަރަހައްދުތަކުގައި ވެސް ހިންގަމުންނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!