ކ. ގާފަރުގައި ސަރުކާރުން ޤާއިމްކޮށްފައިވާ 25 ޓަނުގެ އައިސް ޕްލާންޓް ރަސްމީކޮށް ހުޅުވައިފިއެވެ.
މި އައިސް ޕްލާންޓް ހުޅުއްވައި ދެއްވީ މިއަހަރު ރާއްޖޭގައި ފާހަގަކުރަމުންދާ 41 ވަނަ މަސްވެރިންގެ ދުވަހުގެ ޙަރަކާތްތަކުގައި ބައިވެރިވެ ވަޑައިގަތުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙަައްމަދު ޞާލިޙް، ގާފަރަށް މިހާރު ކުރައްވަމުންގެންދަވާ ދަތުރުފުޅުގެ ތެރެއިންނެވެ.
މި ދަތުރުފުޅުގައި ރައީސް ޞާލިޙްގެ އަރިހުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމާއި ބައެއް ވަޒީރުން ވެސް ބައިވެރިވެވަޑައިގަންނަވައެވެ.
އެ ސަރަޙައްދުގެ ގިނަ މަސްވެރިންނަށް އައިސް ހޯދުމުގައި އިތުރު ލުއި ފަސޭހަތަކެއް ފޯރުކޮށްދިނުމުގެ ގޮތުން ގާފަރުގައި ޤާއިމުކޮށްފައިވާ 3.5 މިލިއަން ރުފިޔާގެ މި އައިސް ޕްލާންޓަކީ 50 ޓަނުގެ ސްޓޯރޭޖް ކެޕޭސިޓީއާއެކީ ސަރުކާރުގެ ފަރާތުން މިނިސްޓްރީ އޮފް ފިޝަރީސް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރ އިން މިފްކޯއާ ޙަވާލުކޮށްގެން ކުރިޔަށް ގެންދިޔަ މަޝްރޫޢެކެވެ.
އައިސް ޕްލާންޓް ހުޅުއްވައިދެއްވުމަށްފަހު ރައީސުލްޖުމްހޫރިއްޔާ ވަނީ ގާފަރުގައި ދެ ޖިންސުގެ މީހުންނަށް އަމާޒުކޮށްގެން ކުރިޔަށްގެންދިޔަ މަސްކެނޑުމުގެ މުބާރާތް ޝަރަފުވެރިކޮށްދެއްވާފައެވެ. ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވެސް ވަނީ މި މުބާރާތް ބައްލަވާލައްވާފައެވެ. މަސްވެރިންގެ ދުވަހުގެ ޙަރަކާތްތަކުގެ ތެރެއިން ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ ގާފަރު މޮނިއުމެންޓް ވެސް ހުޅުއްވައިދެއްވާފައެވެ. މި މޮނިއުމެންޓުން ރަމްޒުކޮށްދެނީ ގާފަރަކީ މަސްވެރި ރަށެއްކަމާއި، އެކުވެރި ރައްޔިތެއް އުޅޭ މެހެމާންދާރީ ރަށެއްކަމެވެ.
މީގެ އިތުރުން ރައީސުލްޖުމްހޫރިއްޔާ ވަނީ މަސްވެރިންގެ ދުވަހާ ގުޅުވައިގެން މިިނިސްޓްރީ އޮފް ފިޝަރީސް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރ އިން ގާފަރުގައި އިންތިޒާމުކޮށްގެން ކުރިޔަށް ގެންދާ ފިޝަރީޒް އެކްސްޕޯއަށް ޒިޔާރަތްކުރައްވައި އެތަން ބައްލަވާލައްވާފައެވެ. ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވެސް ވަނީ މި އެކްސްޕޯއަށް ޒިޔާރަތްކުރައްވާފައެވެެ.
މަސްވެރިންގެ ދުވަހުގެ ރަސްމީ ޖަލްސާ އެރަށުގައި އޮންނާނީ މިރެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!