ހއ. ހޯރަފުށީ ކުލަބް ޖީއެސްގެ ވޮލީބޯލް ޓޯނަމެންޓް 2021، މިހިނގާ ޑިސެމްބަރ މަހުގެ 20 ވާ ހޯމަ ދުވަހު ފެށުމަށް އެ ކުލަބުން ތައްޔާރު ވެއްޖެއެވެ.

މި މުބާރާތަކީ ހޯރަފުށީގެ ކުލަބް ޖަމްޢިއްޔާތަކާއި ސަރުކާރު އޮފީތަކަށާއި، ސަރުކާރު ހިއްސާވާ ކުންފުނިތަކަށާއި، އަމިއްލަ ކުންފުނިތަކަށާއި، ވިޔަފާރިތަކަށް ހުޅުވާލައިގެން ހޯރަފުށީ ކުލަބް ޖީއެސްގެ ފަރާތުން ކުރިއަށް ގެންދާ މުބާރާތެކެވެ

Ad
rt

މި މުބާރާތުގައި ޖުމްލަ ހަތަރު ޓީމަކުން ވަނީ ބައިވެރި ވެފައެވެ. އެ ޓީމްތަކަކީ ހޯރަފުށީ ޕޮލިސްޓޭޝަން، ހޯރަފުށީ ފެނަކަ ބްރާންޗް، ހޯރަފުށީ އެއާޕޯޓް ރިކްރިއޭޝަން ކުލަބްގެ އިތުރުން ޓީމް ހިޔާއެވެ.

ހޯރަފުށީ ސްޕޯޓްސް އެރީނާ ވޮލީ ކޯޓްގައި މި މަހުގެ 20 އިން 26 އަށް ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާ މި މުބާރާތުގެ ޗެމްޕިއަން ޓީމަށް 10000 (ދިހަހާސް ރުފިޔާ) އަދި ރަނަރަޕް ޓީމަށް 5000 (ފަސްހާސް ރުފިޔާ) ދިނުމަށް ވަނީ ހަމަޖެހިފައެވެ.

މި މުބާރާތަށް ޓީމްތަކުން ތައްޔާރުވަމުން އަންނައިރު ބައެއް ޓީމް ތަކުގައި ރާއްޖެއިން ބޭރު ބައެއް ކުޅުންތެރިން ވެސް ހިމެނެއެވެ. މިގޮތުން ހޯރަފުށީ ޕޮލިސްޓޭޝަން ޓީމުގައި ލަންކާ ދެ ކުޅުންތެރިން ހިމެނޭއިރު، ފެނަކަ ޓީމްގައި ޕާކިސްތާން ކުޅުންތެރިއަކު ހިމެނެއެވެ.

މީގެއިތުރުން ހިޔާ ޓީމްގައި ރާއްޖޭގެ 19 އަހަރުން ދަށުގެ ދެ ކުޅުންތެރިން ހިމެނޭއިރު، ހޯރަފުށީ އެއާޕޯޓް ޓީމްގައި ރާއްޖޭގެ މަޝްހޫރު ވޮލީ ކުޅުންތެރިޔާ މުހައްމަދު އަބްދުލް ކަރީމް (ލޯންގޭ) ހިމެނެއެވެ.

ކުލަބް ޖީއެސްގެ ފަރާތުން ވަނީ މި މުބާރާތް ކުރިއަށް ގެންދިޔުމަށް ހޯރަފުށީ ކައުންސިލާއި، ހޯރަފުށީ ކޮމިއުނިޓީ ސެންޓަރާއި ހޯރަފުށީ ބައެއް އަމިއްލަ ވިޔަފާރިތަކުން ދެއްވަމުން އަންނަ އެހީތެރިކަން ފާހަގަކޮށް އެ ފަރާތްތަކަށް ޝުކުރު އަދާކޮށްފައެވެ.

މީގެއިތުރުން ހޯރަފުށީ ދާއިރާގެ ރައްޔިތުން މަޖިލީހުގެ އިއްޒަތްތެރި މެމްބަރ އަހްމަދު ސަލީމް ދެއްވަމުން އަންނަ އެހީތެރިކަން ފާހަގަކޮށް އެ ފަރާތަށް ވެސް އެ ކުލަބުން ވަނީ ޝުކުރު އަދާކޮށްފައެވެ.