ހދ. ނޮޅިވަރަންފަރު ކައުންސިލުން ރައީސުލް ޖުމްހޫރިއްޔާގެ ނައިބު، ފައިސަލް ނަސީމްއާ ބައްދަލުކުރައްވައިފިއެވެ.

މިއަދު މެންދުރު ފަހު ރައީސުލް ޖުމްހޫރިއްޔާގެ އޮފީހުގައި ކުރިއަށް ގެންދިޔަ މި ބައްދަލުވުމުގައި އެރަށު ކައުންސިލުން ވަނީ ރަށަށް ދިމާވެފައިވާ ދަތިތަކާއި ރަށުގެ ތަރައްޤީއަށް ރޭވިފައިވާ މަޝްރޫޢު ތަކާއި ގުޅިގެން ނައިބާ މަޝްވަރާ ކުރައްވާފައެވެ.

Ad
rt

އެގޮތުން އެކައުންސިލުން ފާހަގަ ކޮށްފައިވާ ކަންތައް ތަކުގެ ތެރޭގައި ނޮޅިވަރަންފަރު ސްކޫލަށް ކުރިމަތިވެފައިވާ ޖާގައިގެ ދަތިކަމާއި ސިއްޚީ މަރުކަޒަށް ދިމާވެފައިވާ ދަތި ތަކުގެ އިތުރަށް ރަށް ގިރުމުގެ ސަބަބުން ރަށަށް ލިބެމުންދާ ގެއްލުންތައް ހިމެނެއެވެ. އަދި އޭޓީއެމްގެ ޚިދުމަތުގެ އިތުރުން ރަށުގެ މަގުތައް ހެދުމުގެ މަޝްރޫޢު އާއި ގުޅޭގޮތުން ކައުންސިލުން ވަނީ ނައިބާއި ސުވާލު ކުރައްވާފައެވެ.

ކައުންސިލުން ފާހަގަ ކުރެއްވި ކަންތައް ތަކަށް އިޝާރާތް ކުރައްވަމުން ނައިބު ވިދާޅުވެފައި ވަނީ އެރަށުގެ މަގު ހެދުމުގެ މަޝްރޫޢު ވަނީ އަންނަ އަހަރުގެ ބަޖެޓްގައި ހިމަނާފައި ކަމަށެވެ. އަދި އިތުރު ކަންތައްތަކާއި ގުޅޭ ގޮތުން ސަރުކާރުގެ މުއައްސަސާތަކާއި މަޝްވަރާ ކުރައްވާނެ ކަމަށް އެމަނިކުފާނުގެ ވަނީ ވިދާޅުވެފައިވެއެވެ.

ނޮޅިވަރަންފަރު ކައުންސިލް އިން ކުރައްވާ މި ރަސްމީ ދަތުރު ފުޅުގައި ސަރުކާރުގެ އެހެނިހެން މުއައްސަސާތަކުގެ އިސްވެރިންނާ ވެސް ވަނީ ބައްދަލު ކުރައްވާފައެވެ.