ށ. އަތޮޅު މިލަންދޫގެ މާކޯ ސަރަހައްދުގައި އޮންނަ ކުޅިއަކީ ގުދުރަތީ ހިތްގައިމުކަން ވަރަށް ފުރިހަމައަށް ފެނިގެންދާ ތަނެކެވެ. މިލަންދޫ ސިކުނޑި ކުޅީގެ ނަމުން ނަންދެވިފައިވާ މި ކުޅީގައި އޮންނަ ފެންގަނޑުގެ ވަށައިގެން ހެދިފައިވާ ކަނޑުލާއި ރަނޑުލާއި ތަކަފަތީގެ އިތުރުން ބޮޑާކި ގަސްތަކުގެ ސަބަބުން އެ ސަރަހައްދަށް ލިއްބައިދޭ ފެހިކަމަކީ އެ ސަރަހައްދަށް ޒިޔާރަތް ކުރާ ކޮންމެ މީހެއްގެ ހިތަށް ގުދުރަތީ މާހައުލުގެ ހިތްހަމަޖެހުން ލިތްބައިދޭ ކަންކަމެވެ.

ބުނެވޭ ގޮތުގައި "ސިކުނޑި ކުޅި" ގެ ނަމުން އެ ތަނަށް ނަންދެވިފައި ވަނީ އެ ކުޅީގައި ރާއްޖޭގައި ފަރުމަސްވެރިކަމުގައި އެނމެއްގެ ގޮތުގައި ބޭނުންކުރާ "ސިކުނޑި" އުޅޭތީއެވެ. ސިކުނޑިއަކީ ޑިނގާއާއި ވައްތަރުގޮތެއް ހުންނަ، ޑިނގާ އާއިލާއަށް ނިސްބަތްވާ ދިރުމެކެވެ.

Ad
rt

އެ ކުޅީގައި ސިކުނޑީގެ އިތުރުން، އިތުރު އެއްވެސް ވައްތަރެއްގެ މަހެއް ނޫޅެއެވެ. އެ އަތޮޅުގައި ވެސް ސިކުނޑި ލިބެން ހުންނަނީ ހަމައެކަނި އެ ކުޅިންނެވެ. މިއީ ވެސް ރާއްޖޭގެ އެހެން ރަށްރަށުގައި ހުރި ކުޅިތަކާއި މި ކުޅިއާއި ހުރި ބޮޑު ތަފާތެކެވެ.

މިފަދަ ހިތްގައިމު މަންޒިލެއް މިލަނދޫގައި އޮންނަތާ ޒަމާނަތަކެއް ފާއިތުވެގެން ގޮސްފައި ވީ ނަމަވެސް އެ ތަނަށް ފަސޭހަކަމާއިއެކު ޒިޔާރަތްކޮށް އެ ތަނުގެ ހިތްގައިމުކަން ކުދިބޮޑު އެންމެންނަށް ތަޖުރިބާ ކޮށްލެވޭފަދަ މާހައުލެއް ޤާއިމްވެފައި ނެތުމުން ދިމާވާ ދަތިތައް ހައްލުކުރުމަށް މިލަންދޫގެ ޒުވާނުންތަކެއް އިސްނަގައިގެން މިހާރުވަނީ މަސައްކަތްތަކެއް ފަށާފައެވެ.

މިލަންދޫގެ ކައުންސިލްގެ ހުއްދަޔާއިއެކު އެ ރަށުގެ ޒުވާނުންގެ ޓީމެއް ކަމަށްވާ "ކެރަ" ޓީމުން އިސްނަގައިގެން އެ ކުޅި ނޭޗާ ޕާކެއްގެ ގޮތުގައި ތަރައްޤީކުރުމުގެ މަސައްކަތް މިހާރު ވަނީ ފަށާފައެވެ. މިލަންދޫގެ ކުދި ބޮޑު އެންމެންގެ ތެރޭގައްޔާއި އަދި އަތޮޅުގެ ރައްޔިތުންގެ މެދުގައި މަޤުބޫލު ތަނަކަށް އެތަން ހެދުމަކީ އެ ޒުވާނުންގެ އަމާޒެވެ.

މި މަސައްކަތުގެ ތެރެއިން ކުޅިއަށްދާ މަގު ތަރައްޤީ ކުރުމުގެ އިތުރުން ކުޅީގައި ދެކަފި ފާލަމެއް އެޅުމަށް ވަނީ ހަމަޖެހިފައެވެ. މީގެ އިތުރުން ފާލަމުގެ ކޮޅުގައި ދެ ހަޓުހަދައި، ހަޓުގައި ކުޅި ބަލައިލަން މަޑުކޮށްލައި އިށީއިނދެލާ ތިބެވޭނޭ ބެންޗުތައް ތައްޔާރު ކުރުމަށް ވަނީ ހަމަޖެހިފައެވެ. މީގެ އިތުރުން އެތަން ރޭގަނޑު ބޭނުންކުރެވޭ ގޮތަށް މަގުގެ ދެކައިރީގައި ގާޑަންލައިޓް ހަރުކޮށް ފާލަމާއި ހަޓުތައް ދިއްލޭނޭހެން ބޮކިތައް ހަރުކުރުމަށް ވަނީ ހަމަޖެހިފައެވެ. މީގެ އިތުރުން އެތަން ފުރިހަމަ ވެގެންދާއިރު ކުޅީގައި ކެނޯ ދުއްވުމުގެ އިންތިޒާމް ވެސް ހަމަޖެހިގެންދާނެއެވެ.

މިލަންދޫ ސިކުނޑި ކުޅި ނޭޗާ ޕާކެއްގޮތުގައި ތަރައްޤީ ކުރުމަށް އެ ރަށުގެ ޒުވާނުން، ހާއްސަކޮށް ކެރަ ޓީމުން ކުރަމުން އަންނަ ބުރަ މަސައްކަތުގައި އެ ރަށުގެ ރައްޔިތުން ވެސް އަންނަނީ އެހީތެރިކަން ފޯރުކޮށްދެމުންނެވެ. މީގެއިތުރުން އެ ކުޅީގައި ތަރައްޤީ ކުރުމަށް މަސައްކަރަމުން އަންނަ ނޭޗާ ޕާކް ތަރައްޤީ ކުރުމަށް ހިނގާ މައިގަނޑު ޚަރަދު ހަމަޖައްސައިދެއްވާފައި ވަނީ ރައްޔިތުންގެ މަޖިލީހުގެ މިލަންދޫ ދާއިރާގެ މެމްބަރު އަލީ ރިޒާއެވެ.

އެ ޒުވާނުން ވަނީ، އެ ކުޅި ނޭޗާ ޕާކެއްގެ ގޮތުގައި ތަރައްޤީ ކުރުމަށް ކުރެވެމުން އަންނަ މަސައްކަތަށް އެހީތެރިކަން ފޯރުކޮށްދެއްވަމުން އަންނަ އެންމެހާ ފަރާތްތަކަށް ޝުކުރު އަދާކޮށްފައެވެ.

2022 ވަނަ އަހަރުގެ ފެބުރުއަރީގައި ނިންމާ ބޭނުންކުރަން ފެށުމަށް މިހާރު ޕްލޭން ކުރެވިފައިވާ މި ކުޅީގެ ފުރިހަމަކަން އިތުރު ކުރުމަށް އެތަނުގެ ފެންގަނޑުގައި ލޮޓަސް މައު އާލާކުރުމާއި ބައެއް ވައްތަރުގެ ދޫނި ވެސް ފެންގަނޑަށް ދޫކުުރުމަށް ވަނީ ހަމަޖެހިފައެވެ.