އޮޅުވެލިފުށީގެ ފެނާއި ނަރުދަމާގެ މަސައްކަތް ފަށައިފި

photo_2021-12-18_14-09-07

ފެން ކުންފުނި، އެމްޑަބްލިއުއެސްސީ އިން ޅ. އޮޅުވެލިފުށީގެ ފެނާއި ނަރުދަމާގެ ނިޒާމު ގާއިމުކުރުމުގެ މަސައްކަތް ރަސްމީކޮށް އިފްތިތާހުކޮށްފިއެވެ.

އިއްޔެ އެރަށުގައި ބޭއްވި ރަސްމިއްޔާތެއްގައި މި މަޝްރޫއުގެ މަސައްލަތް ފައްޓަވައިދެއްވީ އެމްޑަބްލިއުއެސްސީގެ މެނޭޖިން ޑިރެކްޓަރު ހަސަން ޝާހު އާއި ރައްޔިތުންގެ މަޖިލީހުގެ ކުރެންދޫ ދާއިރާގެ މެންބަރު އަބްދުލް ޣަނީ އަބްދުލް ހަކީމާއި، ޅ. އަތޮޅު ކައުންސިލުގެ ރައީސް ޔާސީން އަބްދުﷲއާއި އޮޅިވެލިފުށީ ކައުންސިލުގެ ރައީސް މުހައްމަދު އާޒިމްއެވެ.

މި މަޝްރޫއަށް ބޭނުންވާ ސާމާނު އެރަށަށް ގެންގޮސްފައިވާއިރު، ފެނާއި ނަރުދަމާ ނިޒާމުގެ ހޮޅި ވަޅުލުމުގެ މަސައްކަތް މިހާރު ދަނީ ކުރަމުންނެވެ. އަދި ފެން ޕްލާންޓް ބެހެއްޓުމަށް އިމާރާތްކުރާ ފެސިލިޓީ ބިލްޑިން އިމާރާތުގެ 53 އިންސައްތަ މަސައްކަތް މިހާރު ވަނި ނިންމިފައެވެ.

މި މަޝްރޫއުގައި ހިމެނޭ ފެނުގެ ނިޒާމު ގާއިމުކުރުމުގެ މަސައްކަތުގެ ދަށުން އެރަށުގައި 9.72 ކިލޯ މީޓަރުގެ ދިގު ފެންހޮޅީގެ މައި ނެޓްވޯކެއް ގާއިމުކޮށް، އާރުއޯ ފެސިލިޓީ ބިލްޑިން އިމާރާތް ކުރުމާއި ފެން އުފެއްދުމަށްޓަކައި ދެ އާރުއޯ ޕްލާންޓް ބެހެއްޓުމާއި، ފެން ރައްކާކުރުމަށްޓަކައި 3 ތާންގީ ބެހެއްޓުމުގެ މަސައްކަތް ކުރާނެއެވެ. އަދި ގެތަކުގައި ފެންމީޓަރު ބަހައްޓައި، ފެނުގެ ކަނެކްޝަން ގުޅައިދޭނެއެވެ.

އޮޅުވެލިފުށީގެ ނިޒާމު ގާއިމުކުރުމުގެ މަސައްކަތުގެ ދަށުން 6.56 ކިލޯމީޓަރުގެ ދިގު ނަރުދަމާގެ މައި ނެޓްވޯކް ގާއިމުކުރުމާއި 250 މީޓަރުގެ ޕަންޕިން ލައިން އެޅުމާއި، 3 ޕަންޕިން ސްޓޭޝަނާއި ސީ އައުޓްފްލޯއެއް ގާއިމުކުރުމުގެ މަސައްކަތް ކުރާނެއެވެ. އަދި ގޭގޭގައި ޖަންކްޝަން ބަހައްޓައި، ނަރުދަމާ ކަނެކްޝަން ގުޅައި ވެސް ދޭނެއެވެ.

މީގެ އިތުރުން، އެރަށުގެ ފެނާއި ނަރުދަމާގެ މަޝްރޫއު ހިންގާ ބެލެހެއްޓުމަށް ބޭނުންވާ ޖަނަރޭޓަރު ސެޓާއި ވެހިކަލް އަދި ފެން ތަހުލީލުކުރުމަށް ބޭނުންވާ ސާމާނުވެސް އެމްޑަބްލިއުއެސްސީން ފޯރުކޮށްދޭނެއެވެ.

މިއީ 80.08 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.

ލިޔުން ވިދާޅުވުމަށްފަހު ހިއްސާ ކުރައްވާ

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި