ރައީސުލްޖުމްޙޫރިއްޔާ އިބްރާޙީމް މުޙައްމަދު ޞާލިޙް، ރާއްޖޭގެ ބޮޑުކަންނެލި މަސްވެރިންގެ އިހްސާސްތައް އަޑުއެއްސެވުމަށް މިއަދު ކަންނެލި ދޯނިތަކަށް ވަޑައިގެންފިއެވެ.
މިއަދަކީ މިއަހަރުގެ މަސްވެރިންގެ ދުވަހެވެ. އަދި މިއަދަކީ ބޮޑުކަންނެލި މަސްވެރިންގެ ޔޫނިޔަން (ބީކޭއެމްޔޫ)ގެ ފުރަތަމަ އަހަރީ ދުވަހެވެ. އެ ޖަމިއްޔާއިން އޮތީ މިއަދު ދެއެއް ޖަހާއިރު އެޖަމިއްޔާގެ އަހަރީ ޖަލްސާ ކަންނެލި ދޯނިތަކުގައި ތިބެގެން ކުރިއަށް ގެންދަން އިންތިޒާމްކޮށްފައެވެ. އަދި މިއަދު ހަވީރު 4 ޖަހާއިރު ކަންނެލި މަސްވެރިންގެ އަޑު އިއްވުމަށް އިހްތިޖާޖެއް ވެސް ވަނީ ކުރިއަށް ގެންދަން ނިންމާފައެވެ.
އެ ޖަލްސާއަށް ކަންނެލި މަސްވެރިން ތައްޔާރުވެފައި ވަނިކޮށް، ރައީސް ޞާލިޙް ވަނީ އެ ދޯނިތަކަށް ވަޑައިގެން ކަންނެލި މަސްވެރިންގެ އިހްސާސްތައް އަޑު އަށްސަވާފައެވެ.
ބީކޭއެމްޔޫގެ ސެކެރެޓަރީ ޖެނެރަލް އަދި ވައިކަރަދޫ ދާއިރާގެ ކުރީގެ މެންބަރު މުޙައްމަދު ނާޒިމް "ތިލަދުން"އަށް ވިދާޅުވީ، އެ ޖަލްސާއަށް ތައްޔާރުވެފައި ވަނިކޮށް އެ ޖަމިއްޔާއަށް ރައީސްގެ ފަރާތްޕުޅުން ފޯނުކޯލެއް ލިބުނުކަމަށެވެ. އަދި ރައީސް އެތަނަށް ވަޑައިގެން މަސްވެރިންނާ ބައްދަލުކޮށްލައްވަން ބޭނުންފުޅުކަމުގެ އިޝާރާތް ލިބިގެން ދިޔަ ކަމަށެވެ.
"ދެން އަޅުގަނޑުމެން ހިންގާ ކޮމެޓީން ބައްދަލުވެ ނިންމީ ރައީސަށް އެފުރުޞަތު އަރުވަން، ރައީސް ވަޑައިގެން ތިރީހަކަށް މިނިޓް މިތާ މަޑުކުރެއްވި، އަޅުގަނޑުމެންގެ ޝަކުވާތައް އަޑުއެއްސެވުމަށްފަހު ޕޯޑިއަމްގައި ކަންނެލި މަސްވެރިންނާ މުހާތަބުކޮށް ވާހަކަވެސް ދެއްކެވި،" ނާޒިމް ވިދާޅުވިއެވެ.
ނާޒިމް ވިދާޅުވީ ކަންނެލި މަސްވެރިންގެ ފަރާތުން މީގެ ކުރީންވެސް ތިރީހަކަށް ހުށަހެޅުން ސަރުކާރަށް ހުށަހަޅާފައިވާނެ ކަމަށެވެ. ނަމަވެސް އެންމެ ކަމެއް ފިޔަވައި އިތުރު އެއްވެސް ކަމެއް އަދި ހައްލުވެފައި ނުވާކަމަށް އޭނާ ވިދާޅުވިއެވެ.
"އެއީ އައިސްގެ އަގު، ކުރިން އައިސް މިލިބެނީ ކަޅުބިލަ މަހުގެ މަސްވެރިންނާއި، ކަންނެލި މަސްވެރިންނަށް ތަފާތުކޮށް، އެމީހުންނަށް 1600 ރުފިޔާއަށް ޓަނެއް ލިބޭއިރު ކަންނެލި މަސްވެރިންނަށް 2100 ރުފިޔާވަރަށް ޓަނެއް ހުރީ، ނަމަވެސް ސަރުކާރުން އެކަމަށް ހައްލު ހޯދައިދީ، އައިސްގެ އަގު ވަނީ އެއްހަމައަކަށް ގެނެސްދެއްވާފައި، އެއީ ކަންނެލި މަސްވެރިންގެ ހަޔާތުގައި ވެސް ވީކަމަކީ" ނާޒިމް ވިދާޅުވިއެވެ.

ނާޒިމް ވިދާޅުވީ ރައީސް ޞާލިޙް މިއަދު ވަނީ ކަންނެލި މަސްވެރިންގެ ކަންބޮޑުވުންތަކަށް ހައްލު ހޯއްދަވައިދެއްވާނެކަމަށް ވިދާޅުވެފަކަމަށެވެ. އަދި ކަންނެލި މަސްވެރިންގެ ހުރި އެންމެ ބޮޑެތި ކަންބޮޑުވުންތަކުގެ ތެރޭގައި ހިމެނޭ ސަރުކާރުގެ ކޮންޓްރޯލްނެތި އަމިއްލަ ކުންފުނިތަކުން ކަންނެލި ގަންނަ ގަތުމަށް ހައްލު ހޯއްދަވައިދެއްވައި، މިފްކޯއަށް ކަންނެލި ގަނެވޭނެ މަގު ތަނަވަސްކޮށްދެއްވާނެ ކަމަށް ރައީސް ވިދާޅުވިކަމަށް ނާޒިމް ވިދާޅުވިއެވެ. އެކަމަކީ ކުރިން ވެސް އެ ޖަމިއްޔާއިން ތަކުރާރުކޮށް ހުށަހަޅަމުން ދިޔަކަމެއް ކަމަށް ވެސް އޭނާ ފާހަގަ ކުރެއްވިއެވެ.
ހުޅުމާލޭ ކަންނެލި ޖެޓީގައި ހުރި ދަތިތަކާމެދު ކަންނެލި މަސްވެރިން ހުށަހެޅި ޝަކުވާތަކަށް ވެސް ހައްލު ހޯއްދައި ދެއްވާނެ ކަމަށާއި، އަދި މާލޭ ފަޅުން ޖާގަ ނުލިބުމުގެ މައްސަލައަށް ވެސް ހައްލު ހޯއްދަވައިދެއްވާނެ ކަމަށް ރައީސް ވިދާޅުވިކަމަށް ނާޒިމް ވިދާޅުވިއެވެ. ދެން ހުށަހެޅި ހުށަހެޅުންތަކުގައި ހިމެނޭ ކަންކަން ވެސް ތަރުތީބުން އިޖާބަދެއްވާނެ ކަމަށް ރައީސް ވިދާޅުވިކަމަށް ވެސް ނާޒިމް ވިދާޅުވިއެވެ.
ބޮޑުކަންނެލި މަސްވެރިންގެ އިހްސާސްތައް އަޑުއެއްސެވުމަށް މިއަދު ކަންނެލި ދޯނިތަކަށް ރައީސް ވަޑައިގެންނެވިއިރު އަރިހުގައި އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއީލާއި، އިސްލާމިކް މިނިސްޓަރު އަހްމަދު ޒާހިރު އަލީ އާއި، ރައީސް އޮފީހުގެ މިނިސްޓަރު އަދި ކުރީގެ ފިޝަރީޒް މިނިސްޓަރު ޒަހާ ވަޙީދު އަދި ރައީސް އޮފީހުގެ ޗީފް އޮފް ސްޓާފް، ޙުސައިން އާދަމް ވެސް ވަޑައި ގެންނެވިއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!