ވެރިކަމުގެ މަސްއޫލިއްޔަތާއި، ޒިންމާގެ ބޮޑުކަމާއި މަތިވެރިކަން، ދައްޗާއި ތުރާލާއި އުނދަގުލުގެ ތެރޭގައިވެސް އެމަނިކުފާނުގެ ހަނދާނުން ކެހިގެނެއްނުދާނެކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވެފައި ވަނީ މި އަހަރު ރާއްޖޭގައި ފާހަގަކުރަމުންދާ 41 ވަނަ މަސްވެރިންގެ ދުވަހުގެ ރަސްމީ ޖަލްސާގައި ވާހަކަފުޅުދައްކަވަމުންނެވެ.
ކ. ގާފަރުގައި ރޭ ބޭއްވެވި މި ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ރައީސް ޞާލިޙް ވިދާޅުވިގޮތުގައި ކޯވިޑް-19ގެ ޢާލަމީ ބަލިމަޑުކަމުގައި، މުޅި ދުނިޔެއާއި ރާއްޖެ ހުއްޓިގެންދިޔަ ދަނޑިވަޅުގައި ވެސް ނުހުއްޓި ހިނގަހިނގާ އޮތް އިޤްތިޞާދުގެ ލޭނާރަކަށްވީ މަސްވެރިކަން ކަމަށެވެ.
މި ޞިނާޢަތުގެ ވަރުގަދަކަމާއި، މަސްވެރިކަމާއި ދިވެހިންނާ އޮތް ގުޅުމަކީ، ސިޔާސީ މީހުންގެ އިންތިޚާބީ ހަތިޔާރަކަށް މަސްވެރިކަން ހަދާ ސަބަބުކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އަދި މަޢުނަވީ ގޮތެއްގައި، އިޚްލާޞްތެރި ނިޔަތަކާއެކު، ދެމެހެއްޓެނިވި މަސްވެރި ޞިނާޢަތަކަށް ދެވިފައި އޮތް ސަމާލުކަން ކުޑަ ކަމަށް ވެސް ވިދާޅުވިއެވެ.
"މި ސަބަބަށްޓަކައި، އަޅުގަނޑުމެން ސަރުކާރާ ހަވާލުވެ، ހިފި މިޞްރާބު ތަފާތުވާނެ. ހިސާބު ޢަދަދުން ބެލިޔަސް، އޭގެ ވަރަށް ބޮޑު ފަރަޤު ފެންނަން މިއަދު އެބަހުރި. އަޅުގަނޑުމެންގެ ސިޔާސަތުން ފެންނަ ބަދަލު، ގޮސް ނިމެނީ، އިހަށް ކުރަންވާ ކަންތައްތައް އިހަށް ނިންމާ އުޞޫލުން. މަސްވެރިންނަށް އަވަހަށް ފައިސާ ދިނުން އެއީ، އަޅުގަނޑުމެންގެ ތަރުތީބުގައި ނަންބަރު އެކެއް" ރައީސް ޞާލިޙް ވިދާޅުވިއެވެ.
އެ މަނިކުފާނު ވިދާޅުވީ، މި ސަރުކާރު ވެރިކަމަށް އައިއިރު، މަސްވެރިން އެންމެ ބޮޑަށް ކުރަމުން އައި އެއް ޝަކުވާއަކީ، ކިރާ މަހަށް، އަވަހަށް ފައިސާ ނުލިބުމުގެ ޝަކުވާ ކަމަށެވެ. ކޮންމެ މީހަކުވެސް ކުރާ މަސައްކަތެއް ކުރުމުގެ ބޭނުމަކީ، އެއާ އެކަށޭނަ އަގު، ނުވަތަ އުޖޫރަ ލަސްނުވެ ލިބުންކަމަށް ވެސް ރައީސް ވިދާޅުވިއެވެ. އަދި ދުވަހުން ދުވަހަށް، މަހުން މަހަށް، މަހުގެ އަގު ނުލިބުމުގެ ދައްޗާއި ތަކުލީފު، މަސްވެރިން އުފުލަން ޖެހުމަކީ، ވެގެންވާނެ ގޮތެއް ނޫން ކަމަށް ވިދާޅުވިއެވެ.
"އެތައް ދުވަހަކު ކަނޑު ތަޙައްމަލް ކުރުމަށްފަހު، ޢާއިލާއާއެކު ރަށުގައި ހުންނަ ދުވަހު، އެ ފިކުރު މަސްވެރިންނަށް އޮވެގެން ނުވާނެ. އެ ދުވަހު މަސްވެރިޔާ ހުންނަން ޖެހޭނީ، ކުރި މަސައްކަތުގެ އަގު އަތަށް ލިބިގެން އުފަލުގައި. އަޅުގަނޑުމެން ސަރުކާރާ ހަވާލުވިއިރު، ސަރުކާރުން މަސްވެރިންނަށް ދޭންޖެހޭ އެތައް މިލިއަން ރުފިޔާއެއް ހުރީ ނުދީ. ބެޔަސް ނުދީ، އަދިހަމަ ނުބެޔަސް ނުދީ." ރައީސް ޞާލިޙް ވިދާޅުވިއެވެ.
މި ސަރުކާރުގެ ސިޔާސަތަކަށްވީ، މަސް ގަތުމަށްފަހު، ދޭންޖެހޭ ފައިސާ ދެވޭނެ އިންތިޒާމު ނިޒާމީ ގޮތެއްގައި ހަމަޖެއްސުން ކަމަށާއި، ގިނަވެގެން އެއް ހަފްތާގެ ތެރޭގައި މަސްވެރިންނަށް ފައިސާދީ ޚަލާޞް ކުރުން ކަމަށް ރައީސް ވިދާޅުވިއެވެ. އަދި މަސްވެރިންނަށް ފައިސާ ނުދީ، އެ ފައިސާ ވެސް ވަކި އެކައުންޓަކަށް ޖަމާކޮށްގެން، އޭގެ މަންފާ ނުހޯދުމަކީ ވެސް ސިޔާސަތެއްކަމަށް ވިދާޅުވިއެވެ.
މި ސަރުކާރު ވެރިކަމާ ހަވާލުވިއިރު، މިފްކޯއިން މަސްވެރިންނަށް ދޭންޖެހޭ 39.5 މިލިއަން ރުފިޔާ ހުރީ ނުދީ ކަމަށާއި، ނަތީޖާއެއްގެ ގޮތުން، ސަރުކާރުން އެންމެ ބޮޑު އިސްކަމެއް ދިނީ، ނުދީ ހުރި މަސްވެރިންގެ ޙައްޤު، ޙަލާލު ފައިސާ، ދީ ޚަލާސް ކުރުން ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
"އިރާދަކުރެއްވީތީ އެކަންވަނީ ކުރެވިފައި. ރައްޔިތުންގެ ލޯ ލާރިއަކަށްވެސް އަޅުގަނޑު އިރާދަކުރެއްވިއްޔާ، ޚިޔާނާތެއް ނުވާނަން. ވެރިކަމުގެ މަސްއޫލިއްޔަތާއި، ޒިންމާގެ ބޮޑުކަމާއި މަތިވެރިކަން، ދައްޗާއި ތުރާލާއި އުނދަގުލުގެ ތެރޭގައިވެސް އަޅުގަނޑުގެ ހަނދާނުން ކެހިގެނެއްނުދާނެ." ރައީސް ޞާލިޙް ވިދާޅުވިއެވެ.
ރައީސް ޞާލިޙް ވަނީ އަގު ދިނުމާ އެއްވަރަށް، ސަރުކާރުން އިސްކަންދޭ އަނެއް ކަމަކީ، އަގަކަށް އަގެއް ދިނުމުގެ ބަދަލުގައި، ބާނާ މަހަށް ރަނގަޅު އަގެއް ހޯދައިދިނުން ކަމަށް ވެސް ވިދާޅުވެފައެވެ. އަދި މަސްވެރިންނަށް އަވަހަށް ފައިސާ ދިނުމުގެ ނިޒާމު ހަމަޖެއްސުމަކީ، ވިޔަކޮށް، ހިސާބު އަކުރުން ހޯދަން ޖެހުނު ޙައްލެއް ކަމަށް ވެސް ވިދާޅުވިއެވެ.
މިގޮތުން ފުރަތަމަ ޖެހުނީ، "މިފްކޯ ފެންމަތީގައި އޮންނާނެ ގޮތެއް ހޯދުން"ކަމަށާއި، ދުނިޔޭގެ ބާޒާރުގައި ހުންނަ މަހުގެ އަގަށް ބަލައި، އެ ކުންފުނީގެ ގެއްލުން ކުޑަކޮށް، ދެމެހެއްޓެނިވި ގޮތެއްގައި، އެ ކުންފުނި ހިންގޭނެ މަގެއް ހޯދަން ކަމަށް ވެސް ވިދާޅުވިއެވެ.
މި މަގު ހޯދުމުގެ އެންމެ މުހިންމު ފިޔަވަޅު އަޅައިދެއްވީ، ރާއްޖޭގެ މަސްވެރިން ކަމަށާއި، އެއީ މިފްކޯއަށް ގަންނަ މަހުގެ އަގަށް، މިދިޔަ އަހަރު ސަރުކާރުން ގެނައި ވަގުތީ ބަދަލުގެ ބުރަ އުފުއްލަވައިދެއްވީ މަސްވެރިން ކަމުގައިވާތީ ކަމަށް ރައީސް ފާހަގަކުރެއްވިއެވެ. އަދި ހިތްހަމަނުޖެހުމާއި، ނުތަނަވަސްކަމާއެކުވެސް، ކުރު މުއްދަތަކަށް އެ ހިތި ބޭސް، މަސްވެރިން ބޭނުންކުރެއްވުމުން، ލިބޭ ދެމެހެއްޓެނިވި ޝިފާ މިހާރު ވަނީ އަތްލެވޭހާ ގާތުގައި ކަމަށް ވެސް ވިދާޅުވެފައެވެ.
"ދެން އިރާދަކުރެއްވިއްޔާ، ވާން އޮތް ރަނގަޅަކީ، މަސްވެރިންނަށް ރަނގަޅު އަގެއް ލިއްބައިދިނުމުގެ ބޮޑުރަނގަޅު. އިރާދަކުރެއްވިއްޔާ އަންނަ އަހަރުގެ ފުރަތަމަ ތިން މަސްދުވަހުގެ ތެރޭގައި، މަހުގެ އަގު މަތިވާން ފަށާނެ. އެ ބަދަލު އަންނާނެ ވާހަކަ، އަޅުގަނޑު މިއަދު މި ދެންނެވީ އެކަމަށްޓަކައި އެތައް ކަމެއް ސަރުކާރުން ކުރަމުންދާތީ. އަދި އެކަން ޙާޞިލުވާނެ ކަމުގެ އުންމީދު އަޅުގަނޑަށް ލިބިފައިވާތީ." ރައީސް ޞާލިޙް ވިދާޅުވިއެވެ.
ރަނގަޅެއް ހޯދުމަށް މަސްވެރިންނާއި ސަރުކާރު އެކުގައި ތިބުމަށް ބޭނުންކުރި ހިތި ބޭހުގެ ފޮނި ނަތީޖާ، ފުރަތަމަ ފެންނަން ފަށާނީ އެ ދުވަހުން ކަމަށް ރައީސް ޞާލިޙް ވަނީ ވިދާޅުވެފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!