މާލޭގެ އިމާމުންނާއި ހަތީބުންނަށް ތަމްރީނު ޕްރޮގްރާމެއް

އިމާމުން ތާޒާ ކުރުމަށް އިސްލާމިކް މިނިސްޓްރީން ކުރިއަށް ގެންދެވި ހަރަކަތެއްގެ ތެރެއިން، ފޮޓޯ: އިސްލާމިކް މިނިސްޓްރީ

މާލެ ސިޓީގެ އިމާމުންނާއި ޚަތީބުންނަށް ބާއްވާ ތަމްރީނު ޕްރޮގްރާމް އިއްޔެ ފަށައިފިއެވެ.

މި ޕްރޮގްރާމް އިފްތިތާޙްކޮށް ދެއްވީ މިކަމަށް ބޭއްވި ޙާއްޞަ ރަސްމިއްޔާތެއްގައި މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް ޑރ. އަޙްމަދު ޒާހިރު ޢަލީ އެވެ.

މި ރަސްމިއްޔާތު ފައްޓަވައިދެއްވުމުގެ ގޮތުން ވާހަކަފުޅުދައްކަވަމުން މިނިސްޓަރު ވިދާޅުވިގޮތުގައި މި ޕްރޮގްރާމަކީ، އިމާމުންނާއި ޚަތީބުންގެ މައްސޫލިއްޔަތުތައް އިތުރަށް ހަނދާން އާކޮށްލަދީ، އެ ބޭފުޅުންނަށް ކުރެވޭ ކުއްތަށް ބަޔާންކޮށްދީ އެކަންކަން ރަނގަޅުކޮށްދިނުމުގެ ގޮތުން ހިންގޭ ޕްރޮގްރާމެކެވެ.

ހަމައެހެންމެ މި ޕްރޮގްރާމަކީ މުޅި ރާއްޖެއަށް އަމާޒުކޮށްގެން ހިންގޭ ޕްރޮގްރާމެއް ކަަމަށާއި މިފަދަ އިތުރު ޕްރޮގްރާމްތައް ކުރިއަށް އޮތްތަނުގައި މާލޭގެ އިތުރުން އަތޮޅުތެރޭގައިވެސް ހިންގުމަށް ހަމަޖެހިފައިވާކަމަށް މިނިސްޓަރގެ ވާހަކަފުޅުގައި ވަނީ އިޝާރާތްކުރައްވާފައެެވެ.

މި ޕްރޮގްރާމްގެ މައިގަނޑު މަޤްޞަދަކީ، ދިވެހިރާއްޖޭގެ މިސްކިއްތަކުގައި އިމާމުވެ ނަމާދުކުރާ ފަރާތްތަކަކީ، ދީނީ ކަންކަމުގައި ޢާއްމު ރައްޔިތުންނާއެކު ފަރުޟު ފަސްނަމާދު އިސްކުރައްވާ ފަރާތްތައް ކަމަށްވާތީ، އެފަރާތްތަކަށް އިތުރު ތަމްރީނުދިނުމާއި، ހުނަރުވެރިކަން އިތުރުކުރުމާއި، ފުޅާދާއިރާއެއްގައި އެބޭފުޅުންގެ މަސައްކަތްތައް ބައްޓަންކުރުމަށް މަގުފަހިކުރުމުވެ.

މައިގަނޑު ގޮތެއްގައި މި ޕްރޮގްރާމްގައި ކިޔަވައިދޭނީ ތަޖުވީދު، ހުކުރު ޤަވާޢިދާ އުސޫލު، ސިވިލް ސާވިސްގެ ޤަވާޢިދާ އުސޫލު، މަސައްކަތުގެ އަޚްލާޤާއި އެހެން މީހުންނާއި މުޢާމަލާތްކުރުން، ނަމާދުގެ ޙުކުމްތައް އަދި ޚިލާފީ މައްސަލަތަކުގައި ޢަމަލުކުރާނެގޮތް ފަދަ މަޢުލޫތަކަށެވެ.

މި ޕްރޮގްރާމް ކުރިއަށް ދާނީ އިއްޔެއިން ފެށިގެން މާދަމާގެ ނިޔަލަށެވެ. ބާއްވާ މި ޕްރޮގްރާމްގައި ކިޔަވައިދެއްވާނީ ފުންނާބުއުސް ޢިލްމުވެރިންނާއި ޤާރީންކަމަށް އިސްލާމިކް މިނިސްޓްރީން ވިދާޅުވެއެވެ.

މި ޕްރޮގްރާމްގައި 43 ޚަތީބުންނާއި، 43 އިމާމުންނާއި 8 ޕޫލް އިމާމުންނާއެކު ޖުމްލަ 94 ބޭފުޅުން ބައިވެރިވެއެވެ.

ލިޔުން ވިދާޅުވުމަށްފަހު ހިއްސާ ކުރައްވާ

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *