މަސްވެރިންގެ ދުވަހުގެ ގޮތުގައި ފާހަގަ ކުރާ ޑިސެމްބަރ މަހުގެ 10 ވަނަ ދުވަހާއި ގުޅިގެން ހދ. ނެއްލައިދޫގައި މަސްރޭހެއް ކުރިއަށް ގެންދިއުމަށް ހަމަޖެހިއްޖެއެވެ.

މި މަސްރޭހަކީ ނެއްލައިދޫ ކައުންސިލާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީއިން އިންތިޒާމްކޮށްގެން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ހަރަކާތެކެވެ.

Ad
rt

މި މަސްރޭހުގައި ބައިވެރިވާން ބޭނުންވާ ޓީމްތަކުން 09 ޑިސެމްބަރ 2021 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ކުރިން ބައިވެރިވުމަށް އެދޭ ފޯމު ފުރުއްވާ ހުށައެޅުމަށް ނެއްލައިދޫ ކައުންސިލުން ވަނީ އެދިވަޑައިގެންފައެވެ. ފޯމް ހުށައެޅުމަށް ހަމަޖެހިފައިވަނީ މި ލިންކް މެދުވެރިކޮށެވެ.

އެގޮތުން މި މަސްރޭހުގައި ބައިވެރިވާ ޓީމްތަކުން އެންމެ މަދުވެގެން 4 މީހުން އަދި ގިނަވެގެން 6 މީހުންނަށް ބައިވެރިވެވޭނެއެވެ. މަސް ރޭސް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ އެދުވަހުގެ ހަވީރު 16:00 އިން ފެށިގެން އެރޭ 20:30 ހާ ހަމައަށެވެ.

އެ ކައުންސިލުން ވިދާޅުވެފައިވާ ގޮތުގައި މި މަސްރޭހުގައި ބައިވެރިވާ ޓީމް ތަކުގެ ތެރެއިން 1 ވަނަ، 2 ވަނަ އަދި 3 ވަނަ އަށް ދާ ފަރާތްތަކަށް ފައިސާގެ އިނާމު ދިނުމަށް ވަނީ ހަމަޖެހިފައެވެ. އަދި އެންމެ ބަރު މަސް ބާނާ ފަރާތަކަށާއި އެންމެ މޮޅު ކޮޔޮޅަށް ވެސް ފައިސާ އިނާމު ލިބިގެންދާނެއެވެ.

މި މުބާރާތުގައި ބައިވެރިވާ ޓީމްތަކަށް މުބާރާތުގެ އާއްމު ގަވާއިދު އެ ކައުންސިލުން ހިއްސާ ކުރާނެއެވެ.