ހއ. ތުރާކުނުގައި ކޯވިޑް19 އަށް ފަރުވާދެމުންދިޔަ މީހަކު ނިޔާވެއްޖެ އެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ވިދާޅުވީ މިއަދު ހެނދުނު 8:28 ގައި ތުރާކުނުން ނިޔަވީ 92 އަހަރުގެ ދިވެހި ފިރިހެނެކެވެ.

Ad
rt

މިއީ މިއަދު ރާއްޖެއިން ކޯވިޑްގައި ނިޔާވި 2 ވަނަ މީހާއެވެ. މިއަދު ފުރަތަމަ ނިޔާވީ ދ. ކުޑަހުވަދޫ ހޮސްޕިޓަލުގައި ފަރުވާދެމުންދަނިކޮށް، އުމުރުން 93 އަހަރުގެ ދިވެހި ފިރިހެނެކެވެ.

މިއާއި އެކު ރާއްޖޭގައި މިބަލީގައި ނިޔާވި މީހުންގެ ޢަދަދު 253 އަށް މިވަނީ އަރާފަ އެވެ.

ރާއްޖޭގައި މިވަގުތު ކޮވިޑުގެ އެކްޓިވް ކޭސްގެ އަދަދު އުޅެނީ 1،726ގައެވެ. ކޯވިޑް ބައްޔަށް ޕޮޒިޓިވްވަމުންދާ މީހުން މިދުވަސްވަރު އެންމެ ގިނައީ އަތޮޅުތެރޭގައެވެ. އެޗްޕީއޭ އިން ރޭ އާއްމުކުރި ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި އަލަށް ނެގި 3769 ސާމްޕަލްގެ ތެރެއިން މާލެއިން ޕޮޒިޓިވްވީ 19 މީހުންނެވެ. އަތޮޅު ތެރޭގެ ރަށްރަށުން 71 މީހަކު ޕޮޒިޓިވް ވެފައިވާއިރު، ރިސޯޓުތަކުން އަލަށް ޕޮޒިޓިވް ވެފައިވަނީ 10 މީހުންނެވެ. ކޮވިޑް ޖެހިގެން 17 މީހަކު، ހޮސްޕިޓަލުތަކުގައި އެނދުމަތި ކޮށްގެން އަންނަނީ ފަރުވާ ދެމުންނެވެ.

މިހާތަނަށް ރާއްޖެއިން ބަލި ޖެހުނު މީހުންގެ ޖުމުލަ އަދަދު ވަނީ 91،993އަށް އަރާފައެވެ. މީގެ ތެރެއިން މިހާތަނަށް ބަލިން މުޅީން ފަސޭހަ ވެފައިވާ މީހުންގެ ޖުމުލަ އަދަދު އުޅެނީ 90،003 ގައެވެ.