ދަރިވަރުން ޤުރުއާނަށް ދޭ އަހައްމިއްޔަތުކަން ކުޑަކުރުމުގެ ނިޔަތެއް ނެތްކަމަށް މިނިސްޓްރީ އޮފް އެޑިޔުކޭޝަނުން ވިދާޅުވެއްޖެއެވެ.

އެޑިޔުކޭޝަން މިނިސްޓްރީއިން މިހެން ވިދާޅުވީ، ޤުރުއާނާއި އިސްލާމް ފޮތްތަކުގައި ހުރި އާޔަތްތައް އުނިކުރަން އުޅޭކަމަށް ބުނެ ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ޚަބަރާ ގުޅޭގޮތުން އެ މިނިސްޓްރީން މިއަދު ނެރުއްވި ނޫސްބަޔާނެއްގައި އެވެ.

Ad
rt

އެޑިޔުކޭޝަން މިނިސްޓްރީން ވިދާޅުވެފައިވާ ގޮތުގައި، އަލަށް ޗާޕްކޮށްގެން ނެރުނު ބައެއް ފޮތްތަކާއި ކުރީގެ ޗާޕްތަކުގައި ޤުރުއާނުގެ ބައެއް އާޔަތްތަކާއި ކަލިމަތައް ލިޔުމުގައި ކުށްހުރިކަން ފާހަގަކުރެވި، މިކަން ހައްލުކުރުމަށް ކުރެވުނު މަޝްވަރާތަކުގައި ޤުރުއާނުގެ އާޔަތްތައް ފޮތްތަކުގައި ލިޔުމުގެ ބަދަލުގައި ޚަތިމަށް ނުވަތަ އައްމާފޮތަށް ހަވާލާދިނުމަށް (ރިފަރެންސް ދިނުމަށް) މަޝްވަރާކުރެވި މިކަން ބަޔާންކޮށް ނެޝަނަލް އިންސްޓިޓިއުޓް އޮފް އެޑިއުކޭޝަން (އެންއައިއީ) އަށް ސިޓީއެއް ފޮނުއްވި ކަމަށެވެ.

"މިގޮތަށް މަޝްވަރާ ކުރެވުނީ އެއްވެސް ހާލެއްގައި ދަރިވަރުން ޤުރުއާނަށް ދޭ އަހައްމިއްޔަތުކަން ކުޑަކުރުމުގެ ނިޔަތެއްގައި ނޫން ކަމުގައި ދަންނަވަމެވެ." އެޑިޔުކޭޝަން މިނިސްޓްރީން ވިދާޅުވެފަ ވެއެވެ.

އެ ގޮތަށް މަޝްވަރާ ކުރެވުނީ ޤުރުއާން ލިޔާއިރު ޖެހޭ ކުށްތައް ތަކުރާރު ނުވާނެގޮތެއް ހެދުމަށާއި، މި
ފޮތްތައް ނައްތާލާއިރު ޤުރުއާންގެ އާޔަތްތަކަށް އިހާނެތިކޮށް ބައެއް ފަހަރު ޢަމަލުކުރެވޭކަމަށް ބައެއް ޢިލްމުވެރިން ވިދާޅުވާތީކަމަށް އެޑިޔުކޭޝަން މިނިސްޓްރީން ވިދާޅުވެފަ ވެއެވެ.

"ނަމަވެސް އެއީ ރަނގަޅު ކަމެއް ނޫން ކަމަށް ވިސްނި އަދި ދަރިވަރުންނަށް ކޮންމެ ފަހަރަކު ޚަތިމަށް ނުވަތަ
އައްމާފޮތަށް ބެލުމަކީ ދަތި ކަމަކަށް ވާނެ ކަމުން އެ ސިޓީއަށް ޢަމަލު ނުކުރުމަށް ޖެހިގެން އައި ދުވަހު ވާނީ އެންއައިއީ އަށް އަންގާފައެވެ. އަދި ފަހުންވާނީ ލިޔުމުން ކުރިން ފޮނުވުނު ސިޓީ ބާތިލްވެސް ކޮށްފައެވެ." އެޑިޔުކޭޝަން މިނިސްޓްރީން ވިދާޅުވެފަވެއެވެ.

އެޑިޔުކޭޝަން މިނިސްޓްރީން ނިންމާފައި ވަނީ އިސްލާމް ފޮތާއި ޤުރުއާން ފޮތްތަކުގައި ހުރި ކުށްތައް އިސްލާހުކޮށް ޕްރޫފް ރީޑިންގ ވަރުގަދަ ކުރުމަށްކަމަށާއި، އަދި މިފަހަރު ފޮތްތައް ޗާޕުކުރަން ފޮނުވާ އިރު ކުށްތައް އިސްލާހުވެފައިވާކަން ކަށަވަރު ކުރަންވެސް އެންއައިއީއަށް ވާނީ އަންގާފަކަމަށް އެ މިނިސްޓްރީން ވިދާޅުވެއެވެ.

މީގެ ދުވަސްކޮޅެއް ކުރިން މި ސުވާލު މީޑިއާތަކުން އެ މިނިސްޓްރީއާއި އަމާޒު ކުރުމުން ވެސް ޤުރުއާންގެ އާޔަތްތައް އެފޮތްތަކުން އުނި ނުކުރާނެ ކަމަށް ވާނީ ދަންނަވާފައިކަމަށާއި، އަދި މިކަމުގައި ޢަމަލުކުރަން ނިންމާފައިވާ ގޮތްވެސް ވާނީހިއްސާކޮށްފަކަމަށް އެޑިޔުކޭޝަން މިނިސްޓްރީގެ ނޫސްބަޔާނުގައި ވިދާޅުވެފަވެއެވެ.

ކުރިއަށް އޮތް 2022-2023 ގެ ދިރާސީ އަހަރަށް ޗާޕުކުރާ އިސްލާމާއި ގުރުއާން ފޮތް ޗާޕުކުރާއިރު އެ ފޮތްތަކުގައި މިހާރު ހުރި ގުރުއާންގެ އާޔަތްތައް އުނިކުރަން އެޑިއުކޭޝަން މިނިސްޓްރީން އަންގާފައިވާ ކަމަށް ދެކެވޭ ވާހަކަތައް އެ މިނިސްޓްރީން ދޮގުކޮށްފައިވަނިކޮށް އެކަން އަންގާ އެ މިނިސްޓްރީން ނެޝަނަލް އިންސްޓިޓިއުޓް އޮފް އެޑިއުކޭޝަނަށް ފޮނުވި ސިޓީއެއް ރޭ ވަނީ އާންމުވެފައެވެ.