ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، ދެ ބިލެއް މި އަދު ތަޞްދީޤު ކުރަށްވައިފިއެވެ.

އެ ދެ ބިލަކީ، އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނަށް 1 ވަނަ އިޞްލާޙު ގެނައުމުގެ ބިލާއި، ޖިންސީ ކުށުގެ ޤާނޫނަށް 1 ވަނަ އިޞްލާޙު ގެނައުމުގެ ބިލެވެ.

Ad
rt

އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނަށް 1 ވަނަ އިޞްލާޙު ގެނައުމުގެ ބިލަކީ 2021 ނޮވެންބަރު 29 ވަނަ ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ 2021 ވަނަ އަހަރުގެ ތިންވަނަ ދައުރުގެ 44 ވަނަ ޖަލްސާއިން ފާސްކުރި ބިލެކެވެ.

މި ޤާނޫނަށް ގެނެވުނު އިސްލާޙުގައި، ސީދާގޮތުން ނުވަތަ ނުސީދާގޮތުން ބިދޭސީ ފަރާތަކަށް ވިޔަފާރީގެ މަންފާ ލިބިދިނުމަށްޓަކައި ވިޔަފާރިއެއް ހިންގުމަކީ، މި ޤާނޫނުގެ ދަށުން ރަޖިސްޓްރީ ކޮށްދީފައިވާ އަމިއްލަ ވިޔަފާރިއެއްގެ ރަޖިސްޓްރީ ބާޠިލުކުރެވިދާނެ ޙާލަތެއްކަމަށް ބަޔާންކޮށްފައިވެއެވެ.

މި އިޞްލާޙުގައި އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނުގެ 7 ވަނަ މާއްދާގެ (ށ) ގެ ދަށުން ހުރި ބައެއް ނަމްބަރުތައް އުނިކުރުމަށް ހުށަހަޅާފައިވެއެވެ. މި ޤާނޫނުގެ 7 ވަނަ މާއްދާގެ (ށ)ގެ ދަށުން ހުރި ނަމްބަރުތަކުގައި ވަނީ އަމިއްލަ ވިޔަފާރިއެއް ރަޖިސްޓްރީކުރުމަށް އެދި ހުށަހަޅާއިރު ހުށަހަޅަންޖެހޭ މަޢޫލޫމާތުތަކެވެ. އަދި މި ޤާނޫނުގެ 8 ވަނަ މާއްދާގެ (ށ)ގައި، މި ޤާނޫނުގެ ދަށުން އަމިއްލަ ވިޔަފާރިއެއް ރެޖިސްޓްރީކުރެވޭނެ މުއްދަތުކަމަށް ބަޔާންކޮށްފައިވާ 5 އަހަރު ދުވަހުގެ މުއްދަތު މި އިޞްލާޙުގައި 10 އަހަރަށް ބަދަލުކޮށްފައިވެއެވެ. އަދި އަމިއްލަ ވިޔަފާރިއެއްގެ ރަޖިސްޓްރީ އައު ކުރުމަށް ޤާނޫނުގައި ދީފައިވާ މުއްދަތު 90 ދުވަހުން، 1 އަހަރު ދުވަހަށް އިތުރުކޮށްފައިވެއެވެ.

އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނަށް 1 ވަނަ އިޞްލާޙު ގެނައުމުގެ ބިލުގައި ބަޔާންކޮށްފައިވާ އިޞްލާޙުތަކާ ގުޅިގެން އެކުލަވާލަންޖެހޭ ގަވާއިދުތަކާއި އިޞްލާޙުކުރަންޖެހޭ ގަވާއިދުތައް، މި މިބިލު ޤާނޫނަކަށްވެ ޢަމަލުކުރަން ފަށާ ތާރީޚުން ފެށިގެން 3 މަސްދުވަހުގެ ތެރޭގައި ހަދައި، ދިވެހިސަރުކާރުގެ ގެޒެޓުގައި ޝާއިޢުކުރަންޖެހެއެވެ. މި ބިލު ރައީސުލްޖުމްހޫރިއްޔާ މިއަދު ތަސްދީޤުކުރެއްވުމާއި ގުޅިގެން މި ޤާނޫނު މިހާރު ވަނީ ދިވެހިސަރުކާރުގެ ގެޒެޓުގައި ޝާއިޢުކުރައްވާފައެވެ. މި ޤާނޫނަށް ޢަމަލުކުރަން ފެށުމަށް ހަމަޖެހިފައި ވަނީ މި ޤާނޫނު ފާސްވެ، ތަޞްދީޤުކޮށް، ދިވެހިސަރުކާރުގެ ގެޒެޓުގައި ޝާއިޢުކުރާ ތާރީޚުން ފެށިގެންނެވެ.

ދެ ވަނަ ބިލު ކަމުގައިވާ ޖިންސީ ކުށުގެ ޤާނޫނަށް 1 ވަނަ އިޞްލާޙު ގެނައުމުގެ ބިލަކީ، މިއަހަރުގެ ނޮވެންބަރު 29 ވީ ހޯމަ ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ 2021 ވަނަ އަހަރުގެ ތިންވަނަ ދައުރުގެ 44 ވަނަ ޖަލްސާއިން ފާސްކުރި ބިލެކެވެ.

މި ޤާނޫނަށް ގެނައި އިޞްލާޙުގެ ތެރޭގައި، ރޭޕްކުރުމާއި، ޖިންސީ އަނިޔާ އަދި ޖިންސީ ގޯނާގެ ތަފްޞީލު ކަނޑައަޅައި ބަޔާންކޮށްފައިވެއެވެ. އަދި ފިރިމީހާ އަނބިމީހާ ރޭޕްކުރުމުގެ ކުށަށް މިވަނީ އިޞްލާޙު ގެނެސްފައެވެ. ހަމަ އެއާއެކު ރޭޕް އެވިޑެންސް ކިޓް ބޭނުންކުރުން ލާޒިމުކުރުން ހިމަނައި އެކަމުގެ ހަމަތަކާއި އުސޫލުތައް ބަޔާންކޮށްފައިވެއެވެ. މީގެ އިތުރުންވެސް މި ޤާނޫނަށް މުހިންމު އިޞްލާޙުތަކެއް ގެނެސްފައިވެއެވެ.

މި ބިލު، ރައީސުލްޖުމްހޫރިއްޔާ މިއަދު ތަސްދީޤުކުރެއްވުމާއި ގުޅިގެން މި ޤާނޫނު މިއަދު ވަނީ ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިޢުކުރައްވާފައެވެ. އަދި މި ޤާނޫނަށް ޢަމަލުކުރަން ފަށާނީ މި ޤާނޫނު ފާސްވެ، ތަޞްދީޤުކޮށް، ދިވެހިސަރުކާރުގެ ގެޒެޓުގައި ޝާއިޢުކުރާ ތާރީޚުން ފެށިގެންނެވެ.