ކޯވިޑް-19 ބަލީގައި ރާއްޖެއިން އިތުރު ދެ މީހަކު ނިޔާވެއްޖެއެވެ.
މިއާއެކު ރާއްޖެއިން މި ބަލީގައި ނިޔާވި މީހުންގެ ޢަދަދު ވަނީ 250 އަށް އަރާފައެވެ.
ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ވިދާޅުވި ގޮތުގައި ނިޔާވެފައި ވަނީ އުމުރުން 54 އަހަރުގެ މީހަކާއި، 90 އަހަރުގެ މީހެކެވެ.
މީގެތެރެއިން ނިޔާވި އުމުރުން 54 މީހާއަކީ، ނ. މަނަދޫގައި ހުންނަ ނ. އަތޮޅު ހޮސްޕިޓަލްގައި އެޑްމިޓްކޮށްގެން ފަރުވާދެމުން ދިޔަ މީހެކެވެ. އެއީ ދިވެހި އަންހެނެކެވެ.
ނިޔާވި 90 އަހަރުގެ މީހާއަކީ ހުޅުމާލޭ ކޯވިޑް ފެސިލިޓީގައި ފަރުވާ ދެމުން ދިޔަ މީހެކެވެ. އެއީ ދިވެހި ފިރިހެނެކެވެ.
ނ. އަތޮޅުން ނިޔާވި މީހާ ނިޔާވީ ރޭ މެންދަމު 2:00 ގައެވެ. ހުޅުމާލޭ ކޯވިޑް ފެސިލިޓީން ނިޔާވި މީހާ ނިޔާވީ މިއަދު ހެނދުނު 10:42 ގައެވެ.
ކޯވިޑް ބަލީގައި ރާއްޖެއިން އިތުރު ދެ މީހަކު ނިޔާވެފައިވާއިރު، މި ދުވަސްވަރަކީ ކޯވިޑްގެ އާ ވޭރިއެންޓަކާއެކު ދުނިޔެ ސިހިފައިވާ ދުވަސްވަރެކެވެ.
ގިނަ އަދަދަކަށް މިއުޓޭޓްވެފައިވާ އޮމިކްރޮން ކޯވިޑް19 ވޭރިއެންޓް ފުރަތަމަ ފަހަރަށް ފެނިފައިވަނީ ދެކުނު އެފްރިކާއިންނެވެ. އަދި އެއަށްފަހު، ނުރައްކާތެރި މި ވޭރިއެންޓް ވަނީ ބެލްޖިއަމް، އިސްރާއީލް އަދި ހޮންކޮންގއިންވެސް ފެނިފައެވެ.
B.1.1.529, ގެ ނަމުންވެސް މުޚާތަބްކުރެވޭ މި ވޭރިއެންޓްއަކީ ހަށިގަޑުގެ ދިފާއީނިޒާމް ފޫއަޅުވާލުމުގެ ގާބިލްކަން ލިބިފައިވާ ވޭރިއެންޓެއް ކަމުގައި ސައިންސްވެރިން ދަނީ ބުނަމުންނެވެ.
އަދި ކޯވިޑާއި ދެކޮޅަށް މިހާރު ބޭނުން ކުރަމުންދާ ވެކްސިންތައް މި ވޭރިއެންޓާއި ދެކޮޅަށް ބޭނުން ކުރެވޭކަން ޔަގީން ކުރުމަށް ހަފްތާތަކެއް ނަގާފާނެކަމަށް ރަސްމީ ފަރާތްތަކުން މައުލޫމާތު ދީފައި ވެއެވެ.
މި ވޭރިއަންޓް ޔޫރަޕް ބައްރުގެ ބައެއް ގައުމުތަކުން މިހާރު ފެނިފައިވާއިރު، ބައެއް ގައަމުތަކާއި، އަވަށްތައް ބަންދުކޮށް ރައްކާތެރިކަމުގެ ފިޔަވަޅު ވަނީ ވަރުގަދަ ކޮށްފައެވެ. އަދި ރާއްޖޭން ވެސް ވަނީ ފިޔަވަޅުތައް އަޅަން ފަށާފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!