ލޯންޗަކާއި ޓެކްސީ އެއް ބަލައިފާސްކޮށް ގިނަ އަދަދެއްގެ ބަނގުރާފުޅިތަކެއް ހޯދައި ފަސް މީހަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން ވިދާޅުވި ގޮތުގައި ބަލައިފާސްކޮށްފައި ވަނީ ބޮޑުތަކުރުފާނު މަގު، ދުވާ ޓްރެކާ ދިމާލު ފަޅުތެރޭގައި ތޮށިގަނޑާ ކައިރިކޮށްފައި އޮތް ލޯންޗެކެވެ. އަދި ބަލައިފާސްކުރި ޓެކްސީ ވެސް އޮތީ އެ ސަރަހައްދުގައެވެ.

Ad
rt

މި ލޯންޗާއި، ޓެކްސީ ބަލައިފާސްކޮށް ގިނަ އަދަދެއްގެ ބަނގުރާފުޅިތަކެއް ހޯދައި ފަސް މީހަކު ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ވަނީ މައުލޫމާތު ދެއްވާފައެވެ.

މި ބަނގުރާތައް އަތުލައި، ފަސް މީހަކު ހައްޔަރުކޮށްފައި ވަނީ މާލެއަށް ގާނޫނާއި ގަވާއިދާ ހިލާފަށް ބަނގުރާ އެތެރެކޮށް އެތަކެތީގެ ވިޔަފާރިކުރާކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ޑްރަގް އެންފޯސްމަންޓާއި ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސް ގުޅިގެން ޑިސެމްބަރު 9 ވަނަ ދުވަހު ހިންގި އޮޕަރޭޝަނެއްގައެވެ.

މި އޮޕަރޭޝަންގައި ހައްޔަރުކޮށްފައިވަނީ 24 އަހަރުގެ ފިރިހެނަކާއި، 25 އަހަރުގެ ފިރިހެނަކާއި، 22 އަހަރުގެ ފިރިހެނަކާއި، 38 އަހަރުގެ ފިރިހެނެއްގެ އިތުރުން 51 އަހަރުގެ ފިރިހެނެކެވެ. މިމީހުންގެ ތެރެއިން 51 އަހަރުގެ މީހާއަކީ ބަނގްލަދޭޝް ފިރިހެނެކެވެ. ދެން ތިބި ހަތަރު މީހުންނަކީ ދިވެހިންނެވެ.

މި އޮޕަރޭޝަނުގައި ލޯންޗު ބަލައިފާސްކުރިއިރު ބަނގުރާ ފުޅިތަކެއް ހުރި 12 ފޮށިގަނޑު ފުލުހުން ހޯދާފަވެއެވެ. އަދި ޓެކްސީ ބަލައިފާސްކުރިއިރު ބަނގުރާ ފުޅިތަކެއް ހުރި ތިން ފޮށި ގަނޑު ހޯދާފަވެއެވެ.

މިމައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވާ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިިރުކުރުމުން އެކަކުގެ ބަންދަށް 15 ދުވަސް ދީފައިވާއިރު، ދެމީހަކަށްވަނީ 10 ދުވަހުގެ މުއްދަތެއް ދީފައެވެ. އަދި އަނެއް ދެމީހުންނަށްވަނީ ފަސް ދުވަހުގެ މުއްދަތެއް ދީފައެވެ.

މިމައްސަލަ ޑްރަގް އެންފޯސްމަންޓުން ތަހުގީގު ކުރައްވަމުން ގެންދަވާކަމަށް ފުލުހުން ވިދާޅުވެއެވެ.