ދުނިޔެމަތީގައިވެސް ރަނގަޅު ގޮތްތައް މެދުވެރިވާނީ، އަޅުގަނޑުމެން އިންސާނުން، އެއް ބަޔަކު އަނެއް ބަޔަކަށް އޯގާތެރިވި މިންވަރަކުންކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.

ރައީސް ޞާލިޙް މިހެން ވިދާޅުވެފައި ވަނީ ބައިނަލްއަޤްވާމީ އިންސާނީ ޙައްޤުތަކުގެ ދުވަހާއި، އެޗް.އާރް.ސީ.އެމް.އަށް 18 އަހަރު ފުރުމުގެ މުނާސަބަތުގައި ރޭ ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

Ad
rt

އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ މާލަމުގައި ކުރިއަށްދިޔަ މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޞާލިޙް ވިދާޅުވީ، ކޯވިޑް-19ގެ ބަލިމަޑުކަމުގައި، މި ބަލިން ރައްކާތެރިވުމަށް ކުރާ މަސައްކަތުގައި، އެންމެންގެ މެދުގައި ހަމަހަމަކަން ޤާއިމުކުރުމަށް އިތުރު ސަމާލުކަމެއް ދޭންޖެހޭކަން ހޭދަވެގެން މި ދިޔަ ދެ އަހަރެއްހާ ދުވަހުގެ ތަޖުރިބާއިން މުޅި ދުނިޔެއަށްވެސް މިހާރު ޤަބޫލު ކުރެވިފައިވާ ކަމަށެވެ.

މި ބަލިމަޑުކަމުން އަރައިގަނެވޭނީ، މިބައްޔާ ދެކޮޅަށް ކުރާ ހުރިހާ މަސައްކަތެއްގައި، ކުދި ޤައުމުތަކާއި ބޮޑެތި ޤައުމުތަކާ ދެމެދު، އަދި މުއްސަނދި ޤައުމުތަކާއި ފަޤީރު ޤައުމުތަކާ ދެމެދު، ތަފާތުނުކޮށް ހަމަހަމަކަން ޤާއިމުކޮށްގެންކަން ބައިނަލްއަޤްވާމީ މުޖުތަމަޢު މިއަދު ޤަބޫލުކުރާ ކަމަށް ވެސް ރައީސް ޞާލިޙް ވަނީ ފާހަގަ ކުރަށްވާފައެވެ.

ރައީސް ވިދާޅުވީ، ކޯވިޑުން ރައްކާތެރިވުމަށް ފިޔަވަޅު އެޅުމުގައި، ސަރުކާރުން ގެންގުޅެމުން އަންނަ ސިޔާސަތަކީ، އިންސާނީ ޙައްޤުތައް ރައްކާތެރިކުރެވޭނެ ގޮތަށް ފިޔަވަޅުތައް އެޅުން ކަމަށެވެ. ރާއްޖޭގައި މިހާތަނަށް 365332 އަށްވުރެ ގިނަ މީހުން، ކޯވިޑް ވެކްސިންގެ ދެ ޑޯޒް ފުރިހަމަކޮށްފައިވާއިރު، އޭގެ ތެރޭގައި 79313 ބިދޭސީންވެސް ހިމެނޭކަން ރައީސް ވަނީ ފާހަގަ ކުރަށްވާފައެވެ. އަދި ވެކްސިން ދިނުމުގައިވެސް، އަދި ކޯވިޑް ޖެހިގެން ފަރުވާ ދިނުމުގައިވެސް، އެއްވެސް ދިވެއްސަކާ ބިދޭސީއަކާ ތަފާތުކުރުން ގެންގުޅުއްވާފައި ނުވާނެ ކަމަށާއި، ކުރިމަގުގައިވެސް އެކަން ކުރިއަށްދާނީ އެގޮތުގައިކަމަށް ވެސް ރައީސް ވިދާޅުވިއެވެ.

"އަޅުގަނޑު ޤަބޫލުކުރާ ގޮތުގައި، ދުނިޔެމަތީގައިވެސް އަޅުގަނޑުމެންނަށް ރަނގަޅު ގޮތްތައް މެދުވެރިވާނީ، އަޅުގަނޑުމެން އިންސާނުން، އެއް ބަޔަކު އަނެއް ބަޔަކަށް އޯގާތެރިވި މިންވަރަކުން. ކޯވިޑުގެ ދަތިތަކުން އަރައިގަތުމުގައި، އެކަށީގެންވާ ކާމިޔާބެއް ޙާޞިލްކުރެވި، އިޤްތިޞާދީ ޙަރަކާތްތައް އަލުން ފެށުމުގެ ނަސީބު ލިބިފައި މިވަނީވެސް، މި ދެންނެވި ހަމަހަމަކަން ޤާއިމުކޮށް، ތަފާތުކުރުމެއް ނުގެންގުޅުމުގެ ސަބަބުން." ރައީސް ޞާލިޙް ވިދާޅުވިއެވެ.

އިންސާނީ ޙައްޤުތަކުގެ ދުވަހެއް ފާހަގަކުރުމުގެ ބޭނުމަކީ، އިންސާނީ ޙައްޤުތަކާމެދު ރައްޔިތުން ހޭލުންތެރިކުރުވުން އެކަނި ނޫންކަމަށާއި، އެކަމުގެ އެންމެ ބޮޑު ބޭނުމަކީ، ޤާނޫނުއަސާސީންނާއި، ބައިނަލްއަޤްވާމީ މުޢާހަދާތަކުން ކަށަވަރުކޮށްދީފައިވާ އަސާސީ ޙައްޤުތައް، އެންމެ ފުރިހަމައަށް ރައްޔިތުންނަށް ލިބިދިނުމުގައި، ދައުލަތުގެ މުއައްސަސާތަކުން އަދާކުރަންޖެހޭ ދައުރު އަދާކުރުމަށް ބާރުއެޅުން ކަމަށް ރައީސް ޞާލީހް ވަނީ ވިދާޅުވެފައެވެ.

"އަޅުގަނޑުމެންގެ ޤާނޫނުއަސާސީގައި، ދައުލަތުގެ ބާރުތަކަށްވުރެވެސް ކުރިން ޖާގަ ހޯދާފައިވަނީ އަސާސީ ޙައްޤުތައް. އެ ޙައްޤުތަކަކީ، އެންމެ ތަހުޒީބީ މުޖުތަމަޢުތަކުގައިވެސް ކަށަވަރުކޮށްދީފައިވާ މިނިވަންކަމާއި ޙައްޤުތައް. އެ ޙައްޤުތައް ހޯދުމަށްޓަކައި، އެތައް އަހަރެއް ވަންދެން ރައްޔިތުން ވަރަށް ގިނަ ތަކުލީފުތަކެއް އުފުލި." ރައީސް ޞާލިޙް ވިދާޅުވިއެވެ.

ޤާނޫނުއަސާސީގައި ދިރިހުރުމުގެ ޙައްޤާއި، ރަނގަޅު ކާނާއާއި، ސާފު ބޯފެން ލިބުމާއި، ރައްކާތެރި ނަރުދަމާ ނިޒާމެއް އޮތުމާއި، ރަނގަޅު ޞިއްޙީ ޚިދުމަތް ލިބިދިނުންފަދަ، ފަރުދުންގެ ޒާތީ ކިތަންމެ ޙައްޤުތަކެއް ކަށަވަރުކޮށްދީފައިވާކަން އެމަނިކުފާނު ފާހަގަ ކުރެއްވިއެވެ. މުޅި މުޖުތަމަޢުގެ މަޞްލަޙަތާ ގުޅިފައިވާ ޙައްޤުތަކެއްވެސް ބަޔާންކޮށްފައި އެބަހުރިކަމަށާއި، އަދި ޤައުމަކަށްވީތީ ޤައުމީ މަޞްލަޙަތާ ގުޅިފައިވާ ޙައްޤުތަކެއްވެސް އެބަހުރިކަން ރައީސް ވަނީ ފާހަގަ ކުރަށްވާފައެވެ.

"މިހާރު އަޅުގަނޑުމެންގެ ތެރޭގައި މިއޮތީ ވަރަށް ތަޢުލީމީ ޒުވާން ޖީލެއް. އިންސާނީ ޙައްޤުތަކުގެ މުހިންމުކަމާއި ބޭނުންތެރިކަން ވަރަށް ރަނގަޅަށް ވަޒަންކުރެވޭ، ވަރަށް ހޭލުންތެރި ޖީލެއް. އަޅުގަނޑުމެންގެ ޒުވާނުން، މި ދެންނެވި ހުރިހާ ޙައްޤުތަކެއްވެސް، އޭގެ އެންމެ ފުރިހަމަ ގޮތުގައި ހޯދަން ބޭނުންވޭ. ޒުވާނުންގެ ކިބައިގައި ހުރި އެ ވިސްނުމަކީ، އިންސާނީ ޙައްޤުތައް ޙިމާޔަތްކުރުމާއި ލިބިދިނުމުގެ ވަރަށް ބޮޑު ބާރަކަށްވޭ." ރައީސް ޞާލިޙް ވިދާޅުވިއެވެ.

އެ ޙައްޤުތަކާއި މިނިވަންކަން، އެއްވެސް ތަފާތުކުރުމެއްނެތި ހަމަހަމަގޮތެއްގައި ލިބިދިނުމަކީ ދައުލަތުގެ ވާޖިބެއްކަން ފާހަގަ ކުރަށްވަމުން، ދިވެހި ޒުވާން ޖީލުގެ އެ އުންމީދު ފުރިހަމަކޮށްދިނުމަށްޓަކައި، ސަރުކާރުން ފުރިހަމައަށް ޒިންމާ އަދާކުރަމުންދާނެ ކަމުގެ ޔަޤީންކަން، ރާއްޖޭގެ ލޮބުވެތި ރައްޔިތުންނަށް އަރުވާކަމަށް ރައީސް ޞާލިޙް ވަނީ ވިދާޅުވެފައެވެ.