ތެރަޕިއުޓިކް ފަރުވާއަށް ޚަރަދު ހަމަޖައްސައިދިނުމުން، ތެރަޕިއުޓިކް ފަރުވާއަށް އެދި ސަލާންޖެހުން މިހާރު ހުއްޓުމަކަށް ގެނެވިފައިވާކަމަށް ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް، ވިދާޅުވެއްޖެއެވެ.

ރައީސް މިހެން ވިދާޅުވީ ރިވެލި އެވޯޑް 2021 ދިނުމުގެ ގޮތުން ރޭ ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

Ad
rt

މި ރަސްމިއްޔާތުގައި ރައީސް ދެއްކެވި ވާހަކަފުޅުގައި ވިދާޅުވީ، 2019 ވަނަ އަހަރު ފެށި ތެރަޕިއުޓިކް ފަރުވާއަށް ޚަރަދު ހަމަޖައްސައިދިނުމުގެ ޕްރޮގްރާމުގެ ސަބަބުން ތެރަޕިއުޓިކް ފަރުވާއަށް ސަލާންޖެހުން މިހާރު ހުއްޓުމަކަށް ގެނެވިފައިވާކަމަށާއި މި ފަރުވާއަށް 2019 ވަނަ އަހަރު 3.1 މިލިއަން ރުފިޔާ، 2020 ވަނަ އަހަރު 7.2 މިލިއަން ރުފިޔާ އަދި 2021 ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ ނިޔަލަށް 18.2 މިލިއަން ރުފިޔާ ދައުލަތުން ޚަރަދު ކޮށްފައިވާކަމަށެވެ.

ނުކުޅެދުންތެރިކަން ހުރި މީހުންނަށާ ކުދިންނަށް ލުއިފަސޭހަގޮތްތައް ހަމަޖައްސައިދިނުމަށް ސަރުކާރުން ކުރައްވަމުންގެންދަވާ މަސައްކަތްތަކަށް އަލިއަޅުވާލައްވާފައި ވެއެވެ.

"ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ޙާލަތު ރަނގަޅު ކުރުމަށް އެންމެ މުހިންމު ކަމަކީ، އެންމެންގެ އަޅާލުމާއި ލޯތްބާއި އޯގާތެރިކަން، މިހާރަށް ވުރެ ފުރިހަމައަށް އެފަރާތްތަކަށް ދިނުން"

ރައީސްގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.

ރައީސްގެ ވާހަކަފުޅުގައި ކޮވިޑްގެ ދަތިކަމުގެ ތެރޭގައި ވެސް ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް މާލީ އެހީ ދިނުމުގެ ޕްރޮގްރާމަށް ސަރުކާރުން އެއްވެސް ބަދަލެއް ނުގެންނަވާ ކުރިޔަށްގެންދެވިކަން ފާހަގަކުރެއްވިއެވެ. އަދި ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ބޭނުންވާ އެކި އާލާތްތައް ފަސޭހައިން ލިބޭނެ އިންތިޒާމެއް ހަމަޖައްސަން ސަރުކާރުން މިހާރު މަސައްކަތްތަކެއް ކުރަމުން އަންނަކަން ވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

މި ރަސްމިއްޔާތުގައި، ރައީސް ވަނީ ނުކުޅެދުންތެރިކަން ހުންނަ މީހުންނާއި މި ދާއިރާގައި މަސައްކަތްކުރައްވާ އެކިއެކި ފަރާތްތަކުގެ މަސައްކަތުގެ އަގުވަޒަންކުރެއްވުމުގެ ގޮތުން ދެއްވާ "ރިވެލި އެވޯޑް 2021" ޙާޞިލުކުރި 6 ފަރާތަށް އެ އެވޯޑްތައް ހަވާލުކޮށްދެއްވާފައެވެ. މީގެ އިތުރުން އެމަނިކުފާނު ވަނީ ނުކުޅެދުންތެރިކަން ހުންނަ ކުދިންނާއި މީހުންގެ އުފެއްދުންތަކުގައި ބޭނުންކުރުމަށް ތައްޔާރުކޮށްފައިވާ ޚާއްޞާ ލޯގޯ އާއި އެފަދަ ފަރާތްތައް ބޭނުންކުރާ ވެހިކަލްތަކުގައި ބޭނުންކުރާ ލޯގޯ އިފްތިތާޙްކޮށްދެއްވާފައެވެ.

މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި އަނބިކަނބަލުން ފަޒްނާ އަޙްމަދު ބައިވެރިވެވަޑައިގެންނެވިއެވެ.