"ރިވެލި ތަރި 2021" އިހަވަންދޫ ގެ ތިން ދަރިއަކަށް ލިބިއްޖެ އެވެ.

"ރިވެލި ތަރި" އެވޯޑަކީ ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ކިބައިގައި ހުރި ތަފާތު ހުނަރުތަކާއި އެ ހުނަރުތައް ދައްކާލާ، ހިތްވަރުދީ، ކުރިއެރުވުމުގެ މަޤުޞަދުގައި މިނިސްޓްރީ އޮފް ޖެންޑަރ، ފެމެލީ އެންޑް ސޯޝަލް ސަރވިސަސް އިން ދެމުން އަންނަ އެވޯޑެކެވެ.

Ad
rt

ރޭ ކުރިއަށް ދިޔަ ރަސްމިއްޔާތެއްގައި މިއެވޯޑް ލިބިފައިވަނީ، ތަޢުލީމީ ދާއިރާ އިން، ރަޔާން ރިޔާޟް ޢަބްދުލްވާޙިދު / ވަފާ އަދި މުޙައްމަދު މާޢިޒު / ދުންތަރި އެވެ. މީގެ އިތުރުން ކުރެހުމާއި އުފެއްދުންތެރިކަމުގެ ދާއިރާއިން ޙުސައިން ސާލިމް / ތެމާ އަށެވެ.

މިފަރާތްތަކަށް އެވޯޑް ހަވާލު ކުރެއްވީ ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަޙްމަދު އެވެ. 7 ފަރާތެއް ވަނީ "ރިވެލި ތަރި"އަށް ދެއްވާ ޚާއްޞަ އެވޯޑާއި އިނާމު ހޯއްދަވާފަ އެވެ.

“ރިވެލި ތަރި” ގެ މައިގަނޑު މަޤުޞަދަކީ ނުކުޅެދުންތެރިކަން ހުންނަ މީހުންނާއި ކުދިންގެ ތެރެއިން އެކި ދާއިރާތަކުން ހުނަރުވެރިން ކުރަމުން އަންނަ މަސައްކަތާއި އުފެއްދުންތައް ދައްކާލުމާއި، އެފަރާތްތަކުގެ މަސައްކަތާއި އުފެއްދުންތައް ކުރިއަރުވާ މާކެޓުކުރުމާއި، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ހުނަރާއި ގާބިލުކަމުގެ މައުލޫމާތު ފުޅާދާއިރާއެއްގައި ފަތުރައި އަދި ނުކުޅެދުންތެރިކަން ހުންނަ ޒުވާނުންގެ ތެރެއިން މަސައްކަތްތެރިކަމާއި ވިޔަފާރި ކުރިއެރުމަށް ޝައުގުވެރިކަން ހުންނަ ފަރާތްތަކަށް އެކަމަށް ހިތްވަރުދީ މަގުފަހިކޮށްދިނުމެވެ.

މި ރަސްމިއްޔާތުގައި، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވަނީ ނުކުޅެދުންތެރިކަން ހުންނަ މީހުންނާއި މި ދާއިރާގައި މަސައްކަތްކުރައްވާ އެކިއެކި ފަރާތްތަކުގެ މަސައްކަތުގެ އަގުވަޒަންކުރެއްވުމުގެ ގޮތުން ދެއްވާ "ރިވެލި އެވޯޑް 2021" ޙާޞިލުކުރި 6 ފަރާތަށް އެ އެވޯޑްތައް ހަވާލުކޮށްދެއްވާފައެވެ. މީގެ އިތުރުން އެމަނިކުފާނު ވަނީ ނުކުޅެދުންތެރިކަން ހުންނަ ކުދިންނާއި މީހުންގެ އުފެއްދުންތަކުގައި ބޭނުންކުރުމަށް ތައްޔާރުކޮށްފައިވާ ޚާއްޞާ ލޯގޯ އާއި އެފަދަ ފަރާތްތައް ބޭނުންކުރާ ވެހިކަލްތަކުގައި ބޭނުންކުރާ ލޯގޯ އިފްތިތާޙްކޮށްދެއްވާފައެވެ.