ކުރިއަށްއޮތް 5 އަހަރު ދުވަހުގެ ތަރައްޤީގެ ޕްލޭނާއި ފައިނޭންޝަލް ޕްލޭން (2026- 2022) ތައްޔާރުކޮށް ހުށަހެޅި ހދ. އަތޮޅުގެ ރަށްތައް އެ އަތޮޅު ކައުންސިލުން ޢިއުލާންކޮށްފިއެވެ.
ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނުގެ 107-2 ގެ (ހ) ގައިވާ ގޮތުގެމަތިން އަލަށް އިންތިޚާބު ކުރެވުނު ކައުންސިލަރުން މަޤާމާ ޙަވާލުވާ ތާރީޚުން ފެށިގެން 3 (ތިނެއް) މަސްދުވަހުގެ ތެރޭގައި، ކުރިއަށްއޮތް 5 އަހަރު ދުވަހުގެ ރަށުގެ ތަރައްޤީގެ ޕްލޭނާއި ފައިނޭންޝަލް ޕްލޭން ތައްޔާރުކޮށް އަތޮޅު ކައުންސިލަށް
ހުށަހަޅަން ޖެހެއެވެ.
ނަމަވެސް ކޯވިޑް-19 ގެ ހާލަތާ ގުޅިގެން ޢާންމު ޞިއްޙަތު ރައްކާތެރި ކުރުމުގެ ކުއްލި ނުރައްކަލުގެ ޤާނޫނަށް ރިއާޔަތްކޮށް، މި ދެންނެވި ޕްލޭންތައް ތައްޔާރުކޮށް އަތޮޅު ކައުންސިލް އިދާރާއަށް ހުށަހެޅުމުގެ ސުންގަޑިއަކީ، 2021 ނޮވެމްބަރ 30 ކަމުގައި ރައްޔިތުންގެ މަޖިލީހުގެ ލާމަރުކަޒީ ކޮމިޓީއާއި، ލޯކަލް ގަވަރމަންޓް އޮތޯރިޓީން މަޝްވަރާކުރުމަށްފަހު ވަނީ ކަނޑައަޅުއްވާފައެވެ.
ހދ. އަތޮޅުކައުންސިލުން ނެރުއްވާފައިވާ ނޫސްބަޔާނެއްގައިވާ ގޮތުން ހިރިމަރަދޫ ކައުންސިލް ފިޔަވާ ހުރިހާ ކައުންސިލަކުން ތަރައްގީގެ ޕްލޭން ވަނީ ތާރީޚަށް ހުށަހަޅާފައެވެ. ތާރީޚަށްވުރެ ލަސްވި ނަމަވެސް އެކައުންސިލުން ވެސް ވަނީ އެ ޕްލޭން މިހާރު ހުށަހަޅާފައެވެ. އެ ކައުންސިލުން އެ ޕްލޭން ހުށަހެޅީ ޑިސެމްބަރު މަހުގެ 1 ވަނަ ދުވަހުއެވެ.
ފައިނޭންޝަލް ޕްލޭނަށް ބަލާއިރު އެ ޕްލޭން ވެސް ދެ ރަށް ފިޔަވާ ހުރިހާ ރަށަކުން ވަނީ ތާރީޚަށް ހުށަހަޅާފައެވެ. ތާރީޚަށް ހުށަހަޅާފައި ނުވަނީ ހަނިމާދޫ ކައުންސިލުންނާއި، ހިރިމަރަދޫ ކައުންސިލުންނެވެ. ހަނިމާދޫ ކައުންސިލުން ތާރީޚް ފަހަނަ އެޅިފަހުން 7 ޑިސެމްބަރުގައި އެ ޕްލޭން ހުށަހަޅާފައިވާއިރު، ނޫސްބަޔާން އާންމު ކުރެއްވުމާއި ހަމައަށް ހިރިމަރަދޫ ކައުންސިލުން އެ ޕްލޭން އަދި ހުށަހަޅާފައެއް ނުވެއެވެ.
ހދ. އަތޮޅު ކައުންސިލްގެ ނޫސްބަޔާނުގައި، ކުރިއަށްއޮތް 5 އަހަރު ދުވަހުގެ ތަރައްޤީގެ ޕްލޭނާއި ފައިނޭންޝަލް ޕްލޭން (2026- 2022) ތައްޔާރުކޮށް ހުށަހެޅުއްވި އެ އަތޮޅުގެ ކައުންސިލްތަކަށް މަރުޙަބާ ދަންނަވާފައިވާއިރު، އެ ޕްލޭންތައް ތާރީޚަށް ފޮނުއްވާފައިވާ ކައުންސިލްތަކުން، ޤާނޫނީ ޒިންމާ އަދާކުރައްވާފައިވާތީ އެކަން ފާހަގަކުރަށްވައި، އެކަމަށް ޝުކުރު އަދާކުރަށްވާފައި ވެއެވެ.
2019 ވަނަ އަހަރު ލާމަރުކަޒީ ޤާނޫނަށް ގެނެވުނު 8 ވަނަ އިސްލާހުގެ ދަށުން އަލަށް އެކުލަވާލެވޭ ކައުންސިލްތަކުގެ އިންތިޚާބަށްފަހު، އިންތިޚާބުކުރެވޭ މެންބަރުން މަޤާމާ ޙަވާލުވުމަށްފަހު 3 (ތިނެއް) މަސްދުވަހުގެ ތެރޭގައި ކޮންމެ ކައުންސިލަކުންވެސް އެސިޓީ/އަތޮޅު/ރަށުގެ ތަރައްޤީގެ ޕްލޭން އެކުލަވާލަންޖެހެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!