"ޕްރޮޓްކޯލް އެމެންޑިންގް ދަ ޓްރިޕްސް އެގްރީމަންޓް" ދިވެހިރާއްޖެއިން ޤަބޫލުކުރުމަށްޓަކައި، އެ މުއާހަދާއަށް ރުހުން ހޯދުމަށް ރައްޔިތުން މަޖިލީހަށް ހުށައެޅުމަށް ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙް ނިންމަވައިފިއެވެ.

ވަރލްޑް ޓްރޭޑް އޯގަނައިޒޭޝަން ( ޑަބްލިއު.ޓީ.އޯ) ގެ "ޓްރޭޑް ރިލޭޓެޑް އެސްޕެކްޓްސް އޮފް އިންޓްލެކްޗުއަލް ޕްރޮޕަޓީ ރައިޓްސ (ޓްރިޕްސް)" އެއްބަސްވުމަށް ބަދަލު ގެނައުމަށް އެކުލަވާލާފައިވާ މި ޕްރޮޓްކޯލަށް މަޖިލީހުގެ ރުހުން ހޯދަން ހުށައެޅުމަށް ރައީސް ޞާލިޙް ނިންމާފައި ވަނީ ވަޒީރުންގެ މަޖިލީހުގެ ލަފާގެ މަތީންނެވެ.

Ad
rt

ވަޒީރުންގެ މަޖިލީހުން މިލަފާ ރައީސަށް އަރުވާފައި ވަނީ މި މަހުގެ 7 ވަނަ ދުވަހު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ވަޒީރުންގެ މަޖިލީހުގެ ޖަލްސާގައިކަމަށް ރައީސް އޮފީހުން ވިދާޅުވެއެވެ.

ޑަބްލިއު.ޓީ.އޯ ގެ މި އެއްބަސް ވުމަކީ އެޖަމިއްޔާގެ މެމްބަރު ގައުމުތަކުގެ ފިކުރީ މުދާ ރައްކަތެރިކޮށްދިނުމާއި ގުޅޭ ގޮތުން އެކުލަވާލާފައިވާ އެއްބަސް ވުމެކެވެ. ޓްރިޕްސްގެ އެއްބަސްވުމަށް ގެނެވުނު އިޞްލާހު، "ޕްރޮޓޮކޯލް އެމެންޑިންގ ދަ ޓްރިޕްސް އެގްރީމަންޓް" އަކީ، ޑަބްލިއު.ޓީ.އޯގެ އެއްބަސްވުމަކަށް، އެ ޖަމިއްޔާ އުފެދުނު ފަހުން ގެނެވުނު ފުރަތަމަ އިސްލާހެވެ.

މި އިސްލާހުގެ ސަބަބުން، ޤައުމުތަކަށް ދިމާވެފައިވާ ނުވަތަ ދިމާވަމުންދާ ޞިއްޙީ ކުއްލި ނުރައްކަލުގެ ހާލަތްތަކުގައި، އެފަދަ ޙާއްޞަ ހާލަތްތަކުގައި ބޭނުންވާ ބޭހަކީ، ޕޭޓަންޓް އެއް އެކުލެވޭ ބޭހަކަށްވެފައި، އެ ބޭހެއް އެކަށީގެންވާ އަގެއްގައި، އެކަށީގެންވާ ވަގުތުގައި، ޕޭޓަންޓްގެ ވެރިފަރާތުން ލިބޭނެ އިންތިޒާމް ހަމަނުޖެހިއްޖެނަމަ، ބޭސް އުފެއްދުމުގެ ޤާބިލްކަން ނެތް ޤައުމުތަކަށް ފަސޭހަ ގޮތެއްގައި މިފަދަ ބޭސް ލިބޭނެ އިންތިޒާމް ހަމަޖެއްސުމަށްޓަކައި، ބޭސް އުފެއްދުމުގެ ޤާބިލްކަން ހުރި ޤައުމަކުން، ޕޭޓަންޓް ކޮށްފައިވާ ބޭހެއް، ޕޭޓަންޓުގެ ވެރިފަރާތުގެ ހައްޤު ނުގެއްލޭނެ ފަދައިން، ކޮމްޕަލްސަރީ ލައިސެންސެއްގެ ދަށުން އުފައްދައި، ބޭސް ބޭނުންވާ ޤައުމަށް ފޯރުކޮށްދިނުމަށް މަގުފަހި ވެގެންދާނެއެވެ.