އަވަށްޓެރި އިންޑިއާއިން ދިވެހި ރާއްޖެއަށް ފޯރުކޮށްދޭ އެހީތެރިކަން ވަރަށް ބޮޑުކަމަށާއި، މި ހަގީގަތް ގަބޫލު ކުރާނަމަ "އިންޑިޔާ އައުޓެއް" ނުގޮވާނެ ކަމަށް ކެލާ ދާއިރާގެ މެންބަރު އިބްރާޙީމް ޝަރީފް (ކެލާ އިބްރޭ) ވިދާޅުވެއްޖެއެވެ.

އިދިކޮޅު ކޯލިޝަނުން އިސްވެއޮވެ އަންނަނީ، ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ބާލަން ގޮވާލާ "އިންޑިއާ މިލިޓަރީ އައުޓް" ނަމުގައި ކެމްޕޭނެއް ހިންގަމުންނެވެ.

Ad
rt

އެ ހަރަކާތަށް އިޝާރާތް ކުރައްވަމުން ރާއްޖޭގެ މައި ހޮސްޕިޓަލް، އިންދިރާގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް)ގެ ފޮޓޯ ހިމަނައި މެންބަރު އިބްރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، އެ ހޮސްޕިޓަލަކީ
ވަރަށްގިނަ ދިވެހިންގެ ފުރާނަ ސަލާމަތް ކޮށް އެތައް ލައްކަ ދިވެހިންގެ ދިރިހުރުމާ ގުލިފައިވާ ތަނެއްކަމަށެވެ.

"މިއީހަގީގަތް ކަމަށް ގަބޫލު ކުރާނަމަ، އިންޑިޔާ އައުޓެއް ނުގޮވާނެ" އިބްރޭ ވިދާޅުވެފަ ވެއެވެ.

އިބްރޭ މިހެން ވިދާޅުވެފައިވާއިރު، އިދިކޮޅުން ހިންގާ "އިންޑިއާ މިލިޓަރީ އައުޓް" ކެމްޕޭން ފުޅާކުރަން ނިންމައި އެކޯލިޝަންގެ އިސްވެރިން މިހާރު ވަނީ އަތޮޅު ތަކަށް ދަތުރު ފައްޓަވާފައެވެ.

މިގޮތުން މި ހަފްތާ ބަންދުގައި އެ ކޯލިޝަނުން ވަނީ ކ. ގުރައިދޫއަށް ޒިޔާރަތްކޮށް މި ކެމްޕޭންގެ ހަރަކާތްތައް ކުރިއަށް ގެންގޮސްފައެވެ.

މިދަތުރު ލީޑްކުރަށްވަނީ އިދިކޮޅު ލީޑަރު، ޕީޕީއެމްގެ ރައީސް އަދި ކުރީގެ ރައީސް ޢަބުދު ﷲ ޔާމީން އަބުދުލްޤައްޔޫމެވެ. މީގެއިތުރުން ޕީޕީއެންސީގެ ރައީސް އަބުދުއްރަޙީމް ޢަބުދު ﷲ (އަދުރޭ)އާއި، މާވަށު ދާއިރާގެ މެންބަރު މުޙައްމަދު ސައީދު ފަދަ ބޭފުޅުން ވެސް މި ދަތުރުގައި ބައިވެރިވެވަޑައިގަންނަވައެވެ.

އިދިކޮޅު ކޯލިޝަނުން ވަނީ "އިންޑިއާ މިލިޓަރީ އައުޓް" ކެމްޕޭން ފުޅާކުރަން ރައީސް ޔާމީން އަތޮޅުތަކުގެ ރަށްތަކަށް ދަތުރުކުރަށްވަން ނިންމަވާފައިވާ ކަމަށް ކުރިން ބުނެފައެވެ.