ރައީސް ޢަބުދުﷲ ޔާމީން ޢަބުދުލްޤައްޔޫމްގެ ދައުރުގައި ހއ. ހޯރަފުށީގައި އައިސްޕްލާންޓެއް ގާއިމުކޮށް ދެއްވިކަަމަށް އެމަނިކުފާނު ވިދާޅުވެފައިވާކަމަށާއި، އެއީ އިތުރުފުޅެއްކަމަށް ހޯރަފުށީ ކައުންސިލުން ވިދާޅުވެއްޖެއެވެ.
ހޯރަފުށީ ކައުންސިލްގެ ހަތް މެންބަރުން ސޮއިކުރަށްވާ މިއަދު ނެރުނު ނޫސް ބަޔާނެއްގައި ވިދާޅުވީ، މިހިނގާ ޑިސެމްބަރ 10 ވަނަ ދުވަހުގެ ރޭ އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަނުން ބޭއްވި "ކޮތަރު ކޮށި" ޖަލްސާގައި ކުރީގެ ރައީސް އަބުދުﷲ ޔާމީން ޢަބުދުލް ޤައްޔޫމް، އެމަނިކުފާނުގެ ވެރިކަމުގައި ހޯރަފުށީގައި އައިސްޕްލާންޓެއް ގާއިމުކޮށް ދެއްވިކަމަށް ވިދާޅުވިކަމަށެވެ.
ނަމަވެސް އެއީ އިތުރުފުޅެއްކަމަށް ހޯރަފުށީ ކައުންސިލުން ވިދާޅުވިއެވެ.
""ކޮތަރު ކޮށި" ޖަލްސާގައި ކުރީގެ ރައީސް އަބުދުﷲ ޔާމީން ޢަބުދުލް ޤައްޔޫމް، އެމަނިކުފާނުގެ ވެރިކަމުގައި ހޯރަފުށީގައި އައިސްޕްލާންޓް ގާއިމުކޮށްފައި ހުންނާނެ ކަމުގައި ވިދާޅުވި ވިދާޅުވުމަކީ ކަނޑައެޅިގެން ހެއްދެވި އިތުރުފުޅެއް ކަމުގައި ދަންނަވަމެވެ." ހޯރަފުށީ ކައުންސިލުން ވިދާޅުވެފަ ވެއެވެ.
އަދި އެ ކައުންސިލުން ވިދާޅުވީ، "ރައްޔިތުންނަށް ހަޤީގަތް އޮޅުންބޮޅުން ވާގޮތަށް މިފަދަ ވާހަކަފުޅުތައް ދެއްކެވުމަކީ ކައުންސިލުން ނުހަނު ކަންބޮޑުވާ ކަމެއް" ކަމަށެވެ.
ހޯރަފުށީ ކައުންސިލްގެ ނޫސްބަޔާނުގައި ވަނީ ހޯރަފުށީގައި ޤާއިމުކުރެވިފައިވާ އައިސްޕްލާންޓަކީ ޗަންޕާ ބްރަދާސްގެ ޗެއަރމަން މުހައްމަދު މޫސާގެ ދީލަތި އެހީތެރިކަމާއެކު ފިޝަރީޒް މިނިސްޓްރީއާއި މިފްކޯއާއި ހޯރަފުށީ ކައުންސިލް ގުޅިގެން ޤާއިމުކުރި އައިސްޕްލާންޓެއްކަން ފާހަގަ ކުރަށްވާފައެވެ.
ހޯރަފުށީގައި އަލަށް ގާއިމް ކުރެވުނު އައިސްޕްލާންޓް ރަސްމީކޮށް ހުޅުވީ މި މަހުގެ 11 ވަނަ ދުވަހުއެވެ. މިއީ 4.2 މިލިއަން ރުފިޔާގެ މަޝްރޫޢުއެކެވެ.
އަމިއްލަ ވިޔަފާރިއެއް ކަމަށްވާ ޗަމްޕާ ބްރަދާސް ގެ އިސްވެރިޔާ މުހައްމަދު މޫސާ (އުއްޗު) ގެ ދީލަތި އެހީތެރިކަމާއި އެކު ހޯރަފުށީ ކައުންސިލާއި މިފްކޯ ގުޅިގެން ގާއިމުކުރި މި އައިސްޕްލާންޓަކީ 25 ޓަނުގެ އައިސްޕްލާންޓެކެވެ.
އެރަށުގެ އައިސްޕްލާންޓް ގާއިމް ކުރުމުގެ އެއްބަސްވުމުގައި ސޮއި ކޮށްފައިވަނީ މިއަހަރުގެ ޖެނުއަރީ މަހުގެ 27 ވަނަ ދުވަހުއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!