ފީވަކު އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ ފަރާތުން އެރަށުގައި ހިންގި ކޭކު ކޯހަކާއި، ޕޭސްޓްރީ ކޯސް ކާމިޔާބު ކަމާއި އެކު ނިންމާލައިފިއެވެ.

"ބަޓާރ ކްރީމް އެންޑް ޕޭސްޓްރީ ކޯސް ވިތް ޝާޒީ"ގެ ނަމުގައި ކުރިޔަށް ގެންދިޔަ މި ކޯސްތަކަކީ، ފީވަކު ކަނބަލުންނަށް ޚާއްޞަކޮށްގެން އެރަށު އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ ފަރާތުން ކުރިއަށް ގެންދިޔަ ދެ ކޯހެވެ.

Ad
rt

ބަޓާރ ކްރީމް ކޯހުގައި 11 ބައިވެރިން އަދި ޕޭސްޓްރީ ކޯހުގައި 11 ބައިވެރިން ބައިވެރިވެ، ޖުމްލަ 22 ބައިވެރިން ވަނީ މި ކޯސް ފުރިހަމަކޮށްފައެވެ.

މި ކޯސްތައް ހިންގައި ދީފައި ވަނީ، މި މަސައްކަތުގައި 14 އަހަރަށް ވުރެއް ގިނަ ދުވަސް ހޭދަކޮށްފައިވާ ފީވަކުގެ ހުނަރުވެރި ކަނބަލެއް ކަމަށްވާ، ޝާޒީއެވެ.

ފޮޓޯ: ފީވައް ލައިވް

މި ކޯސްތައް ނިންމުމުގެ ރަސްމިއްޔާތު އޮތީ އިއްޔެ ހަވީރު ފީވަކު ޕްރީ ސްކޫލްގައެވެ. މި ރަސްމިއްޔާތުގައި ފީވަކުގެ ބައެއް މުއައްސަސާތަކުގެ އިސްވެރިންނާ، ފީވަކު އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީގެ މެންބަރުންނާއި ކޯސްތަކުގެ ބައިވެރިންވެސް ވަނީ ބައިވެރިވެފައެވެ. އަދި މި ރަސްމިއްޔާތުގައި ވަނީ ކޯހުގެ ބައިވެރިންނަށް ސެޓްފިކެޓް ވެސް ދީފައެވެ.

މި ރަސްމިއްޔާތުގައި ވާހަކަ ދައްކަމުން މި ކޯސްތަކުގައި އިރުޝާދުދިން ޝާޒީ ވަނީ މިފަދަ ކަންކަން ކުރިއަށް ގެންދިޔުމުން އަންހެނުން ބާރުވެރިވެ، މުޖުތަމަޢުގައި އަންހެނުންނަށް އޮންނަ ފުރުޞަތުތައް އިތުރުވެދާނެކަން ފާހަގަކޮށްފައެވެ. އަދި މި ކޯސްތައް ފުރިހަމަ ކުރި ފަރާތްތަކަށް މިއީ ރަށުގައި ތިބެގެން އާމުދަނީ ހޯދުމަށް ލިބިގެންދާ އިތުރު ފުރުޞަތެއް ކަމަށްވެސް ފާހަގަ ކުރިއެވެ. މި ކޯސްތަކުގައި ބޭނުން ކުރި ގިނަ ރޯ މެޓީރިއަލްސް ތަކަކީ ސީދާ ރަށުން ލިބެން ހުރި ތަކެތި ކަމަން ވެސް އޭނާ ވަނީ ފާހަގަކޮށްފައެވެ.

ކޭކު ކޭހުގެ ބައެއް ބައިވެރިން އެޅި ބައެއް ކޭކު، ފޮޓޯ: ފީވައް ލައިވް

މި ރަސްމިއްޔާތުގައި ފީވަކު އަންހެނުންގެ ކޮމިޓީގެ ރައީސާ މަރްޔަމް ރީޝާ ދެއްކެވި ވާހަކާގައި ވަނީ ކޯސްތައް ހިންގައިދިން ޝާޒީއަށާއި، އެކަމުގައި އެހީތެރިކަން ފޯރުކޮށްދިން އެންމެހާ ފަރާތްތަކަށް ޝުކުރު ދަންނަވާފައެވެ.

މި ރަސްމިއްޔާތުގައި ބަޓާރ ކްރީމް އެންޑް ޕޭސްޓްރީ ކޯހުގެ ބައިވެރިން ތައްޔާކޮށްފައިވާ ބައެއް އުފެއްދުންތައްވެސް ވަނީ ދައްކާލާފައެވެ.

މި ކޭކު ކޯހުގައި ކޭކު އެޅުމާއި، ކޭކުގައި އައިސިން ޖަހަން ދަސްކޮށް ދީފަވެއެވެ. އަދި ޕޭސްޓްރީ ކޯހުގައި ތަފާތު ނުވަ ވައްތަރުގެ ޕޭސްޓްރީ އައިޓަމް ހަދަން ދަސްކޮށްދީފަ ވެއެވެ.