ހއ. އިހަވަންދޫ ކައުންސިލްގެ ކުރީގެ ރައީސް، މުޙައްމަދު ރަޝީދު، ސިޔާސީ މަޤާމަކަށް އައްޔަން ކުރައްވައިފި އެވެ.
ރަޝީދު އައްޔަން ކުރައްވާފައިވަނީ މިނިސްޓްރީ އޮފް ނެޝަނަލް ޕްލޭނިން، ހައުސިން އެންޑް އިންފްރާންސްޓްރަކްޗާގެ ސީނިއަރ އެކްސެކެޓިވް ޑިރެކްޓަރުގެ މަގާމަށެވެ.
ގާނޫނުއަސާސީގެ 115 ވަނަ މާއްދާގެ (ޅ)އިން ރައީސުލްޖުމްހޫރިއްޔާއަށް ލިބިދޭ ބާރުގެ ދަށުން، ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙް، އެމަގާމަށް ރަޝީދު އައްޔަން ކުރައްވާފައިވަނީ މިއަދު އެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި ރަޝީދު މަސައްކަތް ކުރައްވާނީ އިހަވަންދޫ ކައުންސިލް އިދާރާގަ އެވެ.
ރަޝީދަކީ އިހަވަންދޫގައި އެމްޑީޕީގެ އިސްސަފުގައި މަސައްކަތް ކުރަމުން އަންނަ ފަރާތެކެވެ. ހއ. އަތޮޅުގައި ސިޔާސީ ގޮތުން އެތަކެއް ކާމިޔާބީއެއް ހޯއްދަވާފައި ހުންނަނެވި ފަރާތެކެވެ. ރަޝީދަކީ ދެގޮތެއްނުވެ އެމްޑީޕީގައި ދެމިހުރި ފަރާތެކެވެ.
އެގޮތުން ފުރަތަމަ ރައީސް ނަޝީދުގެ ދައުރުގައި އިހަވަންދޫ އަށް އައްޔަން ކުރެއްވި ކައުންސިލަރަކީ ރަޝީދުއެވެ. މީގެ އިތުރުން ހއ. އަތޮޅު ކައުންސިލްގެ އިހަވަންދޫ ދާއިރާގެ މެންބަރުކަމަށް 2011 ވަނަ އަހަރު އެމްޑީޕީގެ ޓިކެޓުގައި ވާދަކޮށް 1070 ވޯޓު އަަދި 2014 ވަނަ އަހަރު 1144 ވޯޓުން އިންތިހާބުވެފައިވެ އެވެ. މިދެދައުރުގައި ހއ އަތޮޅު ކައުންސިލްގެ ރައީސްކަމާއި، ނައިބް ރައީސްކަން ކުރައްވާފައިވެއެވެ.
2017 ވަނަ އަހަރު ވަނީ އިހަވަންދޫ ކައުންސިލްއަށް ވާދަކޮށް 1000 ވޯޓު ހޯއްދަވާފަ އެވެ. އެއަށް ފަހު މިފަހުން ބޭއްވުނު ކައުންސިލް އިންތިހާބުގައި އިހަވަންދޫ ކައުންސިލްގެ ރައީސްގެ މަގާމަށް ވާދަކޮށް ވަނީ ނާކާމިޔާބުވެފަ އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!