ށ. ފޭދޫގައި އަލަށް ގާއިމް ކުރާ ޕްރީސްކޫލް އެޅުމުގެ އެއްބަސްވުމުގައި އާދީއްތަ ދުވަހު ސޮއިކޮށްފިއެވެ.
"ތިލަދުން" އަށް މައުލޫމާތު ދެއްވަމުން ފޭދޫ ކައުންސިލްގެ ރައީސް އަހުމަދު ރައިޝަމް ވިދާޅުވީ މި އެއްބަސް ވުމުގައި ފޭދޫ ކައުންސިލްއާއި އެކު ސޮއިކޮށްފައި ވަނީ ށ. ކަނޑިތީމުގެ ކޮންސްޓްރަކްޝަން ކުންފުންޏެއް ކަމަށްވާ ސޭންޑްސްޓްރޯން ޕްރައިވެޓް ލިމިޓެޑެވެ.
އެގޮތުން އަންނަ އަހަރުގެ ފެބްރުއަރީ މަހަށް ނިންމުމަށް ހަމަޖެހިފައިވާ މި ޕްރީސްކޫލްގެ މަސައްކަތް އިއްޔެ ވަނީ އެ ކުންފުނިން ފަށާފައެވެ.
ފޭދޫ ކައުންސިލްއިން ވިދަޅުވާ ގޮތުގައި އެރަށުގައި ކުރިން ވެސް ޕްރީސްކޫލްއެއް ވަނީ ހިންގާފައެވެ. ނަމަވެސް ސަރުކާރުގެ އަސާސީ ތައުލީމުގެ ތެރެއަށް ނާސަރީ އަދި ބޭބީ ނާސަރީ ހިމެނިގެން ދިޔަ ފަހުން އެރަށުގައި އަދި ޕްރީސްކޫލް އެއް ގާއިމް ކޮށްފައި ނުވާނެ ކަމަށް ވެސް ކައުންސިލުން ވަނީ ފާހަގަ ކުރަށްވާފައެވެ.
ރައްޔިތުންގެ ވަރަށް ބޮޑު އެދިލެއްވުމަކާއިއެކު އަލުން އެރަށުގައި ޕްރީސްކޫލް އެއް ގާއިމް ކުރެވިގެން މިދަނީ އެ ކައުންސިލުން ވެފައިވާ ވައުދެއްގެ ގޮތުގައެވެ. ކައުންސިލުން މައުލޫމާތު ދެއްވާގޮތުގައި އަލަށް ޕްރީސްކޫލް އެޅުމަށް ހަމަޖެހިފައިވަނީ އެރަށުގައި ކުރިން އަންހެނުން ނަމާދު ކުރަން ހަދާފައިވާ މިސްކިތެއް ހުރި އިމާރާތުގައެވެ.
އެގޮތުން މި ޕްރިސްކޫލްގައި ޖުމްލަ 20 ކުދިންގެ ޖާގަ ހިމެނޭނެ ކަމަށާއި އިދާރާ މަސައްކަތް ކުރާނެ ޖާގައެއް ގެ އިތުރުން ފާހާނަ އަދި ކުދިން ކުޅޭނެ ޖާގަ ވެސް މި ޕްރީސްކޫލްގެ ގޯތި ތެރޭން ލިބިގެންދާނެ ކަމަށް ކައުންސިލް ރައީސް ރައިޝަމް ވިދާޅުވިއެވެ.
މީގެ އިތުރުން މި ޕްރީސްކޫލްގައި ރޭގަނޑު ގަޑީގައި ބޮޑެތި މީހުންނަށް ހާއްސަކޮށް އިނގިރޭސި ދަސް ކޮށްދޭ ކްލާހެއް އަދި އެފަރާތްތަކަށް ޓިއުޝަން ނަގައިދިނުން ވެސް ކުރިއަަށް ދާނެއެވެ.
މި އެއްބަސްވުމުގައި ސޮއިކޮށްފައިވާ ސޭންޑްސްޓްރޯން ޕްރައިވެޓް ލިމިޓެޑް އަކީ އެ އަތޮޅުގެ އެހެން ރަށްރަށުގައި ވެސް މިފަދަ މަސައްކަތްތައް ކޮށްދެމުންދާ ކުންފުންޏެއް ކަން ފާހަގަ ކޮށްލެވެެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!